ކުޑަ އާބާދީއަކާއެކު 4،000 އަހަރުވީ ދިގު ތާރީހެއްގައި މިނިވަންކަންމަތީ ދެމިތިބެ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ގައުމީ ވިސްނުމާއި މާތް ﷲ ދެއްވި މަތިވެރި ނިއުމަތުގެ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދިވެހި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ގައުމުގެ މާޒީއާއި މިއަދާއި މުސްތަގުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސްކަމުގައި ރައީސް ސިފަކުރެއްވިއެވެ. ޖުމްހޫރީ ވެރިކަމުގެ މާނައަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަންކަމަށާއި، ޖުމްހޫރީ ދުވަހަކީ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސްކަމަށެވެ.
ދިވެހިރާއްޖޭގެ ތާރީހީ ނަސީބުވެރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން ވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު، އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ހިލާފު ހަގީގަތެއްކަމަށެވެ. އަދި ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް ބައެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށް ޓަކައި އަބަދުވެސް މާތް ﷲއަށް ޝުކުރުވެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން ހިޔާރުކުރިކަމާއި، މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ގާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަމަށެވެ.
އަދި ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އިންތިހާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާސިލުވުމުން ހާމަވަނީ، ގައުމަށް އެންމެ ފައިދާހުރި މަގުތައް ހިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ގައުމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
