މަގާމުން ދުރުކުރި މިޔަންމާގެ ލީޑަރު އަންސަން ސޫޗީގެ މައްޗަށް ކޮށްފައިވާ 4 އަހަރުގެ ޖަލު ހުމުން ލުއި ކޮށް ދީފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މިޔަންމާގައި އަސްކަރީ ބަޣާވާތެއް ކުރުމަށް ފަހު ސޫޗީ މަގާމުން ދުރުކުރޮށް އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. އެއަށް ފަހު އޭނާގެ މައްޗަށް ޖުމްލަ 11 ދައުވާއެއް އުފުލާފައި ވާއިރު ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އޭނާގެ މައްޗަށް އެއިން 1 ދައުވާ ކަމުގައިވާ ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވުމުގެ ދައުވާ ވަނީ ސާބިތުވެފައެވެ. އެއާއެކު އޭނާގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމެއް މިޔަންމާ ކޯޓަކުން ވަނީ އިއްވާފައެވެ.

ނަމަވެސް އެ ހުކުމް ލުއި ކޮށް ދިނުމަށް ފަހު ދެ އަހަރަށް ޖަލަށް ލުމަށް ވަނީ ނިންމާފައެވެ. ގިނަ ދައުވާތަކެއް އުފުލައި ޝަރީއަތް ހިންގަމުންދާ ސޫޗީއަށް ކުރި މި ހުކުމާ ގުޅިގެން ބޭރުގެ މީޑިއާތަކުން ބުނެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު މިއީ ކުޑަ މިންވަރެއް ކަމަށެވެ.

ސޫޗީގެ މައްޗަށް އުފުލާފައިވާ 11 ދައުވާއަށް ވެސް އޭނާ އިންކާރު ކޮށްފައި ވާއިރު ބައެއް ދައުވާތަކުގެ ތެރޭގައި އެގައުމުގައި ނިމިދިއަ އިންތިހާބު އޭނާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ވެސް ތުހުމަތު ކޮށް ދައުވާ އުފުލާފައި ވެއެވެ. އަދި ކޮވިޑްގެ ޕްރޮޓޮކޯލްތަކާ ހިލާފުވުމުގެ ދައުވާއާއި، ސިއްރުތަކާއި ބެހޭ ގާނޫނާ ހިލާފުވުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

މި ބަޣާވާތާއެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ސޫޗީގެ އިތުރުން އެ ގައުމުގެ 15 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.