މިޔަންމާގައި ޑިމޮކްރަސީއަށް ވަކާލާތު ކުރަމުން ދިޔަ 4 އެކްޓިވިސްޓެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން، އެގައުމުގެ އަސްކަރީ ލީޑަރަށް ފިއްތުންތައް ކުރިމަތި ކުރުމަށް، އެމެރިކާއިން ޗައިނާއަށް ގޮވާލައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު، ނެޑް ޕްރައިޒް ވިދާޅުވީ، އެހެން އެއްވެސް ގައުމަކަށް ނުފޯރުވޭ މިންވަރަށް، ޗައިނާއިން މިޔަންމާގެ މައްޗަށް ނުފޫޒު ފޯރުވިދާނެ ކަމަށެވެ.

ޕްރައިޒް ވިދާޅުވީ މި މައްސަލާގައި ގައުމުތަކުން އަދިވެސް އިތުރަށް މަސައްކަތް ކުރުމަށް އެމެރިކާއިން ގޮވާލާ ކަމަށާ، ހުދު އެމެރިކާއިންވެސް އިތުރު ކަންތައްތަކެއް ކުރާނެ ކަމަށެވެ.

ނަމަވެސް ޗައިނާއިން ވަނީ އެހެން ގައުމެއްގެ ދާހިލީ ކަންކަމާ ޗައިނާއިން ނުބެހޭ ކަމަށް ބުނެފައެވެ.

މިޔަންމާގައި އެކްޓިވިސްޓުންތަކެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ، ހިޔާލު ތަފާތުވުންތަކުން އަރައިގަތުމަށް މިޔަންމާއިން އެ ގައުމުގެ ގާނޫނުތަކާއި ގާނޫނު އަސާސީގެ ބޭނުން ކުރަން ޖެހޭ ކަމަށެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުގެ މެންބަރަކު، އާންމު ރައްޔިތަކު ހިފަހައްޓައިގެން / ފައިލް ފޮޓޯ: ސީބީއެސް ނިއުސް

މިޔަންމާއާއެކު އާންމު އުސޫލުން، އެއްވެސް ގައުމަކުން، އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެ ކަމަށް ބާރު އަޅުއްވާ ވާހަކަދައްކަވަމުން ޕްރައިޒް ވަނީ، މިޔަންމާއަށް އަސްކަރީ ހަތިޔާރު ނުވިއްކުމަށް، ހުރިހާ ގައުމަކަށް ގޮވާލައްވާފައެވެ. އަދި މިޔަންމާގައި މިހާރު އޮތް އަސްކަރީ ސަރުކާރަށް އެއްވެސް ހާލެއްގައި ގާނޫނީ ހައިސިއްޔަތު ނުދިނުމަށްވެސް ޕްރައިޒް ވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ.

މިޔަންމާގައި އަސްކަރީ ވެރިކަމެއް ކުރަން ފަށާފައި ވަނީ އެ ގައުމުގައި އޮތް އިންތިހާބީ ސަރުކާރު، ފެބުރުއަރީ 2021 ގައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހުގައެވެ.

ޕްރައިޒް ވަނީ މިޔަންމާގެ އަސްކަރީ ސަރުކާރަށް އާމްދަނީ ލިބޭ ހުރިހާ މަގެއް ބަންދު ކުރުމަށް، އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމާ މެދު އެމެރިކާއިން ވިސްނަމުން ދާ ކަން ވެސް ހާމަ ކުރައްވާފައެވެ.

އެތައް އަހަރެއްގެ މެދު ކެނޑުމަށް ފަހު، މިޔަންމާގައި 4 އެކްޓިވިސްޓެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާ އިރު، ޓެރަރިޒަމްގެ އަމަލު ހިންގި ކަމުގެ ކުށުގައި ހުކުމް ތަންފީޒުކޮށް، މަރާލާފައި ވަނީ ކުރީގެ ގާނޫނީ ވަކީލު ފިޔޯ ޒޭޔާ ތޯ، ލިޔުންތެރިޔާ އަދި އެކްޓިވިސްޓް ކޯ ޖިމީ، ހްލާ މިޔޯ އާންގް އަދި އާންގް ތޫރާ ޒޯއެވެ.

އެ 4 އެކްޓިވިސްޓުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަން މިޔަންމާގެ އަސްކަރިއްޔާއިން އެންމެ ފުރަތަމަ އިއުލާން ކުރީ ޖޫން 2022ގައެވެ. އެއާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި އެކަން ކުށްވެރި ކުރިއެވެ.

ޑިމޮކްރަޓިކް އިންތިހާބަކުން މިޔަންމާގައި އޮތް އާންގް ސަންގް ސޫޗީގެ ވެރިކަން، އަސްކަރީ ބަޣާވާތަކުން ބަދަލު ކުރީ ފެބުރުއަރީ 2021 ގައެވެ. އޭގެ ފަހުން މިޔަންމާގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އަސްކަރިއްޔާއިން ވަނީ ބާރުގެ ބޭނުން ކޮށް، މުޒާހަރާތަކުގެ އަޑު، މުޅިންހެން ކަނޑުވާލާފައެވެ.

މިޔަންމާގައި އޭރު ވެރިކަން ކުރަމުން ދިޔަ ސޫޗީގެ ނޭޝަނަލް ލީގް ފޮ ޑިމޮކްރަސީއާއި، އެ ނޫންވެސް ފަރާތްތަކުން ދިޔައީ އަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.

މިޔަންމާގައި ގެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ/ ފޮޓޯ: ސްކައި ނިއުސް

މިޔަންމާގެ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައަށް މާ ބޮޑު ކަމެއް ނުކުރެވި އުޅެނިކޮށް މިޔަންމާގައި 4 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާ އިރު، އެމީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރި ގޮތުގެ ތަފްސީލެއް އެ ގައުމުން ހާމަ ކޮށްފައެއް ނުވެއެވެ. މިއީ 1988 ވަނަ އަހަރަށް ފަހު، މިޔަންމާގައި މަރުގެ ހުކުމް ތަންފީޒު ކުރި ފުރަތަމަ ފަހަރެވެ. މިޔަންމާގައި މީގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރަމުން ގޮސްފައި ވަނީ ދަންޖައްސައިގެންނެވެ.

ކަން މިހެން އޮތް އިރު، ހަމަ މިފަދަ މައްސަލަތަކެއްގައި އިތުރު 100 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވާ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީއިން ވަނީ އިންޒާރު ކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މިޔަންމާގައި ހިންގި އަމަލު ކުށްވެރި ކުރަމުންނެވެ. ޑިމޮކްރަސީގެ އެކްޓިވިސްޓުންތަކެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި ކުރުން، ކުށްވެރިކޮށް ބަޔާން ނެރުނު ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، ނިއުޒީލަންޑް، ނޯވޭ، ދެކުނު ކޮރެއާ، އިނގިރޭސިވިލާތް، އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިހާދުވެސް ހިމެނެއެވެ.