ބަޣާވާތަކުން މިޔަންމާގެ ވެރިކަން ވައްޓާލާ، އެ ގައުމުގެ ކޮންޓްރޯލް ނަގާފައި ވާ އަސްކަރިއްޔާއާ ދެކޮޅަށް، "ރައްޔިތުންގެ ދިފާއު"ގެ ނަމުގައި، އެ ގައުމުގެ ހިޔަނި ސަރުކާރުން ހަނގުރާމަ އިއުލާން ކޮށްފިއެވެ.

ފެބުރުއަރީ 1، 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ވެރިކަން ވައްޓާލި އަސްކަރިއްޔާއާ ދެކޮޅަށް، މިޔަންމާގެ ނޭޝަނަލް ޔުނިޓީ ގަވަމަންޓުން ހަނގުރާމަ އިއުލާން ކުރީ، އެ ހަރަކާތުގެ ރައީސްގެ މަގާމުގައި ހުރި ދުވާ ލަޝީ ލާއެވެ. އޭނާ މިކަން އިއުލާން ކުރީ، މިއަދުގެ ވަގުތެއްގައި، ފޭސްބުކްގައި އާންމު ކުރި ވީޑިއޯއެއް މެދުވެރިކޮށެވެ.

ބާޣީ އަސްކަރީ ސަރުކާރާ ދެކޮޅަށް ހިޔަނި ސަރުކާރުން ހަނގުރާމަ އިއުލާން ކުރީ، ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތް ކުރުމުގެ ނަމުގައި ކަމަށް، މިޔަންމާގެ ނޭޝަނަލް ޔުނިޓީ ގަވަމަންޓުން ބުނެއެވެ.

މިއީ އާންމު ރައްޔިތުންގެ "އިންގިލާބީ" ތެދުވުމެއް ކަމަށާ، މިއީ ގައުމުގެ ހުރިހާ ހިސާބަކުން، އާންމުންގެ ހުރިހާ އެންމެން އެ "ޓެރަރިސްޓުންނާ" ދެކޮޅު އަސްކަރިއްޔާއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށްވެސް ދުވާ ވަނީ ހާމަކޮށްފައެވެ.

މިޔަންމާގެ ހިޔަނި ސަރުކާރުން އިއުލާން ކުރި ހަނގުރާމައާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ.

ނޮވެންބަރު 2020 ގައި ކުރިއަށް ގެންދިޔަ އިންތިހާބު ސައްހަ ނޫން ކަމަށް ބުނެ، މިދިޔަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ މަދަނީ ސަރުކާރު ވައްޓާލާ، އިސްވެރިން ހައްޔަރު ކޮށް، ލީޑަރުންނާ ދެކޮޅަށް ވަރުގަދަ ދައުވާތަކެއް ފެންމަތިކުރިއެވެ.

ގައުމުގެ މުޅި ކޮންޓްރޯލް އަސްކަރިއްޔާގެ ދަށަށް ގެންގޮސް، 1 އަހަރު ދުވަހަށް ގައުމީ ކުއްލި ނުރައްކާ އިއުލާން ކޮށްފައި ވާއިރު، އަސްކަރީ ބަޣާވާތާ ދެކޮޅަށް އެތައް ބަޔަކު ދަނީ މިޔަންމާގެ އެކި ހިސާބުތަކުގައި އަޑު އުފުލަމުންނެވެ.