ގައުމުތަކުގައި ދާހިލީ ފެންވަރުގައި ހިންގާ ސިޔާސީ ކަންކަމުގެ ތެރެއަށް އެ ޖަމިއްޔާއިން ނުވަންނާނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ޕޮލީސް އޯގަނައިޒޭޝަން ނުވަތަ ޖިނައީ ކުށް ކުރުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ ފުލުހުންގެ ބައިނަލްއަގުވާމީ އިއްތިހާދު (އިންޓަޕޮލް) އިން ބުނެފިއެވެ.

ގައުމުތަކުގައި އުފެދިފައި އޮންނަ ދާހިލީ ސިޔާސީ ކަންކަމުގެ ތެރެއަށް އެ ޖަމިއްޔާއިން ނުވަންނާނެ ކަމަށް އިންޓަޕޮލް އިން ބުނެފައި މި ވަނީ، "ޓެރަރިޒަމް" ހުއްޓުވުމަށް އިންޓަޕޮލްގެ އެހީއަށް އެދިފައި ވާނެ ކަމަށް، ބަގާވާތަކުން މިޔަންމާގެ ކޮންޓްރޯލް ނަގާފައި ވާ އެ ގައުމުގެ އަސްކަރިއްޔާއިން ހާމަ ކޮށްފައި ވާ ދަނޑިވަޅެއްގައެވެ.

މިޔަންމާގެ މަސްރަހާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މީޑިއާއަކުން ސުވާލު ކުރުމުން، އިންޓަޕޮލް އިން ވަނީ، ހާއްސަ ހާލަތެއްގައި މެވުނީ، ވަކިވަކި ކޭސްތައް ނުވަތަ ހަރަކާތްތަކާ ބެހޭ ގޮތުން އެ ޖަމިއްޔާއިން އެއްޗެއް ނުބުނާނެ ކަމަށް ބުނެފައެވެ.

ނަމަވެސް ސިޔާސީ ވާދަވެރިންނާ، ސަރުކާރަށް ފާޑުކިއާ ފަރާތްތަކާ، ބަގާވާތަކާ ގުޅިގެން ބަޔަކު ހައްޔަރު ކުރުން ފަދަ، ދާހިލީ ކަންކަމުގެ ތެރެއަށް އިންޓަޕޮލްއިން ނުވަންވާނެ ކަމަށާ، އެފަދަ ހުށަހެޅުންތަކަށްވެސް އެހީތެރިކަން ފޯރުކޮށް ނުދޭނެކަމަށް އިންޓަޕޮލް އިން ވަނީ ޖަވާބުގައި ބުނެފައެވެ.

އިންޓަޕޮލްގެ މައިގަނޑު މަސައްކަތްތައް ބިނާވެފައި އޮންނަނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ޖަރީމާތައް ކޮންޓްރޯލް ކޮށް، އެ ފަދަ ޖަރީމާތައް ހުއްޓުވުމުގެ މައްޗަށެވެ. ފަރަންސޭސިވިލާތުގައި މަރުކަޒު ކޮށްފައި ވާ އިންޓަޕޮލްއަކީ، މުޅި ދުނިޔެއަށް ފެތުރިފައި ވާ، ފުލުހުންގެ ހަމައެކަނި އިއްތިހާދީ ޖަމިއްޔާއެވެ. ދުނިޔޭގެ 7 ސަރަހައްދެއްގައި އެ ޖަމިއްޔާގެ ބިއުރޯ ހިންގާއިރު، މެންބަރު ގައުމުތަކުގެ އަދަދު 195 އަށް އަރައެވެ.