ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު ދުންފުހުގެ އަސަރުކޮށް، ވައިގެ ސާފުމިން ދަށްވެ ފެންނަ ހިސާބު ކުރުވެފައިވާ ކަމަށާއި، މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމިގެންދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާ ކޮށްފިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހާއްސަކޮށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަ ވަގުތު އުޅޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮޕާނިކަސް އެޓްމޮސްފިއާ މޮނިޓަރިންގް ސާވިސް (CAMS) ގެ ފޯކާސްޓް ތަފްސީލަށް ބަލާއިރު، ރާއްޖޭގެ ވައިގެ ތެރޭގައި ހިމުން ހިރަފުހާއި ދުމުގެ މިންވަރު ހުރީ ޕީއެމް 2.5ގައެވެ. މިއީ އާންމު މިންގަނޑަށް ވުރެ މަތީ މިންވަރެކެވެ.

ރާއްޖެއަށް މި ދުވަސްވަރު ދުންފުހުގެ އަސަރު ކުރިމަތިވަނީ އިރުވައި މޫސުމުގެ ކުރީކޮޅު ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރު ޖެހޭ ވައިގެ މިސްރާބު ހުންނަ ގޮތުން، އަވަށްޓެރި އިންޑިއާ ހިމެނޭހެން ހިމާލިޔާ ސަރަހައްދާއި އުތުރު އޭޝިއާގެ ގައުމުތަކުގައި އުފެދޭ ދުމާއި ހިރަފުސް ވައިގެ އޮއިވަރާއެކު ބޭ އޮފް ބެންގޯލް ހުރަސްކޮށް ރާއްޖެއާ ދިމާއަށް ދަތުރުކުރުމުގެ ސަބަބުންނެވެ.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ވައި ނުސާފުވާ މިންވަރު އަންގާދޭ ރިޕޯޓް / ފޮޓޯ: މެޓް އޮފީސް

މި ދުވަސްވަރަކީ އުތުރު އިންޑިއާ ފަދަ ސަރަހައްދުތަކުގައި ފިނި މޫސުމާ ދިމާކޮށް ދަނޑުވެރިކަމުގެ ކުނި އެންދުމާއި، ކާރުޚާނާތަކުގެ ސަބަބުން ވައިގެ ނުސާފުމިން އިންތިހާއަށް މަތިވާ ދުވަސްވަރެކެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް ރާއްޖެއަށް މިފަދަ ހާލަތްތައް ކުރިމަތިވެފައިވާއިރު، ސިއްހީ މާހިރުން އަބަދުވެސް ލަފާދެއްވަނީ މިފަދަ ދުވަސްވަރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށެވެ.