ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކަށާއި ބުކިން ހިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ދެ ބިލަކީވެސް މި ހިނގާ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރި ދެ ބިލެވެ.

ރައީސް އޮފީހުން ބުނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 9 ވަނަ އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކަށާއި، އެފަދަ ޕްރޮޑަކްޓްތަކާ ގުޅޭ އޭޖެންސީ ނުވަތަ ބުކިން ހިދުމަތްތަކުން 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީއެސްޓީ ނެގުން ހުއްޓުވުމަކަށް ގެނައުންކަމަށެވެ.

މީގެ އިތުރުން، ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން ވެސް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި 5 ވަނަ އިސްލާހާއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން، އެފަދަ މައްސަލަތައް އިސްތިއުނާފުކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތައާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ހަލާސްކުރުމަށްފަހުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި އެ އަދަދު އެއްކޮށް ދައްކައި ހަލާސްކުރަންޖެހޭ ހާލަތްތަކާއި، އިސްތިއުނާފުކުރާ އަދަދާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ނުވަތަ އިންޓްރެސްޓާމެދު އަމަލުކުރާނެ ގޮތްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް މި ދެ ބިލު ތަސްދީގުކުރައްވާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި ދެ އިސްލާހަށް ވެސް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.