އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބިންހެލުމަކާ ގުޅިގެން ރާއްޖެއަށް ސުނާމީ އަރަން އުޅޭކަމަށް ބުނެ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ނަމުގައި ދައުރުކުރަމުންދަނީ ސައްހަ ނޫން ދޮގު މެސެޖެއް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީގެ ނަމުގައި ދައުރުވަމުންދާ މެސެޖަކީ އަސްލެއް ނެތް މެސެޖެއް ކަމަށެވެ.

އަދި އާންމުންނާ ހިއްސާކުރަންޖެހޭ އެންމެހައި މައުލޫމާތާއި އިރުޝާދުތައް އަބަދުވެސް ހިއްސާކުރަމުން ގެންދާނީ އެ އޮތޯރިޓީގެ ރަސްމީ މަންސަތަކުން ކަމަށާއި، މައުލޫމާތުގެ ސައްހަކަން ހުރިހާ ފަރާތްތަކުން ވެސް ކަށަވަރުކުރުމަށް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.

މީސްމީޑިއާގައާއި އެކި މެސެޖިން އެޕްލިކޭޝަންތަކުގައި އެންޑީއެމްއޭގެ ނަމުގައި ދައުރުކުރަމުންދަނީ "އިވެކުއޭޝަން އޯޑާ" އެއްގެ ސިފައިގައި ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައި ވަނީ އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އުފެދި، އެ ރާޅުތައް ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އެ ލިޔުމުގައި އަންގާފައިވެއެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއް ނެތް މައުލޫމާތެއް ކަމަށް އެންޑީއެމްއިން މި ވަނީ ކަށަވަރުކޮށްދީފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި މޫސުމީ ނުރައްކާތަކުގައި އަބަދުވެސް މައުލޫމާތު ހޯދަންވާނީ ކަމާބެހޭ ރަސްމީ އިދާރާތައް ކަމަށްވާ އެންޑީއެމްއޭ އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ފަދަ އިދާރާތަކުން ދޫކުރާ ރަސްމީ ބަޔާންތަކާއި އެލާޓްތަކަށް ބަލައިގެންނެވެ. އަދި ސައްހަ ނޫން މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ގާނޫނީ ގޮތުން ވެސް މަނާ ކަމެކެވެ.