މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އަސްކަރީ ބަޣާވާތަކުން ވެރިކަން ބަދަލު ކޮށްފައި ވާ މިޔަންމާގައި ޑިމޮކްރަސީއަށް ވަކާލާތު ކުރަމުންދާ އެކްޓިވިސްޓުންގެ ތެރެއިން 4 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.

ޑިމޮކްރަސީއަށް ވަކާލާތު ކުރަމުން ދިޔަ 4 އެކްޓިވިސްޓެއްގެ މައްޗަށް، އެގައުމުގެ އަސްކަރިއްޔާއިން މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާ އިރު، މިއީ ފާއިތުވެދިޔަ އަހަރުތަކުގައި އެ ގައުމުން މަރުގެ ހުކުމް ތަންފީޒު ކުރި ފުރަތަމަ ފަހަރު ކަން ފާހަގަ ކުރަން ޖެހެއެވެ.

ޓެރަރިޒަމްގެ އަމަލު ހިންގި ކަމުގެ ކުށުގައި ހުކުމް ތަންފީޒުކޮށް، މަރާލާފައި ވަނީ ކުރީގެ ގާނޫނީ ވަކީލު ފިޔޯ ޒޭޔާ ތޯ، ލިޔުންތެރިޔާ އަދި އެކްޓިވިސްޓް ކޯ ޖިމީ، ހްލާ މިޔޯ އާންގް އަދި އާންގް ތޫރާ ޒޯއެވެ.

އެ 4 އެކްޓިވިސްޓުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަން މިޔަންމާގެ އަސްކަރިއްޔާއިން އެންމެ ފުރަތަމަ އިއުލާން ކުރީ ޖޫން 2022ގައެވެ. އެއާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި އެކަން ކުށްވެރި ކުރިއެވެ.

ޑިމޮކްރަޓިކް އިންތިހާބަކުން މިޔަންމާގައި އޮތް އާންގް ސަންގް ސޫޗީގެ ވެރިކަން، އަސްކަރީ ބަޣާވާތަކުން ބަދަލު ކުރީ ފެބުރުއަރީ 2021 ގައެވެ. އޭގެ ފަހުން މިޔަންމާގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ ނަމަބވެސް، އަސްކަރިއްޔާއިން ވަނީ ބާރުގެ ބޭނުން ކޮށް، މުޒާހަރާތަކުގެ އަޑު، މުޅިންހެން ކަނޑުވާލާފައެވެ.

މިޔަންމާގައި އޭރު ވެރިކަން ކުރަމުން ދިޔަ ސޫޗީގެ ނޭޝަނަލް ލީގް ފޮ ޑިމޮކްރަސީއާއި، އެ ނޫންވެސް ފަރާތްތަކުން ދިޔައީ އަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.

މިޔަންމާގެ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައަށް މާ ބޮޑު ކަމެއް ނުކުރެވި އުޅެނިކޮށް މިޔަންމާގައި 4 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާ އިރު، އެމީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރި ގޮތުގެ ތަފްސީލެއް އެ ގައުމުން ހާމަ ކޮށްފައެއް ނުވެއެވެ. މިއީ 1988 ވަނަ އަހަރަށް ފަހު، މިޔަންމާގައި މަރުގެ ހުކުމް ތަންފީޒު ކުރި ފުރަތަމަ ފަހަރެވެ. މިޔަންމާގައި މީގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރަމުން ގޮސްފައި ވަނީ ދަންޖައްސައިގެންނެވެ.