ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި އޮތް ހޮންގްކޮންގްއިން އެއްވެސް މީހަކަށް ބޭރަށް ނުދެވޭ ގޮތަށް އެ ސިޓީގެ އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުދުމުހުތާރު ބާރު ލިއްބައިދޭ ކަން ދޭހަވާ ފަދަ މޭރުމަކުން ހޮންގްކޮންގްގެ ބާ އެސޯސިއޭޝަނުން އަޑު ފަތުރަމުން ދާ ކަމަށް، ހޮންގްކޮންގްގެ ސެކިއުރިޓީ ބިއުރޯއިން ތުހުމަތު ކޮށްފިއެވެ.

ހޮންގްކޮންގްގެ ސެކިއުރިޓީ ބިއުރޯއިން މިފަދަ ތުހުމަތެއް ފެންމަތި ކޮށްފައި މިވަނީ، ހޮންގްކޮންގްގެ ގާނޫނަށް ގެނަން ހުށަހެޅި އިސްލާހަކުން، އާދަޔާ ހިލާފު، ހުދުހުމުހުތާރު ބާރެއް، އިމިގްރޭޝަން ޑިޕާޓްމަންޓަށް ދޭ ކަމަށާ، އެކަމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބުނެ، ބާ އެސޯސިއޭޝަނުން ވާހަކަތަކެއް ފެންމަތި ކުރުމުންނެވެ.

ސެކިއުރިޓީ ބިއުރޯއިން ރައްދުގައި އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ހޮންގްކޮންގްގެ ލެޖިސްލޭޓިވް ކައުންސިލަށް ބާ އެސޯސިއޭޝަނުން މައްސަލަ ވައްދާފައި ވަނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެ ރިއާޔަތް ކުރާ ގާނޫގުގެ ހަގީގީ މަގުސަދުވެސް އޮޅޭ ގޮތަށް، ތާކުން ތާކު ނުޖެހޭ އޮޅުންތައް އަރާ ފަދަ ގޮތަކަށް ކަމަށް ބިއުރޯގެ ބަޔާނުގައިވެއެވެ.

ހޮންގްކޮންގްގެ އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހަކީ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން މުއާހަދާއިން ހޮންގްކޮންގްއާ މަތިކުރާ ޒިންމާ އަދާ ކުރުމަށް ބާރު ދެނިވި އިސްލާހެއް ކަމަށް ހޮންގްކޮންގްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މި މުއާހަދާ ބުނާ ގޮތުން، ވަކި ވަކި ފަރުދުންނަށް ބޯޓަށް ބޯޑު ނުކުރެވޭ ގޮތަށް އަމުރެއް ނެރުމުގެ ބާރު، އިމިގްރޭޝަނަށް ދެއެވެ.

މިއީ ގަވައިދާ ހިލާފަށް ހޮންގްކޮންގްގައި ދިރިއުޅޭ ފަރާތްތައް ހުއްޓުވުމަށް ލިބޭނެ ފުރުސަތެއް ކަމަށް، ސެކިއުރިޓީ ބިއުރޯއިން ހޮންގްކޮންގްގެ ލެޖިސްލޭޓިވް ކައުންސިލަށް މީގެ ކުރިން ހުށަހެޅި ބަޔާނެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

މި އިސްލާހަކީ ހޮންގްކޮންގްއަށް އަންނަ ފްލައިޓްތަކަށް ތަންފީޒު ކުރާނެ އިސްލާހެއް ކަމަށާ، މިއީ ހޮންގްކޮންގްއިން ފުރާ ފްލައިޓްތަކުގެ މައްޗަށް ތަންފީޒު ކުރާ ބަދަލެއް ނޫން ކަމަށްވެސް ބިއުރޯއިން ބުނެއެވެ. އަދި ހޮންގްކޮންގްގެ ރަށްވެހިންނަށް އެ ސިޓީއަށް އެތެރެވުމަށް އެއްވެސް ހުރަހެއް ނެތް ކަންވެސް ބިއުރޯއިން ފާހަގަ ކުރެއެވެ.

ސެކިއުރިޓީ ބިއުރޯއިން ބުނާ ގޮތުގައި ގަވައިދާ ހިލާފަށް ހޮންގްކޮންގްގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދު، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވަނީ 4 ގުނަ އިތުރުވެފައެވެ.