ޖިންސީ ގޯނާގެ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތްތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓާ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންސާފު ގާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ އެފަދަ މައްސަލަތައް ބެލުން ކަމަށެވެ.
ހަމައެހެންމެ ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ގާއިމް ކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދަށް ވަނީ ހަތް ދައުވާއެއް ކޮށްފައެވެ.
އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.