ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފަށް ލޯބިކުރާ އެންމެން ކަންބޮޑުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުން ނޫން ކަމަށެވެ.
އެގޮތުން އެފަދަ ނުބައި އަމަލުތަކާމެދު އިސްލާމްދީނުގެ މާތް އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާން ޖެހޭ ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.
މައުމޫނު މިހެން ވިދާޅުވީ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ފުރުވާލުމުގައި ޕީޖީ ހުސެއިން ޝަމީމް އަމަލު ކުރައްވާފައި ވަނީ ރަނގަޅަށް ތޯ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ އަންހެން މެންބަރުން އެދިވަޑައިގެންފައި ވާ ދަނޑިވަޅެއްގައެވެ.
މި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހުށަހަޅުއްވައި ދެއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
19 ވަނަ މަޖިލީހުގެ 85 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަތަރު އަންހެން މެންބަރުން ހުށަހެޅުއްވި ސިޓީގައި ވަނީ، ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކޮށް ތަހުގީގު ކުރެވި ދައުވާ އުފުލިފައިވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފަރާތަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވިފައި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަން ހިނަގއިގެން ދިއުމަކީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ތަހައްމަލް ކުރަން ޖެހުނު އިތުރު އަނިޔާއެއް ކަމަށް އެ ސިޓީގައި ވެއެވެ.
އަލީވަހީދުގެ މައްޗަށް އުފުލާފައި އޮތް ދައުވާ ތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވާ ޕާސްޕޯޓް ދޫކޮށްލަން ކޯޓުން އަމުރު ކުރި ތަނުން އޭނާ ވަނީ ލަންޑަނަށް ފުރާވަޑައިގެންފައެވެ.