ހިޖުރީ މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ފިތުރު އީދު ވާނެ ދުވަހަކާ މެދު ބަހުސް ކުރެވެމުންދާ މި ދަނޑިވަޅުގައި އެކްސްގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން ކަމަށެވެ.

"ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫނެވެ. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ." މައުމޫންގެ ޕޯސްޓުގައި ވެއެވެ.

ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައިވަނީ މާޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށެވެ.

"ސައޫދީ އަރަބިއްޔާ އާއި، މިސްރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި ހިނގާ މާޗު 29، ގައި އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ،"
މައުމޫން

ނަމަވެސް އިލްމުވެރިޔާގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުުރައްވާފައިވާ ޑރ. ހަސަން ހަމީދު ވިދާޅުވީ، ފިތުރު އީދު ދުވަހަކީ ހޯމަ ދުވަހަށް ވުން ގާތްކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ހަމީދު ވިދާޅުވީ ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެވެ. "މި ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ. ނުފެންނާނެ އަނެއް ސަބަބަކީ ހަނދު އުފަންވުމާއި އޮއްސުމާއި ދެމެދު ވަނީ 2:17 (ދެ ގަޑި 17 މިނެއްޓު)، ކުރިން ދެންނެވިހެން ރާއްޖޭގައި ހަނދު ފެނުމަށް، އުފަންވުމާއި އޮއްސުމާ ދެމެދު 17 ގަޑިއިރު ވާން ޖެހޭނެ. ނުފެންނާނޭ އަނެއް ދަލީލަކީ ކަނާތް ފަރާތުގައިވާ ކޮލަމްގައި އޮއްސޭއިރު ހަނދުގެ އަލިކަން ހުންނާނެ ވަރަކީ 0.0 ޕަސެންޓު ކަމަށް ލިޔެފައިވާކަން،" ހަމީދު ވިދާޅުވިއެވެ.

ހަމައެހެންމެ އިސްލާމީ ގައުމަކަށް ހަނދު ފެނުމުން އެއަށް ތަބާވެ ދުވަސް ކަޑައަޅަން ފެށީވެސް މައުމޫންގެ ވެރިކަމުގައިކަން ފާހަގަކޮށް ހަސަން ވިދާޅުވީ އޭގެ ކުރިން އިސްލާމީ ދުނިޔޭގައިވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ގައުމަކަށް ހަނދު ފެނުމުންކަމަށެވެ. އަދި މިކަމުގައި ދީނީ އިލްމުވެރިންގެ ބަސްވެސް ހަސަން ވަނީ އޭނާގެ ލިޔުމުގައި ހިމަނުއްވާފައެވެ. އަދި މުޅި އޭޝިއާގެ ބައްރަށް މާޗު 29، ގައި ހަނދެއް ނުފެންނާނެ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

ފިތުރު އީދަށް ހަނދު ސާބިތުކުރުމުގައި ރައީސް މައުމޫނާއި ހަސަން ހަމީދުގެ ހިޔާލު ދެކަފިވެ ބޮޑު ބަހުސެއްގެ ނިމުން އެނގިގެންދާނީ މިރޭގެ ހަނދު ބެލުމަށް ހާއްސަ ކުރާ ޖަލްސާއިންނެވެ.

ކަލަންޑަރުގައިވާ ގޮތުން ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. މައުމޫނަކީ ފަލަކީ އިލްމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ، އެދާއިރާގެ ފުންނާބު އުސް އިލލްމުވެރިއަކަށްވާއިރު މީގެ ކުރިން ވެސް ރާއްޖޭގެ ރަމަޟާން މަހުގެ ހަނދު ބެލުމުގެ އިތުރުން އީދަށް ހަނދު ބެލުމުގައި ރައީސް މައުމޫން އަންދާޒާކުރައްވާ ގޮތަށް ވަނީ ދިމާވެފައެވެ.