ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އޮޅުންއަރާފަދަ ވާހަކަ ނުދެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.

ޝަހީމް މިފަދައިން އިލްތިމާސްކޮށްފައި ވަނީ މި އަހަރުގެ ފިތުރު އީދު ދުވަހާމެދު ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދުގެ ހިޔާލުތަފާތުވެ އާންމުންގެ ގިނަ ބަޔަކު އެކަމާ ބަހުސްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރުނުކުރާގޮތައް ކަމަށެވެ.

ހާއްސަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަހްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމަށްވުމާއެކު މި ކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުއީ ހަމަތަކާއި ރާއްޖޭގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީއިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިއުލާންކުރުމާއި އީދު އިއުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެކަމެއް ކަމަށާއި އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ފިތުރު އީދު ދުވަސް ވާނީ މާދަމާއަށް ކަމަށެވެ. އަދި ޑރ. ހަސަން ހަމީދު ވިދާޅުވެފައި ވަނީ ފިތުރު އީދު ދުވަސް ވާނީ އަންނަ ހޯމަ ދުވަހަށް ކަމަށެވެ.