ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގިނަ ފިރިހެނުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އާ ސަލާމް ނުކުރުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ގައުމީ ދުވަހުގެ ޝަރަފުގައި ވަނީ ދަރުބާރުގޭގައި ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން އަދި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެކިއެކި ފަރާތްތަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ޖަލްސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ދިވެހި ވަންތަކަމަށްޓަކާ ފަހުރުވެރިވާން ޖެހޭ ގިނަ ކަންތައްތަކެއް ފެނިވަޑައިގަތުމުން އުފާފުޅުވި ކަމަށެވެ.

"ހަމަ އެއާއެކު ވަރަށްގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވި." މައުމޫން ލިޔުއްވާފައި ވެއެވެ.

މައުމޫން މިފަދައިން ވިދާޅުވެ ހިޔާލު ފާޅުކުރެއްވުމާ ގުޅިގެން ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ 'ހިލޭ ފިރިހެނުން ހިލޭ އަންހެނުންނާ ސަލާމް ކުރުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫންކަން' މައުމޫން އަށް އެނގިވަޑައިނުގަންނަވާތޯ ސުވާލުވެސް އުފައްދާފައެވެ. އަދި ހަމައެހެންމެ މައުމޫން މިފދައިން ވިދާޅުވުމާއެކު އެކަން ބައެއް މީހުން ސިފަ ކޮށްފައި ވަނީ ދީނަށް ހަޖޫ ޖެހުން ކަމަށެވެ.