ގިންތީގެ ތަފާތުކުރުމެއް ނެތި ގައުމީ ހިދުމަތުގެ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ފަހިކޮށްދިނުމާއި އެ ދާއިރާތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މައި މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބުނު ސިފައިންގެ އޮފިސަރުންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއީ ސިފައިންގެ ތާރީހުގައި އަންހެން އޮފިސަރުންނަށް މޭޖަރުގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މި ކަމުން ދޭހަކޮށްދެނީ ދިވެހި އަސްކަރިއްޔާގައި ވެސް އަންހެނުންނަށް އޮތް ހަމަ ހަމަ ފުރުސަތުތައް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ވެސް ޒަމާނީ އަސްކަރިއްޔާތަކުގައި އެ ކަން ކުރަމުން އަންނަ ގޮތް ބަލައި އެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު ސިފައިންގެ ތައުލީމީ ފެންވަރާއި އެ މީހެއްގެ ސިފަވަންތަ އަހުލާގާއި ނަތީޖާ ނެރެދޭ މިންވަރާއި ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ދިވެހި ސިފައިންނަކީ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މި ގޮތުން ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި އަސްކަރީ އާލާތްތައް ހޯދާ، ޒަމާނީ ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށްވުރެ އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައީސް ވަނީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ދިވެހި ސިފައިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.