ކައުންސިލް އިންތިހާބު ފަސްކުރަނީ އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެތީ ބިރުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބު އެކި ފަހަރު މަތިން ލަސްކުރަމުން ދިއުމަކީ ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ބޮޑުތަނުން ގެއްލި އެޕާޓީގެ ކެނޑިޑޭޓުންނަށް ރައްޔިތުން ތާއީދު ނުކުރާނެކަން ހާމަވެ، އެކަމާ ސަރުކާރުން ބިރުގަނެ ކަންބޮޑުވެ މާޔޫސްވާކަން ސާބިތުވާ ދަލީލެއް ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނީ ވާދަވެރި ކޯލިޝަންގެ ސަޕޯޓަރުން އިލެކްޝަންސް ކޮމިޝަން އިދާރާ ދޮށުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖްކޮށް އަޑުއުފުލުމުން އަނިޔާވެރިކަމާއެކު ގާނޫނުން ބޭރުން އެ އެއްވުން ރޫޅާލައި ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ގެ ނާއިބު ރައީސް އިބްރާހީމް ސުޖާއު އާއި ކައުންސިލްގެ މެންބަރުން އަދި ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 24 މެންބަރުން ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން އެފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސީޕީ ހަމީދު އަދި މޯލްޑިވްސް ޕޮލިސް ސާވިސަށް ވަނީ ގޮވާލާފައެވެ.

އީސީގެ އިދާރާ އަކީ ގްރީން ޒޯނެއް ނޫން ކަމާއި އެއްވެ މެންބަރުން އަޑު އުފުލަމުން ދިޔައީ ސުލްހަވެރިކަމާއެކު ކަން ފާހަގަކޮށް ގާނޫނު އަސާސީން އަދި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގަކަށް ހުރަސް އެޅިކަމާއި ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރިކަމުގެ މައްސަލަ އުފުލާނެކަމުގެ އިންޒާރު ވެސް އިދކޮޅުން ވަނީ ދީފައެވެ.

އޭގެ އިތުރުން ކޮވިޑްގެ ނިވާފަތުގައި ތިބެގެން ސަރުކާރުން ކެމްޕޭނުކުރުމާއެކު ސަރުކާރު ހިންގާ އެމްޑީޕީ އާމެދު ރައްޔިތުންގެ ހިތްތަކުގައި އުތުރެމުންދާ ރުޅިވެރިކަމާއި ފޫހިކަމުގެ ޝުއޫރުތަކަށް ފިނިކަމެއް ގެންނަން ވަގުތު ހޯދުމަށްޓަކައި ޑެމޮކްރަސީގެ އުސޫލުތަކާ ހިލާފަށް އިންތިހާބު ލަސްކުރަމުން ދިއުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ޑެމޮކްރަސީއަށް ބީރައްޓެހިކަން ސާބިތު ދަލީލުތަކެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ކުރަމުންދިޔަ އިހުތިޖާޖުގައި އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ ވަނީ އަޑުއުފުލާފައެވެ. އެ މުޒާހަރާގައި ބައިވެރިން ވަނީ އަނިޔާވެރި ކަމާއި ބަދަލު ހިފުން ދޫކޮށްލައި ރައީސް ޔާމީން މިނިވަން ކުރަން ވެސް ގޮވާލާފައެވެ.