"ފުރަތަމަ އެމެރިކާ"ގެ ޕްލެޓްފޯމަކީ ކާމިޔާބު ޕްލެޓްފޯމެއް ކަމަށާ، މި ފަހަކުން ސަޕޯޓަރުން ފެށި ހަރަކާތަކީ އަދި ހަމަ ފެށުމެއްގެ މަލަމަތި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިފަދަ ރޫހެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާގެ ރައީސް ކަމުގެ ދައުރު ނިންމަވާލެއްވުމުގެ ކުރިން ދެއްވި ވިއްސަކަށް މިނެޓްގެ، ވަދާއީ ވީޑިއޯ މެސެޖުގައެވެ.
މިއަދަކީ މި ދައުރުގައި އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް ފެނިގެންދާނެ އެންމެ ފަހު ދުވަހެވެ. ނޮވެމްބަރު 3، 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ކުރިއަށް އޮތް 4 އަހަރުގެ މުއްދަތަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާފައި ވަނީ، ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއެވެ.
ނޮވެމްބަރު މަހުގެ އިންތިހާބުން ބަޔަކު ވައްކަން ކޮށްފައި ވާ ކަމަށް ވިދާޅުވެ އެއްވެސް އަސާސެއް ނެތް އިލްޒާމްތަކެއް ފެންމަތި ކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ ބައިޑަންގެ ސަރުކާރަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއާ ވިދިގެން ޓްރަމްޕް ވަނީ، ސަޕޯޓަރުންގެ ހަރަކާތަކީ އަދި ހަމަ ފެށުމެއް ކަމަށް އިޝާރާތް ކުރައްވާ، އިންޒާރުގެ ސިގުނަލެއް ދެއްވާފައެވެ.
ވެރިކަމުގައި ދެވަނަ ދައުރަކު ނުހުންނަވާނެ ކަން ޓްރަމްޕް ފުރަތަމަ ފަހަރަށް އިއުލާން ކުރެއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއީ ޓްރަމްޕްގެ ސަޕޯޓަރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ކެޕިޓޮލް ބިލްޑިންގް)ގައި ހިންގި އުދުވާންތަކަށް ފަހުގައެވެ. ނަމަވެސް، އަދިވެސް، އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވިކަމަށް ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވެފައެއް ނުވެއެވެ.
ޓްރަމްޕް ވަނީ، ކެޕިޓޮލް ބިލްޑިންގްގައި ހިންގި ޖަރީމާތައް، އޭނާގެ ވަދާއީ މެސެޖުގައި ކުށްވެރި ކުރައްވާފައެވެ. ސިޔަސީ ގޮތުން ހިންގާ ހަމަނުޖެހުމަކީ، އެމެރިކާއިން އެކަމަކަށްޓަކައި ފަހްރުވެރިވާ ހުރިހާ ކަމަކަށް ދެވުނު ހަމަލާއެއް ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ އެއްވެސް އިރެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ކަންމިހެން އޮތްއިރު، ކެޕިޓޮލް ބިލްޑިންގްގައި ހިންގި ޖަރީމާތަކަށް ޓްރަމްޕް ހިތްވަރު ދެއްވި ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިމައްސަލާގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ވަނީ ޓްރަމްޕް އަޒުލުވެސް ކޮށްފައެވެ. މައްސަލަ މިހާރު އޮތީ ސެނެޓް ނުވަތަ މަތިގޭގައެވެ. ޑިމޮކްޓަރުންނާއި ޓްރަމްޕްގެ ރިޕަބްލިކަން މެމްބަރުންގެ މެދުގައި 50-50 އުސޫލުން ހިއްސާ ކުރާ ސެނެޓްގައި މައްސަލަ ތަހުގީގުކޮށް ނިންމާ ގޮތަކުން، ދެން ދުވަހަކުވެސް ޓްރަމްޕަށް ވެރިކަމަށް ވަޑައިނުގެންނެވޭ ގޮތްވެސް ވެދާނެއެވެ.
މީގެ 4 އަހަރު ކުރިން އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ހުރިހާ ގޮތަކުންވެސް އެމެރިކާ އެންމެ އުހަށް ގެންދެވުމަށް ކަމަށް ވިދާޅުވަމުން ވަދާއީ މެސެޖުގައި ޓްރަމްޕް ވިދާޅުވީ، މިހާތަނަށް ހާސިލުކުރެއްވުނު ކާމިޔާބީތަކާ މެދު ފަހްރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް (ޑިޒީޒް-19) ގެ ކުރިން އެމެރިކާގެ އިގުތިސޯދު ކުރިއަރާ ގޮސްފައި ވާ ހިސާބަށް ތައުރީފު ކުރައްވާ ކަމަށާ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެކްސިން ތަރައްގީ ކުރެވިގެން ދިޔަ ހަލުވި މިނަށްވެސް ޓްރަމްޕް ވަނީ ވަދާއީ މެސެޖުގައި ތައުރީފު ކުރައްވާފައެވެ.
ޖޯ ބައިޑަން، މަގާމުގެ ހުވާ ކުރައްވަނީ ޖީއެމްޓީ ގަޑިން މިއަދު ހަވީރު 16:30 (ރާއްޖެ ގަޑިން 21:30) ހާއިރުއެވެ. މި ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައެއް ނުގަންނަވާނެއެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީހަށް ބަލާއިރު، ފާއިތުވީ 150 އަހަރުގެ ތެރޭގައިވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ ފުރަތަމަ ރައީސްއެވެ.
އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް ރަސްމީކޮށް ވަކިވެވަޑައިގަތުމަށް ހާއްސަކޮށްގެން އޮންނަ ރަސްމިއްޔާތެއް، ޖޮއިންޓް ބޭސް އެންޑްރޫޒްގައި މިއަދު ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ރަސްމިއްޔާތަށް ފަހު ޓްރަމްޕް ވަޑައިގަންނަވާނީ ފްލޮރިޑާއަށެވެ.