ނޮވެމްބަރު 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔަސީ އިންތިހަބުގައި، ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި މަހުޖަނު، ރައީސް ޑޮނާލްޑް ޓްރަމްޕް، 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ ޕްރެސް ސެކްރެޓަރީ ކަން ކުރައްވާފައިވާ ޝޯން ސްޕައިސާ ވިދާޅުވީ، އާ ދައުރަކަށް ޓްރަމްޕް ކުރިމަތިލައްވާނެ ކަން ޔަގީން ނުވި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާން ޓްރަމްޕަށް ވިސްނާ ދިނުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ސްޕައިސާ މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ އޭނާގެ އަމިއްލަ ރައުޔަށް ފެނިވަޑައިގެން ކަމެއް ނުވަތަ ކުރީގެ ޓީވީ ތަރި އަދި މީޑިއާގެ ސަމާލުކަން ހޯއްދެވި ރައީސް ޓްރަމްޕް ފަރާތްޕުޅުން ކަމެއް ބައިނަލްއަގުވާމީ މީޑިއާއަށް އަދި ސާފެއް ނުވެއެވެ.

ވައިޓްހައުސްގެ ކޮންޓްރޯލް، އަލުން އަނބުރާ ޓްރަމްޕްގެ މުށުތެރެއަށް ގެންދަވަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ އަޑުތައް ފެތުރޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.

2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރިޕަބްލިކަން ފިކުރުގެ ޑޮނާލްޑް ޓްރަމްޕަށް، 2020 ވަނަ އަހަރުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގަތުމުން، އިންތިހާބުގެ ކަންކަމަށް ފާޑުވިދާޅުވިއެވެ. އެ ފަހަރުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވީ މިހާރުގެ ރައީސް އަދި އޭރުގެ ޑިމޮކްރަޓިކް ކެންޑިޑޭޓް، ޖޯ ބައިޑަންއެވެ.