ދިވެހިރާއްޖެއާއި އެމެރިކާއަކީ އެކުވެރި، 2 ބައިވެރިން ކަމަށާ، ދޭދޭ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމެރިކާގެ އާ ރައީސް ޖޯސެފް އާރް ބައިޑަން، މަގާމުގެ ހުވާ ކުރެއްވުމަށް ވޮޝިންގްޓަންގައި ކުރިއަށް ދިޔަ ރަސްމިއްޔާތާ ދިމާކޮށް، ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި ރައީސް ސޯލިހު ވަނީ، އެމެރިކާގެ 46 ވަނަ ރައީސް ބައިޑަންއާއި އެމެރިކާގެ 49 ވަނަ ނައިބު ރައީސް ކަމަލާ ހެރިސްއަށް މަރުހަބާ ދަންނަވާ، ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެމެރިކާއާއި ބަދަހި ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން، ނިމިދިޔަ އެމެރިކާގެ ކުރީގެ ސަރުކާރުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، 2020 ވަނަ އަހަރުގެ ފަހުކޮޅު، ރާއްޖެ ވަޑައިގެންނެވި އިރު، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަން ވަނީ ހާމަކޮށްފައެވެ.

ޖޯ ބައިޑަންއާއި ކަމަލާ ހެރިސް، މަގާމުގެ ހުވާ ކުރެއްވުމަށް ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރު ތަމްސީލު ކުރައްވާފައި ވަނީ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިންއެވެ.