ނޮވެމްބަރު 2020 ގެ ރިޔާސީ އިންތިހާބަށް ފަހު، އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނެވި ހަގީގީ ދުނިޔޭގެ ކަންކަމުން ހަވާސާވެވަޑައިގެންފައިވާ ހާލުކޮޅުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށް، އެމެރިކާގެ ކުރީގެ ބަންޑާރަ ނައިބު ބިލް ބާ ވިދާޅުވެއްޖެއެވެ.

ޖެނުއަރީ 6، 2021 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލް ބިލްޑިންގަށް އާންމުން ވަދެގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދާ ހާއްސަ އިންކުއަރީއަށް ދެއްވި ބަޔާނުގައި ބާ ވަނީ، އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ވިދާޅުވުމާ މެދު، ހުދު ޓްރަމްޕްގެ ކެމްޕޭން ޓީމު ތެރޭގައިވެސް ދެބަސްވުންތައް ހުރި ކަމަށެވެ.

ކެމްޕޭން ޓީމު ތެރޭގައި 2 ފެކްޝަނެއް އުފެދުނު ކަމަށާ، އެއީ އިންތިހާބުގައި ޓްރަމްޕް ނާކާމިޔާބު ވެވަޑައިގެންނެވިކަމަށް ގަބޫލު ކުރި "ޓީމް ނޯމަލް"އާއި، ނަތީޖާއަށް އިންކާރުކުރި، ޓްރަމްޕްގެ އިހުލާސްތެރިންގެ ފެކްޝަން ކަމަށްވެއެވެ.

ޓްރަމްޕާ ދެކޮޅަށް މައްސަލަ ބަލަމުންދާ ޕެނަލުން ވަނީ، ވެރިކަމުގައި ދެމިހުންނެވުމަށްޓަކާ، ޓްރަމްޕް ބަޣާވާތް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކޮށްފައެވެ.

ވަކީލުން މެދުވެރިކުރައްވާ، ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރު ބިލް ސްޓޭޕިއަން ވަނީ، ނޮވެމްބަރު 2020 ގެ އިންތިހާބުގައި ކާމިޔާބު އިއުލާން ނުކުރެއްވުމަށް ޓްރަމްޕްގެ އެންމެ އަރިސް ޓީމުން އިރުޝާދު އަރުވާފައި ވާ ކަމަށެވެ.

ނަމަވެސް ނަތީޖާ ބަލައިގަތުމަށް އިންކާރު ކުރި ފެކްޝަނެއް އޮތް ކަމަށާ، އެއީ "ރަޑީޒް ޓީމް" ކަމަށް ސްޓޭޕިއަން ވަނީ ވިދާޅުވެފައެވެ. ނަތީޖާތައް ލިބެމުން ދަނިކޮށްވެސް އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާން ކުރެއްވުމަށް ރަޑީ ޖޫލިއާނީ އިރުޝާދު އެރުވި ކަމަށް ޓްރަމްޕްގެ މުޝީރެއް ކަމަށްވާ ޖޭސަން މިލާވެސް ވަނީ ބަޔާނުގައި ވިދާޅުވެފައެވެ.

އިންތިހާބުގެ ނަތީޖާ ލިބެމުން ދިޔަ ރޭ، ޖޫލިއާނީ ހުންނެވީ މަސްތުގެ ހާލުގައި ކަމަށް މިލާ ތުހުމަތު ކުރެއްވިއިރު، ޖޫލިއާނީ ވަނީ އެފަދަ އިލްޒާމެއް މިލާ އަމާޒުކުރައްވަންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކެޕިޓޮލް ބިލްޑިންގްގައި ހިންގި ހަމަނުޖެހުންތަކަކީ ޓްރަމްޕްގެ އޯޑަރަކަށް ހިންގި ހަމަނުޖެހުންތަކެއް ކަމަށް ވަކާލާތު ކުރަމުން ދާ އިރު، ބުދަ ދުވަހާއި ބުރާސްފަތި ދުވަހުވެސް ކޮމިޓީއަށް ބަޔާން ދިނުމަށް އަޑުއެހުންތައް ވަނީ ތާވަލު ކޮށްފައެވެ.