ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާގެ މާޒީގައިވެސް ނުދެކޭ ފަދަ ސިޔާސީ ކުރިމަތިލުމަކަށް ފަހު، އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން، އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.

ބައިޑަން، އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާފައި ވަނީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމު ބައިޑަން ކަށަވަރު ކުރެއްވީ އިލެކްޓޯރަލް ކޮލެޖުގެ 306 ވޯޓު ކަށަވަރު ކުރައްވައިގެންނެވެ. ޕެންސިލްވޭނިއާ ސްޓޭޓްގެ އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރެއްވި ބައިޑަން، އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާ ކުރެއްވިއިރުވެސް، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދިވެސް ސާފު އިބާރާތުން ވިދާޅެއް ނުވެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުން ބަޔަކު ވައްކަން ކޮށްފައި ވާކަމަށް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕް ވަނީ ބައިޑަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައި ނުގެން، ވޮޝިންގްޓަން ދޫކުރައްވާ، ފްލޮރިޑާއަށް ވަޑައިގެންފައެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހުވާ ކުރެއްވީ ބައިޑަންގެ ނައިބުގެ ގޮތުގައި ހުންނެވި ކަމަލާ ހެރިސްއެވެ. ކަމަލާ ހެރިސްއަކީ ކަޅު ނަސްލާއި އިންޑިއާ ދަރިކޮޅަށް ނިސްބަތްވެވަޑައިގެންވި ފުރަތަމަ ނައިބު ރައީސްއެވެ. މިއީ އެމެރިކާގެ ނައިބު ރައީސް ކަމުގެ މަގާމުން އަންހެނަކު ފެނިގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.

ކަމަލާއަށް މަގާމުގެ ހުވާ ލާ ދެއްވީ އެމެރިކާގެ ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ހިސްޕެނިކް އަންހެން ފަނޑިޔާރު، ސޯމިއާ ސޮޓޮމޭޔާއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން، މަގާމުގެ ހުވާ ކުރެއްވުމަށް އޮތް ރަސްމިއްޔާތުގައި އެމެރިކާގެ ގައުމީ ސަލާމް އިސްވެ ހުށަހަޅާދީފައި ވަނީ މަޝްހޫރު ލަވަކިއުންތެރިޔާ ލޭޑީ ގާގާއެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ ބައިޑަން ކުރައްވާފައި މިވަނީ އެމެރިކާގެ ތާރީހު ނުދެކޭ ވަރުގެ ނުރައްކާތެރި ފައްތަރަކަށް އެ ގައުމުގެ މަސްރަހު ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ސަޕޯޓަރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން މުޅި ގައުމަށް ހާސް ކަންކުރިމަތިވެފައި ވާ މިދަނޑިވަޅުގައި ސާބިތު ކަމާއެކު މަގާމުގެ ހުވާ ކުރެއްވި ބައިޑަންއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.

ބައިޑަންއާއި ކަމަލާ ހެރިސް، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން، ބަރާކް އޮބާމާ ފަދަ ޝަހްސުން ބައިވެރިވެވަޑައިގެންފައެވެ.