ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގަންނެވި އެމެރިކާގެ މަހުޖަނު ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ތަސްދީގު ކުރެއްވި ގިނަ އަމުރުތަކަކަށް، އެ ގައުމުގެ އާ ރައީސް ޖޯ ބައިޑަން ނިމުން ގެންނަވައިފިއެވެ.
އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ހުވާ ކުރެއްވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބައިޑަން ވަނީ، ޓްރަމްޕް ތަންފީޒު ކުރައްވަމުން ގެންދެވި ގިނަ އަމުރުތަކަކާއި ފަހުމް ނާމާތަކަކަށް ނިމުން ގެންނަވާ، ގަރާރުތަކެއްގައި ސޮއި ކުރައްވާފައެވެ.
އެގޮތުން، މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅު ބާތިލު ކުރެއްވިއިރު، މޫސުމީ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ގައުމުތަކަކުން ބަލައިގެންފައިވާ ޕެރިސް ކްލައިމެޓް އެކޯޑްގައިވެސް ބައިޑަން ވަނީ ސޮއި ކުރައްވާފައެވެ.
މުސްލިމުންނާ ދެކޮޅު ފިޔަވަޅު އުވާލެއްވުން
މުސްލިމުންނާ ދެކޮޅަށް ރިޔާސީ ގަރާރެއްގައީ ޓްރަމްޕް ސޮއި ކުރެއްވީ 2017 ވަނަ އަހަރުއެވެ. އެއީ މުސްލިމުންގެ މެޖޯރިޓީ އޮންނަ 7 ގައުމަކުން، އެމެރިކާއަށް އެތެރެ ނުވެވޭ ގޮތަށް، އެމެރިކާއަށް ބާރު ދިން ގަރާރެކެވެ. އެކި ފަހަރު މަތިން ބަދަލު ކުރި މި ގަރާރަށް، އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ތާއީދުވެސް ކޮށްފައެވެ.
ބައިޑަންގެ މި ނިންމެވުމަށް، ދަ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ވަނީ މަރުހަބާ ކިއާފައެވެ. އަދި މިއީ މުސްލިމުންނާއި ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކަށް ނިމުން ގެނައުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވެސް އެ ކައުންސިލުން ވަނީ މިކަން ސިފަކޮށްފައެވެ.
ނޮވެމްބަރު 3، 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބުގައި ބައިޑަންއަށް ކުރި ލިބިވަޑައިގަތުމަށް އެކަމަށް މަރުހަބާ ކިއާ، މުސްލިމުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާގެ ޖަމިއްޔާތަކުން ވަނީ މުސްލިމުންނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަވާނެ ކަމަށް ބައިޑަންގެ ކެމްޕޭންތަކުގައި ވެވަޑައިގެންނެވި ވަދުއުތައް ފުއްދަވާ ދެއްވުމަށް ގޮވާލާފައެވެ.
ބައިޑަން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، އެ ފިޔަވަޅުތަކަށް ނިމުން ގެންނަވާ، ސަރުކާރުގެ ހުރިހާ ފަންތިއެއްގައި މުސްލިމުން ތަމްސީލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދަ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ގުރޫޕުގެ އެގްޒެކެޓިވް ޑައިރެކްޓާ ނިހާދު އަވާދު ވިދާޅުވީ، މިއީ ކެމްޕޭން ތެރޭގައި މުސްލިމުންނަށް ޓްރަމްޕް ވެވަޑައިގެންނެވި ވައުދު ފުއްދެއްވުމަށް ކުރެއްވި މުހިންމު ކަމެއް ކަމަށެވެ.
މުޅި އެމެރިކާ މާސްކުގައި
އެމެރިކާގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ ރަސްމީ އޮފީހުގެ ގޮތުގައި ބަލަމުން އަންނަ އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައިޑަން ވިދާޅުވީ، "ބޭކާރު ކުރާކަށް ވަގުތެއް ނެތް" ކަމަށެވެ.
"މިއަދު އަޅުގަނޑު މި ސޮއިކުރާ ބައެއް ގަރާރުތަކަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން މިހާރު ދާ މިސްރާބު ބަދަލު ކުރަނިވި ގަރާރުތަކެއް" ބައިޑަން ވިދާޅުވިއެވެ.
ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި ބައިޑަންއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީވެސް ކޮވިޑް-19ގެ ބަލިމަޑުކަމެވެ. މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4 ލައްކައިގެ ފާހަގަ ހުރަސް ކޮށްފައެވެ.
މުޅި އެމެރިކާ މާސްކު އެޅުވުމަށް ފައިވިއްދަވައިގެން ހުންނެވި ބައިޑަން ވަނީ ސަރުކާރުގެ އިދާރާތަކުގައި މާސްކު ބޭނުން ލާޒިމު ކުރައްވާފައެވެ. އަދި ވައިޓްހައުސްގެ ހުރިހާ މުވައްޒަފުން އަބަދުވެސް އެން-95 މާސްކުގައި ތިބުމަށާއި، ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެމްބަރުކަން ދޫކޮށްލި ނަމަވެސް، އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި އެމެރިކާ ދެމި އޮންނާނެ ކަމަށާ، ޑަބްލިއުއެޗްއޯގެ ސަމިޓްގައި އެމެރިކާ ތަމްސީލު ކުރެއްވުމަށް އެމެރިކާގެ ޑައިރެކްޓާ އޮފް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް، ޑރ އެންތަނީ ފައުޗީ ފޮނުއްވުމަށްވެސް ބައިޑަން ވަނީ ނިންމަވާފައެވެ.
ޓްރަމްޕްގެ ސަރުކާރުން އެމެރިކާއަށް ދިން އެންމެ ވަރުގަދަ 15 ގެއްލުން ބަދަލު ކުރަނިވި ގަރާރުތަކެއްގައި ބައިޑަން ވަނީ ސޮއި ކުރައްވާފައެވެ.
ނަސީދާ އިބޫއަށް ފެނޭތަ ވެރިކަމައް އަންނަންވެގެން ވާވައުދުތައް ވެރިކަން ލިބުމުން ވެރިން ފުއްދަމުންދާތަން އެހެނަސް މިގޮތައް ކަންތައް ކުރެވޭނީ އެހެން ގައުމެއްގެ ނުފޫޒު ފޯރާފަނުވާ މިނިވަން ގައުމުތަކުގެ ވިސްނުންތެރި ވެރިންނައް ދެއްތޯ