ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ ބޮޑު ވެކްސިން ކެމްޕޭން، އަވަށްޓެރި އިންޑިއާގައި ފެށީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ސިއްހަތާ ބެހޭ ވަޒީރު ހަރްޝް ވަރުދަންގެ ހާޒިރުގައި، އިންޑިއާއިން ދިން ފުރަތަމަ ވެކްސިން ޑޯޒް ލިބިގަތީ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ، އުމުރުން 34 އަހަރުގެ މަނީޝް ކުމާރެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް)ގައި ކުރިއަށް ދިޔަ ހާއްސަ އިވެންޓްގައި މަނީޝް ކުމާރަށް ދީފައި ވަނީ އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ކޮވެކްސިން" ޑޯޒްއެކެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދިއަ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

ވެކްސިން ޖެހުމަށް ބައެއް މީހުން އުޒުރުވެރި ވަމުން އަންނަ އަދުގެ ދުނިޔޭގައި، އިންޑިއާއިން އެންމެ ފުރަތަމަ ވެކްސިން ލިބިގަތް މީހަކަށް ވުމަށް އެދި އަމިއްލައަށް އިސް ނެގީ ހުދު މަނީޝް ކުމާރެވެ. އޭނާ މިކަން ކުރީ، އެކުގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން، ވެކްސިން ޖެހުމަށް ބިރު ގަންނާތީ ކަމަށް މަނީޝް ކުމާރު ބުންޏެވެ.

ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ މަނީޝް ކުމާރުގެ މަންމަ، ލަކްޝްމީ ރާނީ ބުނީ، ވެކްސިން ޖެހުމާ މެދު ދަރިފުޅު ކުޑަކޮށްވެސް ހާސް ނުވާ ކަމަށާ، ވެކްސިން ލިބިގަތީ ފަހްރާ އެކުގައި ކަމަށެވެ.

"ވެކްސިން ޖެހިތާ މިހާރު 2 ގަޑިއެއް ހާއިރު ވެއްޖެ. ވަރަށް އުފާވެރި، ފަހްރުވެރި އިހުސާސެއް ކުރެވެނީ. އެންމެން ގާތުވެސް ބުނަން ބޭނުން ވަނީ ވެކްސިނާ މެދު ބިރު ގަންނަން ޖެހޭ އެއްވެސް ކަމެއް ނެތޭ. ވެކްސިނާ މެދު ގަންނަ ބިރަކީ ބޭކާރު ބިރެކޭ. އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް އަދި ނުފެނޭ. ތަދެއް ނުވޭ. ނޭވާލާން އުނދަގުލެއް ނުވޭ. އަތްފައިގެ ހަރަކާތްތަކުގައި މައްސަލައެއް ނެތް" މީޑިއާއާ ވާހަކަ ދައްކަމުން މަނީޝް ކުމާރު ބުންޏެވެ.

އެއިމްސް ހޮސްޕިޓަލުގެ ސެނިޓޭޝަން ޑިޕާޓްމަންޓްގައި މަނީޝް ކުމާރާއެކު މަސައްކަތް ކުރަމުން އަންނަ ޝައުކަތު އަލީ ބުނީ، ވެކްސިން ޖަހަން އޭނާ ފުރަތަމަ ބިރުގަތް ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

"އަހަރެން މީ، 3 ފަހަރެއްގެ މަތިން ކިޑްނީއިން ހިލަ ނަގަން އޮޕަރޭޝަން ކުރި މީހެއް. އެހެންވެ އަހަރެން ވަރަށް ބިރު ގަތް ވެކްސިން ޖަހަން. އެކަމަކު މަނީޝްގެ ސަބަބުން އަހަރެންނަށް ހިތްވަރު ލިބުނު. މިހާރު އަހަރެންގެ ހާސް ކަމެއް ނެތް. ވަރަށް އުފަލުން މިހުރީ"، ނަމާދު ކޮށް ހަދައިގެން ވެކްސިން ޖަހަން ގެއިން ނިކުތް، އުމުރުން 37 އަހަރުގެ ޝައުކަތު ބުންޏެވެ.

ކޮވިޑް-19ގެ އެންމެ ބޮޑު ކެމްޕޭން އިންޑިއާގައި އިއްޔެ ފަށާފައި ވާއިރު، ސަރުކާރާއި ޕްރައިވެޓް ހޮސްޕިޓަލުތަކުންވެސް ވެކްސިން ޖެހޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް ވެކްސިން ކެމްޕޭންގެ ފުރަތަމަ ދުވަސް ނިންމާލީ ކާމިޔާބު ކަމާއެކުގައި ކަމަށް އިންޑިއާއިން ބުނެއެވެ.

ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާއިން ވަނީ 3 ފަހަރެއްގެ މަތިން ވަރުގަދަ ތަމްރީނު ޑްރިލްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.