ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އަނެއްކާވެސް ހަލުވިކަމާއެކު އިތުރު ވަމުން އަންނަ އަވަށްޓެރި އިންޑިއާގައި، 12 އަހަރުން ދަށުގެ ކުޑަކުދިންގެ ހަށިގަނޑަށް 2 ވެކްސިނެއް ޖެހުމަށް، އެ ގައުމުގެ ކަމާ ބެހޭ ފަރާތުން ރުހުން ދީފިއެވެ.

ކުޑަ ކުދިންގެ ކުދިންގެ ހަށިގަނޑަށް ޖެހުމަށް ހުއްދަ ދީފައި ވާ 2 ވެކްސިނަކީ އިންޑިއާގެ އަމިއްލަ އުފެއްދުންތަކެކެވެ. ސިއްހަތާ ބެހޭ ވަޒީރު މަންސޫހް މަންދާވިޔާ ކުރެއްވި ޓްވީޓްގައި ވާ ގޮތުން އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު ކުދިންގެ ހަށިގަނޑުގައި، ކުއްލި ހާލަތުގައި ކޮވެކްސިން ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

އިންޑިއާއިން މިހާރުވެސް ދަނީ އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދު ކުދިންނަށް ކޮވެކްސިން ޖަހައިދެމުންނެވެ.

ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އަދި އިތުރު 2 ވެކްސިނަކަށްވެސް ވަނީ ރުހުން ދީފައެވެ. އެއީ އުމުރުން 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުރިންނަށް ކޯބިވެކްސް ކޮވިޑް ވެކްސިންއާއި، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް 2 ޑޯޒްގެ ޒައިޑަސްގެ ކޮވިޑް ވެކްސިން ކަމަށް ހަބަރު ލިބެއެވެ.

ކޯބިވެކްސްއަކީ މިހާރުވެސް، އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު ކުދިންގެ ހަށިގަނޑުގައި ބޭނުން ކުރަމުން ދާ ވެކްސިނެކެވެ.

ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދިން ކަމުގައި ވީ ނަމަވެސް، 12 އަހަރުން ދަށުގެ ކުދިންނަށް މިހާރުން މިހާރަށް ވެކްސިން ޖަހަން ނުފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ ފެހި ސިގުނަލަށް މަޑު ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑުން ދިފާއުވުމަށް އިންޑިއާއިން ވެކްސިން ކެމްޕޭން ފެށީ ޖެނުއަރީ 2021ގައެވެ. އޭގެ ފަހުން، އެ ގައުމުގައި 1.87 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.