އަދިވެސް އެ ބަލިމަޑުކަމަކުން މުޅިން އަރައިގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ 82 މިލިއަން ޑޯޒް، އެމެރިކާއިން އިސްރާފު ކޮށްފައި ވާ ކަމަށް، އެންބީސީ ނިއުސްއިން ތުހުމަތު ކޮށްފިއެވެ.
ދުނިޔޭގައި އަދިވެސް ތަދު އެއްޗެއްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ކޮވިޑް ވެކްސިންގެ 82 މިލިއަން ޑޯޒްއަކީ ޑިސެމްބަރު 2020 އާއި މިދިޔަ މެއި މަހާ ދެމެދު ހޭދަވީ މުއްދަތުގައި އިސްރާފު ކުރި ވެކްސިން ކަމަށް އެންބީސީ ނިއުސްގެ ރިޕޯޓްގައިވެއެވެ.
އެންބީސީ ނިއުސްގެ މި އިލްޒާމަށް ހުއްޖަތް ދައްކާފައި ވަނީ އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކެވެ.
ސީޑީސީއިން މިދިޔަ ފެބުރުއަރީ މަހު އެސޯސިއޭޓަޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނެފައި ވާ ގޮތުން، އިސްރާފުވެފައި ވަނީ ކޮވިޑް ވެކްސިންގެ 65 މިލިއަން ޑޯޒްއެވެ. އެންބީސީއިން ބުނާ ގޮތުގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ޑޯޒްތައް އިސްރާފު ކޮށްފައި ވަނީ އެމެރިކާގެ ރީޓެއިލް ވިޔަފާރި ކުންފުންޏެއް ކަމަށް ވާ ސީވީއެސް ފާމަސީއާއި ވޯލްމާޓުންނެވެ.
ވެކްސިންގެ ހާލަތު ތަފްސީލު ކޮށްދެމުން ފެބުރުއަރީ މަހު ސީޑީސީއިން ބުނީ ކޮވިޑް ވެކްސިނަށް އޮންނަ ޑިމާންޑް ދަށް ވާ ވަރަކަށް، ވެކްސިން އިސްރާފު ވަމުން ދާނެ ކަމަށެވެ. ކިތަންމެ ބަލައިގެން އުޅުނު ކަމުގައި ވީ ނަމަވެސް، ވެކްސިން ޖަހާ މިންވަރު ދަށަށް ދާނަމަ، ވައެލްތަކުގައި ބާކީ ޑޯޒް ހުންނަ މިންވަރު އިތުރު ވާނެ ކަމަށް ސީޑީސީއިން ވަނީ އިޝާރާތް ކޮށްފައެވެ.
އެންބީސީއިން ބުނާ ގޮތުގައި އިސްރާފަށް އުކާލި ވެކްސިން ޑޯޒްތަކުގެ އެއް ބަޔަކީ، ޕޭޝަންޓުންނާ ހިސާބަށް ފޯރުމުގެ ކުރިން މުއްދަތު ހަމަވި ޑޯޒްތަކެވެ. އަނެއް ބައި ޑޯޒްތަކަކީ ކަރަންޓު ކެނޑުމުގެ ހާދިސާތަކުގެ ސަބަބުން ހަލާކުވި ޑޯޒްތަކާއި، ކަނޑާފައި ވާ ވައެލްތަކުގައި ބޭނުން ނުކޮށް ހުރި ޑޯޒްތައް ކަމަށްވެސް ބުނެފައި ވެއެވެ.
ސީޑީސީގެ ރެކޯޑްތަކަށް ބަލާއިރު 751 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް މީހުންގެ ގަޔަށް ޖަހާފައި ވަނީ 589 މިލިއަން ޑޯޒްއެވެ.
މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިންގެ ނާޖާއިޒު ފައިދާ ނަގާ މައްސަލައަކީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތައާރަފު ކުރި ހިސާބުން ފެށިގެންވެސް އެންމެ ބޮޑުވެފައި ވާ އެއް މައްސަލައެވެ. ތަރައްގީ ވެފައި ވާ ބޮޑެތި ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ބައެއް ގައުމުތަކުންވެސް ދަނީ ކޮވިޑް ވެކްސިންގެ 3 ޑޯޒް ޖަހަމުންނެވެ. ނަމަވެސް އެންމެ ޑޯޒްއެއްގެ މިންވަރުވެސް ނުލިބޭ ކިތަންމެ ބަޔަކު، ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބިކަން ފާހަގަ ކުރަން ޖެހެއެވެ.