2021 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާ ހިސާބަށް އައިއިރު، ވައިރަހެއްގެ ޒަރިއްޔާއިން ޖައްސާ، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ބައްޔެއް ކަމަށް މީސަލްސް ނުވަތަ ހިމަބިހީގެ ކޭސްތައް، ދުނިޔޭގެ ނިސްބަތުން 80 ޕަސެންޓް އިތުރު ވެފައި ވާ ކަމަށާ، ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑު ވެފައި ވާ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން ދީފިއެވެ.

ޑަބްލިއުއެޗްއޯއާއި ޔުނިސެފުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ޖެނުއަރީ އަދި ފެބުރުއަރީ 2022 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 17338 މީސަލްސް ކޭސް ރިޕޯޓް ކޮށްފައިވެއެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ 2 މަސް ދުވަހުގެ ތެރޭގައި ރިޕޯޓް ކޮށްފައި ވަނީ 9665 ކޭހެވެ. މިއަހަރުގެ މިހާ ހިސާބަށް އައިއިރު 2 ސަރަހައްދެއްގައި ބަލިމަޑުކަން ގަދަވެފައި ވާ ކަމަށާ، އެއީ އެފްރިކާ އަދި އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދު ކަމަށްވެސް ޑަބްލިއުއެޗްއޯއާއި ޔުނިސެފުން މައުލޫމާތު ދެއެވެ.

ސިއްހީ އާލާތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި 2 މީހަކު ހަރަކާތްތެރި ވަނީ / ފައިލް ފޮޓޯ: ޔުނިސެފް | ޑަބްލިއުއެޗްއޯ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ހިދުމަތްތަކަށް ބުރޫއެރުމާއި، ވެކްސިން ލިބިގަތުމުގައި ހަމަހަމަކަން ނެތުމާއި، ބަލިތަކުން ދިފާއުވުމަށް ހިންގި ވެކްސިން ކެމްޕޭންތަކުގެ ވަސީލަތްތައް، ކޮވިޑް-19އަ ގުޅިގެން އެހެން މިސްރާބަކަށް ބަދަލު ކުރުން ފަދަ ކަންކަމުގެ ސަބަބުން، ވެކްސިނުން ދިފާއު ލިއްބައިދޭ މީސަލްސްއާއި އެނޫންވެސް އެފަދަ ބަލިތަކުން ދިފާއުވުމަށް ކުޑަކުދިންނަށް އޮތް ރައްކަލުން، ގިނަ އަދަދެއްގެ ކުދިން މަހްރޫމު ވެފައި ވާ ކަމަށްވެސް ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ފާހަގަ ކުރެއެވެ. މިފަދަ ހާލެއްގައި ވަނިކޮށް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ދޫ ދިނުމާއެކު ހިމިބިހީގެ ބަލިމަޑުކަމަކަށް ފުރުސަތު ތަނަވަސް ކޮށްދޭ ކަމަށްވެސް ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ވަނީ އިންޒާރު ކޮށްފައެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓާ ކެތުރީން ރަސަލް ވިދާޅުވީ ކޮވިޑުން ރައްކާތެރިކަން ލިބިއްޖެ ކަމުގެ އިހުސާސްއާއެކު އިހު އުޅުނު ދިރިއުމަށް ރުޖޫއަ ވާން ފެށި ނަމަވެސް، އާންމުކޮށް ޖަހަމުން ދިޔަ ވެކްސިންތަކުގެ ޗޭނަށް ބުރޫ އަރާފައި އޮތުމުން، ހިމަބިހި ފަދަ ބަލިމަޑުކަމެއްގެ ތޫފާނަށް ފުރުސަތު ތަނަވަސް ވެފައި ވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއާއި ޔުނިސެފުން މައުލޫމާތު ދޭ ގޮތުގައި 2020 ވަނަ އަހަރު، ވެކްސިން ޖަހަން ޖެހޭ ކުދިންގެ ތެރެއިން 23 މިލިއަން ކުއްޖަކު ވަނީ އެ ހިދުމަތުން މަހްރޫމުވެފައެވެ. ކޮވިޑް-19ގެ އިތުރުން ޔޫކްރައިން، އިތިއޮޕިއާ، ސޯމާލިއާ އަދި އަފްގާނިސްތާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު މި ފަހުންވެސް އެތައް ކުދިންނެއް ވަނީ ވެކްސިނުން މަހްރޫމުވެފައެވެ.

ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތުގެ ތެރެއިން / ފައިލް ފޮޓޯ: ޔުނިސެފް | ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވި ފަހުން 43 ގައުމެއްގައި ހިންގަން ޖެހޭ، ވެކްސިނުން ރައްކާތެރިކަން ލިއްބައިދޭ ބަލިތަކާ ގުޅޭ 57 ކެމްޕޭނެއް އަދިވެސް މަޑުޖެހިފައި ވާ ކަމަށެވެ. އެކަމަކު އަސަރު 203 މިލިއަނެއްހާ މީހުންނަށް ކުރާ އިރު، ގިނައީ ކުޑަ ކުދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެ ކެމްޕޭންތަކުގެ ތެރެއިން 19 ކެމްޕޭނަކީ ހިމަބިހީގެ ކެމްޕޭންތައް ކަމަށާ، އެކަމުގެ ސަބަބުން ވެކްސިން ނުލިބުމުގެ ސަބަބުން 73 މިލިއަން ކުއްޖަކު ނުރައްކަލަށް ހުށަހެޅިފައި ވާ ކަމަށްވެސް ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ބުނެއެވެ.

ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ބުނާ ގޮތުގައި، ރައްކާތެރި އަދި ނަތީޖާ ނެރެވޭ ވެކްސިން ކަމަށް ކަނޑައަޅާފައިވާ ވެކްސިންތަކުން ކުރެ ވެކްސިނަކުން، އާބާދީގެ 95 ނުވަތަ އެއަށް ވުރެ މަތީ ޕަސެންޓެއް 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ނަމަ، ހިމަބިހިން ރައްކާތެރިވެވެއެވެ.

ހިމަބިހީގެ ނުރައްކާ އެންމެ ބޮޑުވެފައި ވާ 5 ގައުމަށް ބަލާއިރު، 2020 ވަނަ އަހަރު ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ނިސްބަތްވެސް އުޅެނީ 70 ޕަސެންޓަށް ވުރެ ދަށުގައެވެ. އޭޕްރިލް 2022ގެ ކުރިއަށް ފާއިތުވީ 12 މަސްދުވަހުގެ ނިޔަލަށް ހިމަބިހީގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ފެނިފައި ވާ ގައުމުތަކަކީ ސޯމާލިއާ، ޔަމަން، އަފްގާނިސްތާން، ނައިޖީރިއާ އަދި އިތިއޮޕިއާއެވެ.

ހިމަބިއްސަކީ ހިމަ ބިއްސަކީ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަހުގެ ތެރޭގައި ހިމެނޭ މީސްލް ވައިރަހުގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މި ވައިރަހަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސާ ވައިރަހެކެވެ. ހިމަބިހި ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމުގައި ވީ ނަމަވެސް، ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި ބަލި ޖެހެއެވެ. އެއް ފަހަރު ހިމަބިހި ޖެހުމުން، މުޅި އުމުރަށް އެ ބަލިން ދިފާއު ލިއްބައިދެއެވެ.