2019 ވަނަ އަހަރު ނިމެންދަނިކޮށް ޗައިނާއިން އެންމެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ޖެހުމުގެ އަމަލީ މަސައްކަތް، އެމެރިކާއިން ފަށައިފިއެވެ.
އެ ގައުމުގެ އާބާދީގައި ހިމެނޭ އެންމެ ތުއްތު އުމުރުފުރާގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވާ އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އެމެރިކާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، އުމުރުން އެންމެ 6 މަސް ފުރިފައިވާ ކުދިންނަށް، ރައްކާތެރި ކޮވިޑް ވެކްސިން ޖަހަން ފެށި ފުރަތަމަ ގައުމު ކަން ފާހަގަ ކުރައްވާފައެވެ.
އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް 2 ވެކްސިންނެއް ޖެހިދާނެ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުގެ ޕެނަލުން ފެހި ސިގުނަލް ދިނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އެގޮތުން މޮޑާނާގެ ކޮވިޑް ވެކްސިނާއި ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިން ޖެހިދާނެ ކަމަށް ޕެނަލުން ވަނީ އިޝާރާތް ކޮށްފައެވެ. އެ ހުއްދަ ދީފައި ވަނީ ކުލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާއަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.
މޮޑާނާގެ ކޮވިޑް ވެކްސިންގެ 2 ޑޯޒް، އުމުރުން 6 މަހާއި 5 މަހާ ދެމެދުގެ ކުދިންނަށް ޖަހާއިރު، ފައިޒާ/ބައޮއެންޓެކްގެ 3 ޑޯޒްގެ ވެކްސިން، އުމުރުން 6 މަހާއި 4 އަހަރާ ދެމެދުގެ ކުދިންނަށް ޖެހުމަށް، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފައެވެ.
ބައިޑަންގެ ދެމަފިރިކަނބަލުން ވަނީ އެމެރިކާގައި ތުއްތު ކުދިންނަށް ކޮވިޑް ވެކްސިން ޖަހަމުން ދިޔަ ސެންޓަރަކަށް ޒިޔާރަތް ކުރައްވާ، ތުއްތު ކުދިންނަށްވެސް ވެކްސިން ޖެހުމަށް ބެލެނިވެރިންނަށް ބާރު އަޅުއްވާފައެވެ.
ކޮވިޑް-19ގައި މުޅި ދުނިޔެ އިނދަޖެހެމުން ދިޔައިރު، ދޮށީ އުމުރުގެ ގިންތިން ވެކްސިން މަޝްރޫއު އެމެރިކާއިން ފެށީ ޑިސެމްބަރު 2020 ގައެވެ.