2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ އިނދަޖައްސާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ އެ ގައުމުން މީހަކު މަރުވެފައި ވާ ކަމަށް، ދުނިޔޭގެ އެންމެ އެކަހެރި މަންޒިލުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްދީފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ އެ ގައުމުގެ އިތުރު އެތައް ހާސް ބައެއްގެ ހަށިގަނޑުން ހުމުގެ އަލާމާތްތައް ފެންނަމުން ދާކަމަށްވެސް ރިޕޯޓް ކޮށްފައެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން މިއަދު އާންމު ކޮށްފައި ވާ މައުލޫމާތަށް ރިއާޔަތްކޮށް ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެ، އުތުރު ކޮރެއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 6 އަށް އަރާފައެވެ. އަދި ހުމުގެ އަސަރު ހުރި 187000 މީހަކު އެކަހެރިކޮށް، ފަރުވާ ދެމުން ދާކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އުތުރު ކޮރެއާގައި ކޮވިޑް ފެތުރެމުންދާތާ ދުވަސްތަކެއް ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވި ނަމަވެސް، އެ ގައުމުގައި ކޮވިޑް ކޭސްތަކެއް އުޅޭ ކަމަށް އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް އިއުތިރާފުވީ ބުރާސްފަތި ދުވަހުއެވެ.

ވެރިރަށް ޕިޔޮންގްޔޭންގްގައި އޮމިކްރޯން ފެތުރެމުން ދާ ކަމަށް އުތުރު ކޮރެއާއިން އިއުލާން ކުރީ ބުރާސްފަތި ދުވަހުއެވެ. އަދި ލޮކްޑައުންގެ ފިޔަވަޅުތަކެއްވެސް އެޅި ކަމަށް ހަބަރު ލިބެއެވެ.

ނަމަވެސް މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު ވެރިރަށުގެ އިތުރުން އެހެން ސަރަހައްދުތަކަށްވެސް ބަލިމަޑުކަން ވަނީ ފެތުރިފައެވެ. އޭޕްރިލް މަހުގެ ފަހުކޮޅުން ފަށައިގެން، ސަބަބު ނޭނގޭ ހުމެއް، މުޅި ގައުމުގައި ފެތުރެމުން ދާކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

350000 އެއްހާ މީހުންގެ ހަށިގަނޑުން ހުމުގެ އަލާމާތްތައް ފެނިފައި ވާ ކަމަށް އުތުރު ކޮރެއާއިން ބުނި ކަމުގައި ވީ ނަމަވެސް، ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ކަށަވަރު އަދަދެއް ހާމަ ކޮށްފައެއް ނުވެއެވެ.

25 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް އުތުރު ކޮރެއާގެ ރަށްވެހިން ތިބީ އިންތިހާ ނާޒުކު ފައްތަރުގައެވެ. އެހެނީ، ވެކްސިން ކެމްޕޭނެއް ނެތުމާއި ސިއްހީ ފަރުވާގެ ނިޒާމު ނިކަމެތިވުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޗައިނާގައި ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންތަކާއި، އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިދިޔަ އަހަރު މަސައްކަތް ކުރުމުން، އުތުރު ކޮރެއާއިން އޭރު އެކަމަށް އިންކާރު ކުރެއެވެ. އުތުރު ކޮރެއާއިން އޭރު ބުނީ، ޖެނުއަރީ 2020 އިން ފެށިގެން ގައުމުގެ ބޯޑަރު ބަންދުކޮށް، ކޮވިޑް ކޮންޓްރޯލް ކޮށްފައި ވާ ކަމަށެވެ.

އުތުރު ކޮރެއާއަކި ޖިއޮގްރަފީ ގޮތުން ބަލާއިރު، އެއްގަމު މަގުން ޗައިނާއާއި ދެކުނު ކޮރެއާއާ ބޯޑަރު ހިއްސާ ކުރާ ގައުމެކެވެ. ޗައިނާއާއި ދެކުނު ކޮރެއާއަކީވެސް ކޮވިޑްގެ ތޫފާނީ ރާޅުތައް ބިންދާލާފައިވާ 2 ގައުމެވެ.

އުތުރު ކޮރެއާގައި ކޮވިޑް އުޅޭ ކަމަށް އެ ގައުމުން ބުރާސްފަތި ދުވަހު އިއުލާން ކުރުމާއެކު ދެކުނު ކޮރެއާއިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުށަހަޅާފައި ވާނެ ކަމަށާ، ނަމަވެސް އެ ހުށަހެޅުމަށް އުތުރު ކޮރެއާއިން އަދި އިޖާބަ ދީފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.