މި ފެށުނު 2021 ވަނަ އަހަރުގެ ކުރިއަށް އޮތް ތަނުގައި، ކޮންމެ ހަފުތާއަކުވެސް އާ ފްލިމެއް އެ ޕްލެޓްފޯމަށް ރިލީޒް ކުރާނެ ކަމުގެ އިޝާރާތެއް، ވީޑީއޯ ސްޓްރީމިންގް ނެޓްވޯކް- ނެޓްފްލިކްސް އިން ކޮށްފިއެވެ.

އަހަރުގެ ކުރިއަށް އޮތް ކޮންމެ ހަފުތާއަކުވެސް އާ ފިލްމެއް ގެނެސްދިނުމުގެ ވިސްނުން އެބައޮތް ކަން ނެޓްފްލިކްސް އިން ހާމަ ކުރީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކުރިއަށް އޮތް ތަނުގައި އެ ސްޓްރީމިންގް ޕްލެޓްފޯމަށް އަންނަ ފިލްމުތަކުގެ ލައިން-އަޕަށް ބަލާއިރު، ރެޖީނާ ކިންގް، އިޑްރީސް އެލްބާ، ޖޮނަތަން މޭޖާޒް އަދި ހެލީ ބެރީ ފަދަ ފަންނާނުންގެ މަސައްކަތްތައް ފެނިގެންދާ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން، ޖެނީފާ ލޯރެންސް، ލިއަނާޑޯ ޑިކެޕްރިއޯ، މެރީލް ސްޓްރީޕް، ގެލް ގެޑޮޓް އަދި ޑްވޭން ޖޯންސަންއާއި ރާޔަން ރެނާލްޑްސް އަކީ ވެސް ނެޓްފްލިކްސް މެދުވެރިކޮށް، ކުރިއަށް އޮތް ހަފުތާތަކުގައި ބައްދަލު ކުރާނެ ތަރިން ކަމަށް ހަބަރު ލިބެއެވެ.

ނެޓްފްލިކްސްއިން މިފަދަ ހަދިޔާއެއްގެ އިޝާރާތެއް ކޮށްފައި މި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިނަމާތައް ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވާން އުޅެނިކޮށެވެ.