އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން މަގާމުގެ ހުވާ ކުރެއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނަ މި ދަނޑިވަޅުގައި، އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން، ހަތިޔާރާއެކު ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިއުން އެކަށީގެން ވާ ކަމުގެ އިންޒާރު، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ދީފިއެވެ.

ހަތިޔާރުއެޅި ގުރޫޕުތަކުން، އެމެރިކާގެ 50 ސްޓޭޓުގައި މުޒާހަރާ ކުރަން ރާވާފައި ވާކަމަށާ، މި މުޒާހަރާތައް ވޮޝިންގްޓަން ޑީސީގައިވެސް ކުރިއަށް ގެންދިއުމަށް ރާވާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ހަތިޔާރާއެކު މުޒާހަރާ ކަމުގެ އިންޒާރު އެފްބީއައިއިން ދީފައި ވާ މި ދަނޑިވަޅަކީ ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުން އަންނަ ދަނޑިވަޅެކެވެ.

ބައިޑަން ހުވާ ކުރައްވާ ދުވަހާ ދިމާކޮށް، ޓްރަމްޕްގެ ސަޕޯޓަރުން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ސްޓޭޓް، ސަރަހައްދީ އަދި މައި ޝަރުއީ ކޯޓުތަކަށް ގަދަކަމުން ވަދެގަތުން ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ނޫސްވެރިންނާ މުހާތަބު ކުރައްވަމުން ބައިޑަން ވަނީ، ގާނޫނު ހަދާ މަޖިލީހުގެ މައި އިދާރާގެ ބޭރުގައި ހުންވައިގެން އާންމު އުސޫލުން ރައީސް ކަމުގެ ހުވާ ކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ބައިޑަންއާއި އޭނާގެ ނައިބު ކަމަލާ ހެރިސްވެސް މަގާމުގެ ހުވާ ކުރައްވަން އަދި ތާވަލު ކުރައްވާފައި ވަނީ، އިމާރާތުގެ ބޭރަށް ވާ ގޮތަށް ހުންނަވައިގެންނެވެ.

ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތުގެ ކަންކަން އިންތިޒާމު ކުރާ ކޮމިޓީއިން ބުނީ، މި ރަސްމިއްޔާތު ކުރިއަށް ދާނީ "އެއްބައިވަންތަ އެމެރިކާ" މި ޝިއާރުގެ ދަށުން ކަމަށެވެ.

ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދާ ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިއީ ފާއިތުވީ 150 އަހަރަށްވުރެ ދިގު މާޒީއަށް ބަލާއިރުވެސް، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ ރައީސްކަމަށް ވާނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީ، ބައިޑަންއާއި ޓްރަމްޕް އެއްގަލަކަށް އަރާވަޑައިގަންނަވާނެ ހަމަ އެކަނި ނިންމެވުން ކަން ދޭހަ ވާ ފަދަ މޭރުމަކުން ބައިޑަން ވަނީ ވާހަކަދައްކަވާފައެވެ.