ދުނިޔޭގެ އެކި ކަންކޮޅުތަކުން ލޯތްބާއި ނަފުރަތުގެ ނަޒަރުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ދެމަރިފިން، އެނބުރި އައުމެއް ނެތް ގޮތަށް، ސޯޝަލް މީޑިއާއަށް ވާދާއީ ސަލާމް ކޮށްފައި ވާ ކަމުގެ ހަބަރު ފެންމަތިވެއްޖެއެވެ.

މަޝްހޫރު ބަތޮލާ މޭގަން މާކެލްއާއިއެކު ޒަވާޖީ ހަޔާތެއް ފަށާ، ޝާހީ މަގާމާއި އިއްޒަތް ދޫކޮށްލި ހެރީގެ ވާހަކަތަކަކީވެސް އަދި ގިނަ ބަޔަކު އެ ޒުވާނެއްގެ ވާހަކައަށް ޝައުގުވެރިވާ ވާހަކަތަކެކެވެ.

ނަމަވެސް، މި ކަމުގެ މައުލުމާތު އެނގޭ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މިޑީއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހެރީގެ ކުޑަކުޑަ އާއިލާ، ސޯޝަލް މީޑިއާއިން ދެން ފެނުން ވަރަށް ނާދިރުވާނެއެވެ.

ހެރީ ސޯޝަލް މީޑިއާ ދޫކޮށްލި އެންމެ ބޮޑު އެއް ސަބަބަކީ، އެ ޕްލެޓްފޯމުން އެ އާއިލާއަށް ލިބެމުން ދިޔަ އިންތިހާ ނަފުރަތު ކަމަށް ބުނެވެއެވެ. އިންޓަނެޓްގައި ހިންގާ ބުލީ ކުރުމުގެ ޖަރީމާތައް ހައްދު ފަހަނައަޅާ، ދިރިއުޅުމަށް ދަތިވާ ވަރު ވެފައި ވާކަމަށްވެސް ހެރީގެ މައުލޫމާތު އެނގޭ މަސްދަރާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕްރިންސް ހެރީއާއި ޑަޗަސް މޭގަންގެ ގުޅިފައިވާ އިންސްޓަގްރާމް އެކައުންޓް

އިނގިރޭސިވިލާތް ދޫކޮށް، އެމެރިކާގައި މިހާރު ދިރިއުޅެމުން އަންނަ ހެރީއާއި މޭގަން ސޯޝަލް މީޑިއާއާ ދުރަށް ޖެހިފައި ވާއިރު، ދަރިފުޅުގެ ނަމުގައި ހަދާ ފައިވާ އާޗްވެލް ފައުންޑޭޝަނަށްވެސް ސޯޝަލް މީޑިއާ އެކައުންޓެއް ނުހަދާނެ ކަމަށް ހަބަރު ލިބެއެވެ.

ހެރީއާއި މޭގަން ހިންގަނީ އެންމެ އިންސްޓަގްރާމް އެކައުންޓެކެވެ. ވަކި ވަކި އެކައުންޓްތަކެއް ނޯވެއެވެ. ނަމަވެސް މި އެކައުންޓްގައިވެސް މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުން ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.