ދިވެހި ބަހުގެ އެކަޑަމީން އަނެއްކާވެސް އާ ބަސްތަކެއް އުފައްދައިފިއެވެ.
އިއްޔެ ގެޒެޓުކުރި އެ އިއުލާނުގައި ބުނީ، ލިސްޓުގައި ބަޔާން ކޮށްފައިވާ 72 ލަފުޒާއި އޭގެ މާނަތަކަކީ 2024 ވަނަ އަހަރު އެ އެކެޑަމީގެ ބަސް ކޮމިޓީން އުފައްދާފައިވާ އާ ލަފުޒުތަކާއި އޭގެ މާނަ ކަމަކަށެވެ.
އެ ލަފުޒުތަކުގެ ތެެރޭގައި ލެޓިއުސްއަށް ވަނީ ދިވެހި ނަމެއް ދީފައެވެ. ލެޓިއުސަށް ދީފައިވާ ދިވެހި ނަމަކީ "ސަލާދުފަތް" މިއެވެ. މީގެއިތުރުން ނެރުނު ބަސްތަކުގެ ތެރޭގައި އިނގިރޭސި ބަސް ފްލޭޖަށް ދިވެހި ބަހުން ދީފައިވާ ނަމަކީ "ސަމާލުކުރުން" މިނަމެވެ. އަދި ވިޝަން މި ބަހަށް "މާރެސް" ދީފައިވާއިރު ޅެންފަރުވާ މި ބަސްވެސް ވަނީ އާ ދިވެހި ބަހެއްގެ ގޮތުގައި އަލަށް ނެރުނު ލިސްޓުގައި ހިމަނާފައެވެ.
ހަމަ އެހެންމެ ގެސްޓްހައުސްގެ ދިވެހި ނަމަށް "ފަތުރުވެހި" ދީފައިވާއިރު ކުޑަކަމުދާ ތަކެއްޗަށް ދީފައި ވަނީ "މޫތް" މި ބަހެވެ. އަދި ބުލް ޝާކްއަށް "ގެރި މިޔަރު" ދީފައިވާއިރު ބޮލުގެ ނާށިގަނޑާއި އެއާ ގުޅިފައިވާ ކަށިގަނޑުތަކަށް ދީފައިވަނީ "އިސްކާލު" މި ބަހެވެ.
މީގެ ކުރިންވެސް ދިވެހި އާ ބަސްތަކެއް އުފައްދާފައި ވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮޓަރިތަކުގައި ހަރުކޮށްފައި ހުރި ދިވެހި ނަންބޯޑުތަކުގައި ވެސް އެ ބަސްތައް ވަނީ ބޭނުން ކޮށްފައެވެ.
އެގޮތުން ސިޑިބަރި އަށް ދުމުގެ އަސަރު ކުރާލެއް ކުޑަކުރުމަށް ހަދާފައިވާ "ސްމޯކް ސްޓޮޕް ލޮބީ" އަކީ "ދުންމަތަ ލޮބީ"ގެ ނަމުން ނަން ދީފައިވާއިރު ސާފުކޮށްފައި ތަކެތި ރައްކާކުރާ ތަނަކީ "އަރެސް ދޮވެބަހައްޓާ ކޮޓާރު" އެވެ. "ގެވެހިދާރީ ކޮޓަރި" އަކީ ދޮވެ ސާފުކުރާ އެއްޗެއްސާއި ބެޑްޝީޓު ފަދަ އެއްޗެހި ރައްކާކުރާ ތަންތަނަށް ދީފައިވާ ނަންތަައް ހިމެނެއެވެ. ނަމަވެސް އެފަހަރު އެ ނަންތަކަށް އާންމުން ވަނީ ގިނަ ފާޑު ކިޔުންތައް އަމާޒުކޮށްފައެވެ.
ދިވެހި ބަހުގެ އެކަޑަމީން އޭރު ބުނީ އެއީ އައިޖީއެމްއެޗުގެ އެދުމަކަށް ބަސް ކޮމެޓީގެ ފަންނީ ބޭފުޅުން އެ ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ބަސްތަކެއް ކަަމަށެވެ.
ނަމަވެސް ފަހުން މި އާންމު ކުރި ބަސްތަކާ ގުޅޭގޮތުން އެކި މީހުން ތަފާތު ހިޔާލުތައް ފާޅު ކުރަމުންދާއިރު ބައެއް ފަރާތްތަކުން ދަނީ މި ބަސްތައް ވަރަށް ކަމުދާ ކަމަަށް ބުނަމުންނެވެ. އެ އެކަޑަމީން މީގެ ކުރިން ވެސް ވަނީ އެކި އިދާރާތަކަށް، ތަފާތު ކަންކަމާ ގުޅުވައިގެން ނަން ހަދައިދީފައި ވެއެވެ. އެކަމަކު އެއިން ބަހެއް ދިވެއްސަކު ބޭނުންކުރާތީ އަޑުއިވެނީ މަދު ފަހަރެއްގައިކަން ފާހަގަ ކޮށްލެވެއެވެ.
ނަން ތައް ގޯހެއްނޫން. ވާގޮތަކީ އިހުގައި ކިޔާ އުޅޭ، ވާދަ އަށް ކައްކާ އަވަށު ބަތް ގަނޑެކޯ، އެއްފަހަރަކު ހެންވޭރުން ކެއްކި ބަތްގަނޑެއް މާފަންނަށް ނުބައިވިއްޔޯ، އެކަމާ ހެންވޭރުން މާފަންނާ ސުވާލު ކުރިއްޔޯ ބަތްގަނޑު ނުބައީ ކީއްވެގެން ހެއްޔޭ ލޮނުމަޑީ ހެއްޔޭ؟ މާފަންނުން، ނޫނެކޭ. ހެންވޭރުން: ލޮނުގަދައީ ހެއްޔޭ؟ މާފަންނުން، ނޫނެކޭ. ހެންވޭރުން: ބަތް ޗަސްވެގެން ހެއްޔޭ؟ މާފަންނުން، ނޫނެކޭ. ހެންވޭރުން: ދެން ކިހިނެތްވެ ހެއްޔޭ؟ މާފަންނުން، ހަމަ ނުބައިއްޔޭ. އެކަހަލަ މީހުން މިހާރުވެސް ތިބޭނެ. އެފަދަމީހުންނަށް މި ބަސްތައް ކަމުނުދާނީ މިގެނައި މިސާލަށެވެ. ރަނގަޅުވާނީ އަޅާނުލުމެވެ.