ޖެނެރޭޝަން ބޭން އަކަށް ދާނަމަ ގިނަ ބަޔަކު ބޭނުން ވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވާލެއްވި ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ.
ސިނގިރޭޓު މަނާކުރަންވީ އުމުރުފުރާއެއް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން ރައީސްގެ ސޯޝަލް މީޑިއާގެ ރަސްމީ އެކައުންޓުތަކުގައި ޕޯލްއެއް ހުޅުވާލެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ޕޯލްގައި ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތައް ހިއްސާކުރައްވާފަ އެވެ.
ޖެނެރޭޝަނަލް ބޭން ކަނޑައަޅަން ރައީސްގެ ހުށަހެޅުއްވެވީ:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ ގައި ކުރިއަށްގެންދިޔަ މި ޕޯލްގައި އެމަނިކުފާނު ހުށަހަޅުއްވާ ގޮތްތަކުގެ ތެރެއިން އާންމުން ގޮތެއް ހިޔާރުކުރުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފަ އެވެ. ޕޯލްގެ މުއްދަތު މިއަދު ހަމަވިއިރު ހުރިހާ ޕްލެޓްފޯމްތަކެއްގެ ޕޯލްގައި ވެސް ގިނަ ބަޔަކު ތާއީދުކޮށްފައި ވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.
އެގޮތުން ޓްވިޓާގައި ކުރިއަށްގެންދިޔަ ޕޯލްގެ ނަތީޖާ ދައްކާ ގޮތުން 5،501 މީހުން ޕޯލްގައި ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 51.1 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. އަދި 40.8 ޕަސެންޓު މީހުން 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ވޯޓު ދީފައިވާއިރު 2004 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ވޯޓު ދީފައި ވަނީ 8.2 ޕަސެންޓު މީހުންނެވެ.
ރައީސް ހިއްސާ ކުރި މި ޓްވީޓު ޖުމްލަ 128،000 މީހުން ވިއު ކޮށްފައިވާއިރު 554 މީހުން އެ ޕޯސްޓަށް ލައިކް ދީފައި ވެއެވެ. އަދި 545 މީހުން ޕޯސްޓް ރީޕޯސްޓްކޮށްފައިވާއިރު 186 މީހުން ވަނީ ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ.
މީގެ އިތުރުން ވެސް ފޭސްބުކްގައި ކުރިއަށް ގެންދިޔަ ޕޯލްގެ ނަތީޖާ ދައްކަނީ:
- 2007 ވަނަ އަހަރު - 23 ޕަސެންޓު
- 2004 ވަނަ އަހަރު - 4 ޕަސެންޓު
- 2000 ވަނަ އަހަރު - 72 ޕަސެންޓު
ހަމައެހެންމެ އިންސްޓަގްރާމްގެ ކުރިއަށް ގެންދިޔަ ޕޯލްގެ ނަތީޖާ ދައްކަނީ:
- 2007 ވަނަ އަހަރު - 43 ޕަސެންޓު
- 2004 ވަނަ އަހަރު - 13 ޕަސެންޓު
- 2000 ވަނަ އަހަރު - 45 ޕަސެންޓު
ގާނޫނުގައި މިހާރު އޮންނަނީ މުރުން 21 އަހަރުން މަތީގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކޭ ގޮތަށް ނަމަވެސް ޖެނެރޭޝަން ބޭން އެއް ގެނެސްފި ނަމަ އެ އަހަރަކުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް ނުވިއްކޭނެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ޒުވާން ޖީލަށް އަމާޒުކޮށްގެން ދުންފަތް މަނާކުރުމުގެ ވިސްނުން ގެންގުޅުއްވަނީ ގިނަ ދުވަސްތަކެއް ވަންދެން ދުންފަތަށް ދެވިހިފާފައި ތިބި މީހުން އެ އަމަލުން ދުރުކުރުމަށް ވުރެ، އެކަމުން ޒުވާނުން ދުރުކުރަން ފަސޭހަ ވާނެތީ އެވެ. މި ސަރުކާރުން އަންނަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވާށާއި މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ވޭޕު މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ވެސް ސަރުކާރުން ވަނީ މިދިޔަ އަހަރު، ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ވެސް ނިންމާފަ އެވެ. ނަމަވެސް މިހާތަނަށް އެ ޕްލޭންތައް އިއުލާންކޮށްފައި ނުވެއެވެ. ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރަން ހެލްތު މިނިސްޓްރީން ވަނީ ޑަބްލިއުއެޗްއޯ އަދި ޔުނިސެފާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއްްވެސް ކުރިއަށް ގެންގޮސްފައެވެ.