މާލޭގެ އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ބޭރަށް ނިކުތުމަށް ކުޑަކުއްޖަކު މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.

ރޭގެ ވަގުތެއްގައި މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އިރު، އެ ވީޑިއޯިން ފެންނަ މަންޒަރަކީ ބަލަން ބިރުގަންނަ މަންޒަރެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އެ ވީޑިއޯ ހިއްސަވެސް ކުރަމުންނެވެ. ނަމަވެސް އެ ކުއްޖާ އެ އިމާރާތުން ވެއްޓިފައި ނުވި ނަމަވެސް އެ ކުއްޖާގެ ބެލެނިވެރިން ކޮބައިތޯ ސުވާލު އިފައްދާ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާއަށް އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެ ކަމެއް ކަމަށެވެ. އަދި އާއިލާގެ އިތުރުން، މިވީޑިއޯ ފެންނަ ކޮންމެ މީހަކަށް ވެސް ނަފްސާނީ ގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ފުޓޭޖްގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އޮންނަ ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމަކީ ކުރެވިދާނެ މުހިއްމު ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ވީޑިއޯތައް ނެގުމަށް ފުލުހުން ބުނެއެވެ.

މި ވީޑިއޯ ދައުކުރުން ހުއްޓާލައި މި ވީޑިއޯ ޝެއާކޮށްފައިވާ ނަމަ އެވީޑިއޯ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް އޮތް ނަމަ، ނި ނަންބަރު، 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަލާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ކުއްޖާގެ ވީޑިއޯއާއި ފޮޓޯ ދައުރުވަމުން ދާތީ އެކަމާ ގުޅިގެން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވެސް ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުޑަކުދިންގެ ޒާތީ މައުލޫމަތު ދެނެގަނެވޭނެ ފަދަ މައުލޫމާތުތަކާއި މައްސަލަތަކާ ގުޅުވައި ކުޑަކުދިންގެ ފޮޓޯ އަދި ވީޑިއޯ އާންމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.