ބަވަނަވަމުން މިދާ ދުނިޔޭގައި ހުރިހާ ކަމެއްވެސް މިހާރު ކުރަމުންދަނީ ކޮންމެވެސް ސިފައެއްގައި ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. ސޯޝަލް މީޑިއާއަކީ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައިވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެކަކު އަނެކަކަށް ގުޅުވައިދޭ ވަސީލަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަންކަން ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގެ ޒަރީއާއިން އިނގިގެންދެއެވެ. ސޯޝަލް މީޑިއާއިން ލިބޭ މިފަދަ ފައިދާތަކުގެ ވާހަކަ އަބަދު ދެކެވޭއިރު ކަމުގެ އަނެއް ކޮޅަށް ނަޒަރު ހިންގާލުމަކީވެސް މުހިންމު ކަމެއް ނޫން ހެއްޔެވެ؟
ސޯޝަލް މީޑިއާގެ ޒަރީއާއިން ދިރިއުޅުން ފަސޭހަކޮށްދީފައިވާ ވާހަކަ އަކީ ދެބަސް ވެވެން ނެތް ވާހަކައެކެވެ. ނަމަވެސް ފަރުދާގެ ފަހަތުގައި ވާ ހަގީގަތަށްވެސް ނަޒަރު ހިންގާލަމާހެވެ. ސޯޝަލް މީޑިއާގެ އަވައިގައި ޖެހި މިއަދު ނެތިގެން މިދަނީ މާދަމާ ގައުމު ބިނާކުރަން ތިބި ޒުވާން ޖީލެވެ. މިއީ ވިސްނާ ފިކުރު ކުރަން ޖެހޭ ކަމެކެވެ. ސޯޝަލް މީޑިއާގެ ބޭނުން ގިނަ ފަހަރަށް ހިފެނީ އެންމެ އެދެވޭ ގޮތުގައެއް ނޫނެވެ. ސޯޝަލް މީޑިއާގެ އަވައިގައި ޒުވާނުންނާއި ކުޑަކުދިންވެސް ދަނީ ޖެހެމުންނެވެ.
ގިނަ ފަހަރަށް ކުޑަކުދިންނަށް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި މައިންބަފައިން ހަވާލުކޮށްލަނީ އެ ކުދިން ފަސޭހައިން "މައްސަލާ" ކޮށްލުމަށެވެ. އަދި ސޯޝަލް މީޑއާގައި ކުއްޖާ ކުރަނީ ކީއްތޯ ރަނގަޅަށް ބަލާ ނުލެވޭ ފަހަރު ގިނައެވެ. މިހެން ދިމާވަނީ މައިންބަފައިންގެވެސް ބިޒީ ޝެޑިއުލްތަކާ ހެދިއެވެ. ނަމަވެސް މިކަމުގެ ނޭދެވޭ އަސަރު ކުއްޖާއަށް ކުރެއެވެ. ގިނަ ފަހަރަށް ގަނާގެ ޝިކާރައަކަށްވެ ނުދަންނަ ފަރާތްތަކާއި ވާހަކަދެކެވި އެ މީހުންގެ ޝިކާރައަކަށްވެއެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫ އަރާ އަމިއްލަ ނަފްސާއި ދޭތެރޭ އޮންނަ އިތުބާރު ގެއްލެން މެދުވެރިވެއެވެ. އަދި އެކަނިވެރިވެ އެހެން މީހުންނާއެކު އުޅުމުގެ ބަދަލުގައި އއަބަދު އެކަނި ވަގުތު ހޭދަކުރަން ބޭނުންވެއެވެ. ނަތީޖާއަކަށް ވެގެންދަނީ ކުއްޖާގެ ކިޔެވުމަށް އަސަރުކޮށް މުސްތަގުބަލު ބަނަވެގެން ދިއުމެވެ.
ކުޑަކުދިންގެ އިތުރުން ފުރާވަރުގެ ކުދިންނާއި ޒުވާނުންވެސް ސޯޝަލް މީޑިއާގެ ޝިކާރައިގައި
ސޯޝަލް މީޑިއާގެ އަވައިގައި ޖެހި އޭގެ ޝިކާރައަކަށް ވަނީ ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ފުރާވަރުގެ ނުވަތަ ޓީނޭޖް ކުދިންނާއި ޒުވާނުންވެސް މިކަމުގައި ދެވިހިފައެވެ. ގިނަ ފަހަރަށް ސޯޝަލް މީޑިއާއިން ފެންނަނީ ހަގީގަތެެއް ނޫނެވެ. އެއީ މީހުންގެ ލޯތަކުގައި އަޅުވާލާ "އަނދުމެކޭ" ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ބޭރުގައުމު ތަކުގެ ސެލެބްރިޓީންގެ ފޮޓޯތަކާއި އެހެން މީހުން ސޯޝަލް މީޑިއާއަށް އަޅާ ފޮޓޯތައް ފެނި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ފަހަރު އެބަ އާދެވެއެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެފަދަ މީހުން ލާ ފޮޓޯ ތަކަކީ އެތައް ބައިވަރު އެޑިތް ތަކެއް ކޮށްފައިވާ ފޮޓޯ ތަކެކެވެ. މޫނު އޮމާން ކުރުމާއި، ބިހިތައް ފުހެލުމާއި، ރޫތައް ފިލުވާލުން ފަދަ ތަފާތު އެޑިތުތައް ކުރެއެވެ. އެހެންކަމުން ސޯޝަލް މީޑިއާއަށް މީހަކު ލާ ފޮޓޯއެއް ފެނި އަމިއްލަ އަށް "އިންސެކިއާ" ވާކަށް ހަގީގަތުގައި ނުޖެހޭނެއެވެ.
މީގއިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާ މާބޮޑަށް ބޭނުންކުރުމަކީ ޑިޕްރެޝަން، ހާސްކަން، އަދި އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް ކުޑަވުމާ ގުޅުން ހުރި ކަމެކެވެ. ސޯޝަލް މީޑިއާ އިން ފެންނަނީ ހަމައެކަނި އެހެން މީހުންގެ ދިރިއުޅުމުގެ އުފާވެރި ވަގުތުތައް އެކަނި ކަމަށްވުމުން، އެހެން މީހުންގެ ދިރިއުޅުން މާ ރަނގަޅު ކަމުގެ އިހުސާސްތައް އަމިއްލަ އަށް ކުރެވެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސުގެ ނުވަތަ އަމިއްލަ ދިރިއުޅުމުގެ ގާބިލިއްޔަތު ކަމާމެދު ޝައްކު އުފެދެއެވެ.
އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުމުގެ އިތުރުން ސޯޝަލް މީޑިއާގެ ސަބަބުން އިޖުތިމާއީ ގުޅުން ތަކަށްވެސް ބުރޫ އަރައެވެ. އާއިލާއެއްގެ ބަޔަކު ކާ މޭޒު ދޮށަށް އެއްވާ ގަޑިއަކީ އުފާވެރި ވަގުތުކޮޅެކެވެ. އެންމެން އެކުގާ ވާހަކަދައްކާ ހިޔާލު ބަދަލުކުރެއެވެ. ނަމަވެސް މި ރީތި އާދަ މިހާރު ދިވެހީންގެ ތެރޭގައި ނެތިގެން ދާ މަންޒަރު ފެނެއެވެ. ފޭސްބުކް ނުވަތަ އިންސްޓަގްރާމް ނުވަަތަ ޓިކްޓޮކް ބަލާ ނުލާ ނުއެއް ކެވެއެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އަތުގައި އޮންނަ ފޯނަށް ދޭ ޝައުގުވެރިކަން މާ ބޮޑެވެ. މިކަންކަމުގެ ސަބަބުން އާއިލީ ގުޅުން ހީނަރުވެއެވެ. ވަގުތު ނުދޭތީ ޖެހޭ މައްސަލަތައް އިތުރުވެއެވެ. ނޭނގި ނަމަވެސް އެ ގެއްލުވާލެވެނީ ހަޔާތުގެ މުހިންމު ބައެކެވެ.
މިކަންކަމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ދެވޭ ސަމާލުކަންވެސް ކުޑަވެއެވެ. ކަންކަމުގައި ދެވޭ ސަމާލުކަން ކުޑަވެ ފަރުވާ ކުޑަ ވާ ތަން ފެނެއެވެ. މިފަދަ ކަންކަމުގައި ޒުވާން ޖީލެއް ހަލާކުވިއަ ނުދީ މިފަދަ ކަންކަމުން މި ޖީލު ރައްކާތެރި ކުރަން ޖެހެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާއިން ލިބޭ ގެއްލުންތައް ބުނެދީ ހޭލުންތެރިކަން އިތުރު ކުރަން ޖެހެއެވެ. ނޭދެވޭ ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރުމުން ދުރުވާން ޖެހެއެވެ.
އެގޮތުން ޝޯޝަލް މީޑިއާ ބޭނުން ކުރުމަށް ވަކި ވަގުތުތަކެއް ކަނޑައަޅަައި އެ ވަގުތު ހަމަވުމުން ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްޓާލުމަކީވެސް މި މައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަމެކެވެ. މީގެއިތުރުން ޖިސްމާނީ ހަރަކާތްތަކަށް ހޭދަކުރާ ވަގުތުތައް އިތުރުކޮށް، އާއިލާއާއެކު ހޭދަކުރާ ވަގުތުތައް އިތުރުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަބަދު ފޯނާއި ކުޅެން އިނުމުގެ ބަދަލުގައި ރައްޓެހިންނާއެކު ޖޮގިން ކޮށްލަން ދެވިދާނެއެވެ. ކަސްރަތު ކުރުމަކީ ޖިސްމާނީ ދުޅަހެޔޮ ކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ ކަމެކެވެ.