ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ގުނާ ލެވޭ ޓްވިޓާ ކުންފުނިން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް، ދާއިމަށް ސަސްޕެންޑްކޮށްފިއެވެ.
ޓްވިޓާ ކުންފުނިން ބުނީ ޓްރަމްޕްގެ އެކައުންޓް ދާއިމަށް ސަސްޕެންޑް ކުރީ، ހަމަނުޖެހުން އުފެއްދެއްވުމަށް އިތުރު މަސައްކަތްޕުޅުތަކެއް ކުރައްވަފާނެ ކަމުގެ ނުރައްކާ އޮތުމުގެ ސަބަބުން ކަމަށެވެ.
މި ނިންމުމަކީ، realDonaldTrump ގެ ނަމުގައި ޓްރަމްޕް ބޭނުން ކުރައްވަމުން ގެންދެވި ޓްވިޓާ ހޭންޑްލް އިން ދާދި ފަހުން ކުރެއްވި ޓްވީޓްތަކުގައި ވާ ވާހަކަތަކާ، އެ ކަމުގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރުމަށް ނިންމި ނިންމުމެއް ކަމަށްވެސް ޓްވިޓާ ކުންފުނިން ބުނެއެވެ.
ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކުރުމާއެކު ޓްރަމްޕް ވަނީ އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައި އޮންނަ ރަސްމީ ޓްވިޓާ އެކައުންޓް ބޭނުން ކުރައްވައިގެން ޓްވީޓްތަކެއް ކުރައްވާފައެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ، އެ ޓްވީޓްތައްވެސް ވަނީ ޑައުންކޮށްފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އެމެރިކާގެ މަޖިލިސް ކުރާ އިދާރާގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެންވެސް ޓްވިޓާ ކުންފުނިން ވަނީ 12 ވަރަކަށް ގަޑިއިރަށް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފައެވެ. އަދި ޓްވިޓާ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ޓްރަމްޕް އަމަލު ކުރައްވަނީ ނަމަ، ދާއިމަށް ޓްވިޓާއިން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް އެކުންފުނިން އޮތީ ދީފައެވެ.
ޓްވިޓާ ކުންފުނީގެ ނިންމުމަށް ފާޑުވިދާޅުވަމުން ޓްރަމްޕް 2020 ގެ ކެމްޕޭން މުޝިރު ޖޭސަން މިލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ "މުޑުދާރު" އަމަލެއް ކަމަށެވެ.
ފޭސްބުކް ކުންފުނިންވެސް ބުރާސްފަތި ދުވަހު ވަނީ، މުއްދަތެއް ނެތް ގޮތަށް އެ ޕްލެޓްފޯމުން ޓްރަމްޕް ސަސްޕެންޑް ކޮށްފައެވެ.
ކަން މިހެން އޮތްއިރު ގޫގްލްއިން ވަނީ ޓްވިޓާއާ ވާދައަށް، ދާދި އެ މޭރުމަކުން ހިންގާ "މިނިވަން ހިޔާލު"ގެ ޕްލެޓްފޯމެއް ކަމަށްވާ "ޕާލާ"ވެސް ސަސްޕެންޑްކޮށްފައެވެ. މިއީ ޓްރަމްޕްގެ ސަޕޯޓަރުންގެ މެދުގައި އިންތިހާއަށް މަގުބޫލު ޕްލެޓްފޯމެކެވެ. އަދި ޓްރަމްޕްގެ ޝަހްސު ޕްރޮމޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމުގައި ހިންގާ 2 ފިހާރައެއްވެސް ބަންދުކޮށް ފައި ވާއިރު، ރެޑިޓް އިން ވަނީ، ޓްރަމްޕްގެ ސަޕޯޓަރުންނަށް ހާއްސަ ކޮށްގެން ހިންގާ ފޯރަމެއްވެސް ބަންދުކޮށްފައެވެ.
ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފެއިލްވެވަޑައިގެންނެވި ޓްރަމްޕަކީ، ޓްވިޓާ ޕްލެޓްފޯމުން ސަސްޕެންޑް ކުރި ގައުމެއްގެ ފުރަތަމަ ވެރިޔާ ކަމަށް މައުލޫމާތު ލިބެއެވެ.