މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި އިލެކްޓޯރަލް ކޮލެޖުގެ އަޣުލަބިއްޔަތު ހޯއްދަވައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ މުއްދަތަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާފައި ވަނީ، ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ކަމަށް، އެމެރިކާގެ ކޮންގްރެސް (ގާނޫނު ހަދާ މަޖިލިސް) އިން ފާސްކޮށްފިއެވެ.

އެމެރިކާގެ އާ ރައީސަކީ ބައިޑަން ކަމަށް ކޮންގްރެސްއިން ކަނޑައަޅާ، އެކަން އިއުލާން ކޮށްފައި ވަނީ، މިހާރު ކުރިއަށްދާ މަޖިލީހުގެ ޖޮއިންޓް ސެޝަންގައި މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. މިއާއެކު އެމެރިކާގެ ރައީސްކަމުގެ މަގާމު ބައިޑަންއަށް ކަށަވަރުވީއެވެ.

ކޮންގްރެސްގެ ނިންމުމާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ސުލްހަވެރި ކަމާއެކު ބާރުތައް ހަވާލު ކުރެއްވުމުގެ މަސައްކަތަށް ތައްޔާރަށް ހުންނެވި ކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް، ކޮންގްރެސްގެ ނިންމުމަކީ، އެމެރިކާގެ ތާރީހު ދުށް އެންމެ ވަރުގަދަ ރިޔާސީ ދައުރަށް ނިމުން ގެނުވި ރަމްޒެއް ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ މުޅިން ދެކޮޅު ކަމުގައި ވީ ނަމަވެސް، ޖަނަވަރީ 20 ވަނަ ދުވަހު، ގާނޫނީ އިމުގެ ތެރެއިން، އާ ސަރުކާރާ ބާރުތައް ހަވާލު ކުރައްވާނެ ކަމަށެވެ.

ޓްރަމްޕް ގެންދަވަނީ ނޮވެމްބަރު މަހުގެ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށް އިންކާރު ކުރައްވަމުންނެވެ. އަދި އެކަމަށް ގޮންޖައްސަވާ، ކޯޓަށްވެސް މައްސަލަ ވެއްދެވިއެވެ. ނަމަވެސް ޝަރުއީ އިމުގެ ތެރެއިން ޓްރަމްޕަށް ކުރި ލިބިވަޑައި ނުގަތެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކާ މެދު މަޖިލީހުން ފަހު ބަސް އިއްވުމަށް ކުރިއަށް ގެންދިޔަ ޖަލްސާއާ ދިމާކޮށް، ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަނެ، ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި 4 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އެތައް ހާސް ޑޮލަރެއްގެ މުދަލާތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.