ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން، އެ ގައުމުގެ މަޖިލިސް ކުރާ ގެ (ކެޕިޓޮލް ބިލްޑިންގް)އަށް ވަދެގަނެގެން ހިންގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ މީހުންގެ އަދަދު 4 އަށް އަރައިފިއެވެ.

ވޮޝިންގްޓަން ޑީސީގެ ޕޮލީސް ޗީފް ރޮބާޓް ކޮންޓީ ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މަޖިލިސް އިދާރާގެ ފުލުހުން ދިން ބަޑީގެ ހަމަލާއެއް އަމާޒުވެ، ފަރުވާ ހޯދަމުން ދަނިކޮށް މަރުވި އަންހެނަކާ، "މެޑިކަލް އެމާޖެންސީ"ތަކެއްގައި މަރުވި އިތުރު 3 މީހެއް ކަމަށެވެ.

4 ގަޑިއިރެއް ހާއިރަށް ދެމިގެންދިޔަ ކުރިމަތިލުންތަކުގައި ޓްރަމްޕްގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކުންވެސް ކެމިކަލް އޭޖެންޓްގެ ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަޖިލިސް އިދާރާއަށް ވަދެގަތް ސަޕޯޓަރުންގެ ކިބައިން ތަން ސަލާމަތްކޮށް، އާންމު ހާލަތަށް އެ ސަރަހައްދު ގެނެސްފައި ވާކަން، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިއުލާން ކޮށްފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިމާރާތް ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން / ފޮޓޯ: ފްރާންސް24

ޑީސީ ފުލުހުންގެ އޮފިޝަލުން ވިދާޅުވީ، އަމިއްލައަށް ތައްޔާރު ކޮށްފައިވާ 2 ޕައިޕް ބޮމެއްވެސް މަޖިލިސް އިދާރާ ސަރަހައްދުން ފެނިފައި ވާ ކަމަށެވެ. އެއް ބޮން ފެނިފައި ވަނީ ޑިމޮކްރަޓުންގެ ނޭޝަނަލް ކޮމިޓީ ބައްދަލުވުން ކުރިއަށްދާ ސަރަހައްދުން ކަމަށް ވާއިރު، އަނެއް ބޮން ފެނުނީ ރިޕަބްލިކަން ނޭޝަނަލް ކޮމިޓީ ބައްދަލުވުން ކުރިއަށް ދާ ސަރަހައްދުން ކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން، ކެޕިޓޮލް ބިލްޑިންގް ސަރަހައްދުން ބަޑިއަކާ މޮލޮޓޯވް ކޮކްޓެއިލް ފެނިފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިދާރާއަށް ޓްރަމްޕްގެ ސަޕޯޓަރުން ހަމަލާ ދީފައި މިވަނީ، ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުން ފަހުބަސް އިއްވުމަށް ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތަކުގެ ސަބަބުން މިމަސައްކަތް އިރުކޮޅަކަށް މަޑުޖެހުނު ނަމަވެސް، މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވެރިކަމުން ޓްރަމްޕް އަޒުލު ކުރުމުގެ މަސައްކަތްވެސް ހިނގަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ފާއިތުވީ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި އެމެރިކާގެ ކެޕިޓޮލް ބިލްޑިންގަށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމުތަކުގެ ލީޑަރުން ދަނީ މި ޖަރީމާ ކުށްވެރި ކުރަމުންނެވެ. އެމެރިކާގެ ސިޔާސީ ލީޑަރުންނަށް ބަލާއިރު، ވެރިކަން ކުރާ ރިޕަބްލިކަންސް ޕާޓީގެ މެމްބަރުންވެސް ގެންދަވަނީ މި ހަރަކާތް ކުށްވެރި ކުރައްވަމުންނެވެ. ކަން މިހެން އޮތްއިރު، ޓްރަމްޕްގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އިސް އޮފިޝަލުން މިހާރު ގެންދަވަނީ މަގާމުން އިސްތިއުފާ ދެއްވަމުންނެވެ.