ދިގު ތާރީހެއް އޮތް ދިވެހިހާރިޖީ ހިދުމަތުގެ ތަސައްވުރު ބައްޓަން ވަނީ ދިވެހިރާއްޖެ އަކީ ފުދުންތެރި އަދި ދިވެހިންނަކީ ފަހުރުވެރި ބަޔަކަށް ހަދައިދިނުމުގެ މައްޗަށެވެ. އަށްޑިހަ އަށް އަހަރުގެ ފަހުރުވެރި މާޒީއެއް އޮތް ދިވެހި ހާރިޖިއްޔާގެ ހިދުމަތުގެ އަދުގެ މިސްރާބު ހުރީ ދިވެހިންނަށް އިގުތިސޯދީ ފުރުސަތުތައް ފަހިކޮށް ދީ، ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއެރުވުމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމާއި، އިސްލާމް ދީނުގެ ރިވެތި ސިފަތަކުގެ ތެރޭގައި ހިމެނޭ އެކަކު އަނެކަކަށް އިހުތިރާމު ކުރުން ފަދަ ސިފަތައް އަށަގެންނެވުމާއި ދެމެހެއްޓުމަށް އިސްކަން ދިނުމަކީ ދިވެހި ހާރިޖިއްޔާގެ އަމާޒުތަކުގައި ހިމެނޭ ބައެއް ކަންކަމެވެ. މީގެ އިތުރުން، ދެކުނު އޭޝިޔާގެ ސަރަހައްދީ އެއްބާރުލުން އިތުރު ކުރުމަށް މަސައްކަތް ކުރުމާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމާއި، ހާރިޖީ ދާއިރާގެ ހިންގުން ކުރިއަރުވައި ހަރުދަނާ ކުރުމަކީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކުރު ހުލާސާ އެކެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަން ފޮރިން މިނިސްޓްރީން ބޭއްވި ހަރަކާތުގައި ރާއްޖެގައި ތިއްބަވާ ބޭރު ގައުމު ތަކުގެ އިއްޒަތްތެރިންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މި ހުލާސާ ހިތުގައި ބާއްވައިގެން، ފާއިތުވެދިޔަ 2020 ވަނަ އަހަރަށް އަވަސް ނަޒަރެއް ހިންގާ އިރު، އެއީ އެއް ގޮތަށް ވުރެ ގިނަ ގޮތުން ދިވެހި ހާރިޖީ ހިދުމަތުގެ އިންގިލާބީ އަހަރެއް ކަމުގައި ދަންނަވަން ޖެހެ އެވެ. މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއި، އެނޫންވެސް ގޮތް ގޮތުން ކުރިމަތި ވި އެކި ކަހަލަ ގޮންޖެހުން ތަކާ އެކުގައި ވެސް، 2020 ވަނަ އަހަރަކީ ދިވެހި ހާރިޖީ ހިދުމަތަށް ރަން އަހަރެއް ކަމަށްވެސް ދެންނެވިދާނެ އެވެ.

ކޮވިޑްގެ ވޭން ލުއިކުރުމުގައި ހާރިޖިއްޔާ

2020 ވަނަ އަހަރަކީ އެއް ގޮތަށް ވުރެ ގިނަ ގޮތުން ދިވެހިންނާ ބައްދަލުކުރި ބަލިމަޑުކަމުގެ އަހަރެކެވެ. 2020 ވަނަ އަހަރަށް މަރުހަބާ ކިއިތާ މާ ގިނަ ދުވަހެއް ނުވެ، އިންޒާރުގެ ރަނގަބީލު ޖެހީ މާލޭ ސަރަހައްދުގައި ފެތުރެމުން ދިޔަ ހިމަބިހީގެ ރޯގާ އެވެ. މި ހާލަތުގައިވެސް ދިވެހި ހާރިޖިއްޔާ އިން ވަނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި 30000 މީސަލްސް ވެކްސިނާ ގުޅުން ހުރި ކަންކަން ފެސިލިޓޭޓް ކޮށްދީފަ އެވެ.

ދެން ބޯމަތިވީ ކޮވިޑް-19ގެ ތޫފާނެވެ. މިކަމުގައި ދިވެހި ހާރިޖިއްޔާ ދިޔައީ އެހެން ދާއިރާތަކަށް ވެސް މިސާލު ދައްކަމުންނެވެ. ބަލީގެ ނުރައްކާ އެންމެ ފުރަތަމަ ބޮޑުވެގެން ދިޔަ ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ އިވެކުއޭޓް ކުރި ބިދޭސީންގެ ތެރޭގައި ދިވެހިން ހިމެނުނު ކަމީ، ފާހަގަ ކުރަން ހައްގު ކާމިޔާބީ އެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލިމަޑުކަން ފެތުރިގެން ދިއުމާ އެކު، ތަފާތު އެކި ހިސާބުތަކުން 20 ގައުމެއްގައި ތިބި ދިވެހިންގެ ތެރެއިން، ގައުމަށް އަންނަން ބޭނުން ވެފައި ތިބި އެތައް ބަޔަކު ގައުމަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސި އެވެ.

ވޫހާންގައި ތިބި 7 ދިވެހިން ރާއްޖެ ގެނައުން / ފައިލް ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ބޯޑަރު ބަންދު ކުރުމާ އެކު މުޅި ދުނިޔެ ހުއްޓުމަކަށް އަ އެވެ. ރާއްޖެ އަކީ މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާ ވެފައި އޮތް ގައުމެކެވެ. އަސާސީ ބޭނުންތަކާއި ފުރާނަ ސަލާމަތް ކުރުމާ ގުޅުން ހުރި ކަންކަމުގައި ވެސް މެ އެވެ. މިހާލަތުގައި ވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އައްޑަނައަކަށް ވީ ދިވެހިންގެ ބަދަހި ހާރިޖީ ގުޅުން ތަކެވެ.

ހާރިޖިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ކުއްލި ހާލަތުގައި ބޭރު ގައުމުތަކުން ބޭސް ބޭނުން ވި 2000 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ. ލޮކްޑައުންގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށް ދަތިވި ދިވެހިންނަށް އެހީވުމަށް، އެއްވެސް ފީއެއް ނެގުމަކާ ނުލާ، އެހީގެ ޕެކޭޖު ފޮނުވައި ދިނުމުގެ ކަންކަން ހާރިޖިއްޔާއިން ކުރި އެވެ.

ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ކެއާ ޕެކޭޖު ފޮނުވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ސަޕްލައި ކުރުމަށް ހާރިޖިއްޔާ އިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އަކީ، ކުރި އަރާ، ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުން ޕީޕީއީ (ހަށި ރައްކަލަށް ބޭނުން ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) ހުސްވެ، މަސްރަހު ހޫނުވަމުން ދިޔައިރުވެސް، ރާއްޖެއަށް އެ ދަތިކަމާ ކުރިމަތިލާން ނުޖެހުމެވެ. އޮސްޓްރޭލިއާ، އެމެރިކާ، އިންޑިއާ، ޗައިނާ، ޖަޕާން، ބަންގްލަދޭޝް އަދި ޔޫއޭއީ ފަދަ އެކުވެރި ގައުމުތަކުން ރާއްޖެއަށް މި ތަކެތި ފޯރުކޮށް ދިނެވެ. ޔޫއޭއީ އިން އެކަނިވެސް 70 މިލިއަން ރުފިޔާގެ ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހަދިޔާ ކުރި އެވެ.

2020 ވަނަ އަހަރުގެ ހާރިޖީ ގުޅުންތަކަށް ނަޒަރު ހިންގާ އިރު، ލިސްޓު ހަނިވަނީ ހަމައެކަނި މާއްދީ އުފެއްދުން ތަކަކަށް ނޫނެވެ. ފަންނީ އެހީ ހޯދުމުގައިވެސް ހާރިޖިއްޔާ އިން ވަނީ ޝުކުރު ހައްގު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ހިލޭ އެހީގެ ދަށުން، ބަންގްލަދޭޝް އަދި އިންޑިއާ އިން މެޑިކަލް ޓީމްތައް ގެނެސް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރާނެ އިންތިޒާމު ހަމަޖެއްސި އެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް ފޮނުވި 10 ޓަނުގެ ހިލޭ އެހީ / ފޮރިން މިނިސްޓްރީ

ސަރުކާރުގެ ބައެއް އިދާރާތަކާއި، ބޭރު ބައެއް ގައުމުތަކުގެ މައި ސަހަރުތައް ބަންދުކުރި ނަމަވެސް، ދިވެހި ހާރިޖިއްޔާގެ ހިނގުމަކަށް ހުއްޓުމެއް ނާންނަ ކަމުގައި ވެސް ދެންނެވިދާނެ އެވެ. ރާއްޖެން ބޭރަށް ގޮސް، ބޭސް ފަރުވާ ކުރަން ޖެހޭ ފަރާތްތަކަށް، އާސަންދަ އާ ގުޅިގެން އެކަން ވެސް ހަމަޖައްސާ ދިނެވެ. އެތައް އާއިލާއެއްގެ ކަންބޮޑުވުން ތަކަށް ލުޔެއް ގެނެސްދެމުންނެވެ.

ދިވެހި ހާރިޖީ ގުޅުން އާ އުސްމިނަކަށް

ނިމިގެން ދިޔަ 2020 ވަނަ އަހަރު ދިވެހި ހާރިޖިއްޔާއިން ވަނީ ބޭރު ދެ ގައުމަކާ އެކު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކޮށް ފައެވެ. ރިޕަބްލިކް އޮފް އެންގޯލާއާއި ކިންގްޑަމް އޮފް އިސްވަތީނީއާ އެކު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމާ އެކު، ރާއްޖެއިން މި ގުޅުން ދަމަހައްޓާ ގައުމުތަކުގެ އަދަދު 175 އަށް ވަނީ އަރައިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަން ދެވަނަ ފަހަރަށް ކަށަވަރު ކުރި އެވެ. އަދި ކޮމަންވެލްތުގެ އެހެން ޖަމިއްޔާތަކާ ރާއްޖެ އަލުން ގުޅި، އެކަމުގެ ފައިދާތައް ދިވެހިންނަށް ލިބި ލިބި ހުންނާނެ ގޮތް ތަނަވަސް ކުރުމުގައި ހާރިޖިއްޔާ އިން އިސް ދައުރެއް އަދާ ކުރި އެވެ. ކޮމަންވެލްތު ސްކޮލާޝިޕް ތަކަށް ކުރިމަތި ލުމުގެ ފުރުސަތު، މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާއާ ސައުދީ އަރަބިއްޔާގައި ނޮވެމްބަރު 26، 2020 ގައި ބައްދަލު ކުރައްވަނީ / ފޮޓޯ: ދިވެހި ހާރިޖިއްޔާ

ކޮވިޑް-19 އިން ތައާރަފު ވި އާ-އާންމު ހާލަތަށް ވެސް ދިވެހި ހާރިޖިއްޔާ އޮތީ ތައްޔާރު ވެފައި ކަން، ދޭދޭ ގުޅުންތަކަށް ބަލާލުމުން އެނގެ އެވެ. އެގޮތުން، 100 އަށް ވުރެ ގިނަ ގައުމާ އެކު މިނިވަން ދުވަހުގެ ރިސެޕްޝަން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަކަން ފާހަގަ ކުރަން ޖެހެ އެވެ. މިއީ މި ރިސެޕްޝަން ވާޗުއަލް ކޮށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ސަތޭކައަށް ވުރެ ގިނަ ގައުމުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ އެކު ވާޗުއަލް ރިސެޕްޝަނެއް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރިއަށް ގެންދެވި އެވެ. މި ރިސެޕްޝަންގައި އދ.ގެ ޕްރެޒިޑެންޓް އޮފް ދަ ޖެނެރަލް އެސެމްބްލީވެސް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަން ފޫބައްދައި، ޓޫރިސްޓުންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީ އާ ގުޅިގެން ވެބިނާ ބާއްވައި، ބޯޑަރުތައް އަލުން ހުޅުވާލުމާއެކު، އެކި ގައުމުތަކުގައި ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގެ މަސައްކަތް ދިވެހި ހާރިޖިއްޔާއިން ކުރަން ފެށި އެވެ.

2020 ވަނަ އަހަރަކީ މިންތީގެ ހަމަހަމަކަން ހޯދުމަށް ދިވެހި ހާރިޖިއްޔާއިން ކުރަމުން އަންނަ މަސައްކަތަށްވެސް ކާމިޔާބު އަހަރެކެވެ. ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ 50 ފަސެންޓަކީ އަންހެނުން ކަން ކަށަވަރު ކުރި އެވެ. ދިވެހި ހާރިޖީ ޓީމުގެ އެޒެކެޓިވް ޓީމްގެ 40 އިންސައްތައަކީ ވެސް އަންހެނުންކަން ފާހަގަ ކުރަން ޖެހެ އެވެ.

ދިވެހި ހާރިޖިއްޔާއާ ދެކޮޅަށް އަދުގެ ސަރުކާރުގައި ކޮރަޕްޝަންގެ ދައުވާ އެއް އަމާޒުވެފައި ނުވުމަކީ ވެސް ޑިމޮކްރަސީގެ އުސޫލުން ބަލާ އިރު ކާމިޔާބީ އެކެވެ.

2021 އަށް ކުރާ އުއްމީދު

އެންމެ ކުރީއްސުރެ ވެސް ޑިޕްލޮމެސީއަކީ ފޭސް-ޓު-ފޭސް ކޮށް ހިނގާ ކަމަކަށް ވާތީ މި އަހަރަކީ ގައުމެއްގެ ހާރިޖީ ގުޅުން ތަކަށް އެންމެ ހީނަރު ކަން އަންނާނެ ކަމަށް ބެލެވުނު އެއް އަހަރެވެ. ނަމަވެސް، ފާއިތުވީ އަހަރުގެ ދިވެހި ހާރިޖީ ސޮފުހާތަކުން ދިނީ ތަފާތު މެސެޖެކެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ރާއްޖެއަށް ކުރެއްވި ދަތުރު: މިނިސްޓަރު ޝާހިދާއެކު ބޭއްވި ޕްރެސް ކޮންފަރެންސް / ފޮޓޯ: ރައީސް އޮފީސް

އުއްމީދީ މެސެޖުތަކުން މަރުހަބާ ކީ 2021 ވަނަ އަހަރަށް ވެސް ހާރިޖީ ތަސައްވުރު ފެންނަނީ އުޖާލާ ކޮށެވެ. ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު އިތުރު ކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، އެހީ ކަށަވަރު ކުރުމަކީ 2021 ވަނަ އަހަރުގެ ވެސް އަމާޒުތަކުގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން އދގެ އިތުރު މެމްބަރުންނާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމާއި، ކްލައިމެޓް ޑިޕްލޮމަސީއާއި އިންސާނީ ހައްގުތަކަށް ވާކާލާތު ކުރުން މަތީ ދެމި އޮތުމަކީ ވެސް 2021 ވަނަ އަހަރަށް ދިވެހި ހާރިޖިއްޔާ އިން އަމާޒު ހިފާފައި ވާ ކަންކަން ކަމަށް، ދިވެހި ހާރިޖިއްޔާއިން ވަނީ އިޝާރާތް ކޮށްފަ އެވެ.