ކޮވިޑް-19 ފެށުނު ޗައިނާގެ ވޫހާން ސިޓީއިން ނުނިކުމެ ބާކީ ތިބި ދެ ދިވެހިން އެ ސިޓީއިން ނެރެ، އިންޑިއާގެ ދިއްލީގައި ކަރަންޓީނު ކޮށްފިއެވެ.
ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، ވޫހާންއިން ނުނިކުމެ ބާކީ ތިބި ދެ ދިވެހިން އެ ސިޓީއަށް ދިޔަ އިންޑިއާގެ އެއާފޯސް (އައިއޭއެފް)ގެ ފްލައިޓެއްގައި މިހާރު އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން އަނބުރާ ރާއްޖެ އަންނާނީ، ކަރަންޓީނުގެ މުއްދަތު ނިމުމުން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ވައިރަސް ފެތުރެން ފެށި ވޫހާންގައި ތިބީ ޖުމްލަ ނުވަ ދިވެހިންނެވެ. ދެ ދިވެއްސަކު ރާއްޖެ އަންނަން އޭރު ބޭނުން ނުވުމުގެ ސަބަބުން ވޫހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ސިޓީއިން ނެރުނު އިރު، އިވެކުއޭޓްކޮށް ދިއްލީއަށް ގެންދިޔައީ ހަތް ދިވެހިންނެވެ. ކަރަންޓީން ގެ 14 ދުވަސް ނިމި އެ މީހުން އަނބުރާ ރާއްޖެ އައީ މި މަހުގެ 18 ވަނަ ދުވަހެވެ.
ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނަނަމަ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާނަމަ ދޫކޮށްލާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އިއްޔް ވަނީ ރާއްޖޭގައިވެސް ދެ ދިވެހިން ކަރަންޓީން ކޮށްފައެވެ.
ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވީ އިރު މިހާތަނަށް 2772 މީހުން މި ބަލީގައި ވަނީ މަރުވެފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.