މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ގެއްލުން ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން "އެކްސް" މެދުވެރިކޮށް އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށާއި ކުޅުދުއްފުށި ސިޓީއަށެވެ.
މިގޮތުން، ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމާ ގުޅިގެން 60 އަށްވުރެ ގިނަ ގެއަކުން މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ. އެ ރަށުގެ ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ގިނަ ސާމާނުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އެހެންނަމަވެސް، ގެތަކުން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތަކަށް އަދި ކަންކަން ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. ފެން ވަނުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ގެތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ރަށަށް އަދިވެސް ވާރޭ ވެހެމުންދާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
ހަމައެއާއެކު، ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 190 އަށްވުރެ ގިނަ ގެއިން ވަނީ އެހީތެރިކަމަށް އެދި ރިޕޯޓްކޮށްފައެވެ. ކުޅުދުއްފުށީ ކައުންސިލުން މިހާރު ދަނީ އެ ގެތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެ ސިޓީއަށް މިވަގުތު ވާރޭ ހުއްޓާލާފައިވީ ނަމަވެސް، މަގުތަކާއި ގެތަކުން ފެންހިއްކުމުގެ މަސައްކަތް ކައުންސިލާއި، ޕޮލިސް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އަދި ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.
އެންޑީއެމްއޭ އިން އިތުރަށް ވިދާޅުވީ، ފެންބޮޑުވެ ގެއްލުން ލިބެމުންދާ ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތައް ދެނެގަނެ، ރަށު ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
