ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވަމުން، އެ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި ތާރީހީ އާ ބާބެއް ހުޅުވިގެންދިޔަ ދަތުރުފުޅެއް ކަމުގައި ވިދާޅުވެއްޖެއެވެ.

މި ދަތުރުފުޅު ނިންމަވާލައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ، އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދަށް ޕާކިސްތާނުން ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ރައްޔިތުންނަށް އިހްލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިގްތިސާދީ ގޮތުން ފުޅާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ލިބިގެންދާނެ ފަދަ އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އާ ފެށުމުގެ އެންމެ މުހިންމު އެއް އަމާޒަކީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު މިހާރު ހުރި 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ވެގެންދިޔައީ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އެޅުނު ވަރަށް ވަރުގަދަ ބިންގަލަކަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއް ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި އުއްމީދުތަކެއްގެ ބަދަލުގައި އަމަލީ ގޮތުން ނަތީޖާ ނެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ހަ ދަހަރުވީ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިސްލާމްއާބާދުން އެނބުރި ވަޑައިގަންނަވަނީ ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި އެކުލަވާލެވުނު މި ބަދަހި ގުޅުމާމެދު އޮތް ފުރިހަމަ ޔަގީންކަމާއި އުފާވެރި ހަނދާންތަކާއެކު ކަމަށެވެ. އަދި ދެ ގައުމުގެ މިސްރާބު ހުރީ އިތުރު އުސްމިންތަކަކަށް ވާސިލުވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.