ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއެކު ވާޗުއަލްކޮށް ފޮރިން މިނިސްޓްރީއިން މިއަދު ބޭއްވި ރިސެޕްޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށާއި ހާއްސަކޮށް ރާއްޖެ އަށް އޭގެ ދަތިކަން ބޮޑުވެގެން ދިޔައީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމެއް ކަމަށް ވުމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ އިގްތިސާދާއި ބޭރު ފައިސާ ހޯދުމާއި ވަޒީފާތައް ބަރޯސާ ވަނީ ޓޫރިޒަމަށް ކަމަށެވެ. އަދި ހެލްތު ސެކްޓާ އާއި ތައުލީމީ ނިޒާމު އަދި ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްތަކަކީ ވެސް ޓޫރިޒަމުން ލިބޭ އާމްދަނީ އަށް ބަރޯސާވާން ކަންކަން ކަމަށް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑްގެ ބިރުވެރިކަމާ އެކު ސަރުކާރަށް ވަނީ އާދަޔާ ހިލާފު ފިޔަވަޅުތައް އަޅަން ޖެހިފައި ކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ އުނދަގޫ އެތައް ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ. އެގޮތުން ކޮވިޑް ފެތުރުން ހުއްޓުވަން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދުކޮށްފައި އޮތް އިރު، ޓޫރިޒަމް ހުއްޓުމާ އެކު ރާއްޖެ އަކީ "އާމްދަނީ ލިބުން ހުއްޓިފައި" އޮތް ގައުމެއް ކަން ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭއަށް އެހީތެރިކަން ފޯރުކޮށް ދީފައިވާ ގައުމުތަކަށް ޝުކުރު ދައްނަވަމުން ޝާހިދު ވިދާޅުވީ ކޮވިޑްގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭއިރު، ގައުމުތަކުން އިތުރަށް އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.