ހަޔާތުން މިއަދާ ހަމައަށް ފާއިތުވީ ކޮންމެ އަހަރަކަށް ވަކިވަކީން ބެލި ނަމަވެސް، 2020 ވަނަ އަހަރު ފަދަ ދެވަނަ އަހަރެއް ތަޖުރިބާ ކޮށްފައި ނުވާނެ ކަން، ޔަގީނާ ގާތަށް ކަށަވަރެވެ.

ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ މަހުލޫގެއް އިންސާނީ ހަޟާރާތު ހުއްޓުމަކަށް ގެނައި ބޮޑު ބަލިމަޑުކަމާއި، ތެލުގެ އަގުތައް ސުން ރޭޓަށް ވުރެ ދަށަށް ވެއްޓުމާއި، ނަސްލީ އަދުލު އިންސާފުގެ ވަރުގަދަ މުޒާހަރާތައް ފަދަ ވާހަކަތަކަކީ 2020 ވަނަ އަހަރު ހާއްސަ ވި އެތައް ސަބަބެއްގެ ތެރެއިން މަދު ސަބަބުތަކެކެވެ. 2020 ވަނަ އަހަރަކީ 10 އަހަރުގެ ޓެކްނޮލޮޖީ، އެންމެ އަހަރު ދުވަހަކަށް ކުރުކޮށްލި އިންގިލާބީ އަހަރެކެވެ. ގަބޫލު ކުރަން ދަތިވި ކިތަންމެ ކަމެއް ހަމަ ލޮލަށް ފެނި، އަތުން ހިފާ، ތަޖުރިބާކުރި އަހަރެކެވެ.

ނިމިދިޔަ 2020 ވަނަ އަހަރަށް ޗައިނާއިން މަރުހަބާ ކިއީވެސް މާސްކުގައި / ފޮޓޯ: އޭޕީ

އާ ސާސްކަފުގެ ތަސައްވުރާއެކު ކުރަހާލި 2020ގެ ޗާޓު އޮތް ގޮތަށް އޮތީ އެވެ. ކަލަންޑަރުން ޖަނަވަރީ މަހަށް ހުޅުވާލުމާއެކުހެން ބައިނަލްއަގުވާމީ މަސްރަހުން ލިބެން ފެށީ ހިތްދަތި ކަމާ ބިރުވެރިކަމުން ފުރިގެންވި މެސެޖުތަކެކެވެ.

އޮސްޓްރޭލިއާގެ އަލިފާންގަނޑު

އަޅުގަނޑުމެންގެ ހަނދާނުން ފިލާ ގޮސްފައި ވީ ނަމަވެސް އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ބިޔަ އަލިފާންގަނޑުތަކެއް ރޯވާން ފެށީ މިއަހަރަށް ފެށުމާ އެކުގައި ހެނެވެ.

ހަނަފަސް ޖަންގަލިތަކުން ރޯވަމުން އައި އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ގެތަކާ ހިސާބަށް ފޯރާ، އެތައް ބައެއްގެ ދިރިއުޅުން އަޅިއަށް ވި އެވެ. ތިން މަހެއްހާ ދުވަހުގެ ތެރޭގައި 18.6 މިލިއަން ހެކްޓަރުގެ ބިން އެނދި އެވެ. އެއީ ގާތްގަނޑަކަށް 186000 އަކަ ކިލޯމީޓަރެވެ. އެއީ ކިއުބާ ފަދަ ގައުމަކަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ.

އޮސްޓްރޭލިއާގައި ރޯވަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމަށް ފަޔާމަނުން ދަނީ މަސައްކަތް ކުރަމުން/ފޮޓޯ: ޖޭސަން އެޑްވަޑާސް

މިފަދަ އަލިފާންގަނޑުތައް ރޯވުމަކީ އޮސްޓްރޭލިއާ އަށް އާންމު ކަމެއް ނަމަވެސް، މިފަހަރުގެ އަލިފާންގަނޑުތައް ތަފާތުވެފައި ވަރުގަދަ އެވެ. އަށްޑިހަ ދުވަހަށް އެނދި އަލިފާންގަނޑުގެ ސަބަބުން، ޖަނަވާރާއި ސޫފާސޫފީގެ އާބާދީ އިން ތިން ބިލިއަނެއް ހާ ފުރާނަ ގެއްލި ދިޔަ އެވެ. ނުވަތަ އެހެން ތަނަކަށް ބަދަލު ކުރަން މަޖުބޫރުވި އެވެ.

އެމެރިކާއާއި އީރާން ހަނގުރާމައިގެ ތުންފަތް މައްޗަށް

ދެހާސް ވިހި ވަނަ އަހަރުގެ ދުވަސްތައް ގުނަން ފަށާ، މަހެއްވެސް ފާއިތު ނުވަނީ، ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު ހީވާން ފެށި އެވެ. ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ޒަމާންވީ ހަތުރުން ކަމަށްވާ އެމެރިކާއާއި އީރާނުން ހަނގުރާމައިގެ އަޑި ނޭނގޭ ވަޅުގަނޑުގެ ތުންފަތް މައްޗަށް އެރި އެވެ.

އީރާނު ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުން އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އަތޯ ކެނާރީ

މިކަން ފެށުނީ، އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒު ގަދަ ލީޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ އަވާހަރަ ކޮށްލި ހާދިސާއާ އެކުގަ އެވެ. ސުލައިމާނީ އަވަހާރަ ކޮށްލީ، އިރާގުގައި ހުންނަވަނިކޮށެވެ. އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގަ އެވެ. އީރާނުން ވަނީ މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ، އިންޒާރު ކޮށްފަ އެވެ. ލަހެއް ނުވެ، އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާތައް ދޭން ފެށި އެވެ. މަޖިލީހުގެ ރުހުމާ ނުލާ ހަނގުރާމައެއް ފެށުމުގެ ބާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަތްޕުޅުން ނެންގެވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވެސް މަސައްކަތްތަކެއް ކުރި އެވެ.

އީރާނަށް ވެއްޓުނު ޔޫކްރައިންގެ މަތިންދާބޯޓު ފްލައިޓް ޕީއެސް752ގެ ބައިތައް/ފޮޓޯ: އޭއެފްޕީ

މި ކޯޅުންގަނޑުގައި އީރާނުގެ އަސްކަރިއްޔާ އަށް އެރި އޮޅުމެއްގައި، ފަސެންޖަރުން އުފުލާ މަތިންދާ ބޯޓެއް ވެސް ވައްޓާލި އެވެ. މި ހާދިސާގައި 176 މީހެއްގެ ފުރާނަ ގެއްލި ދިޔަ އެވެ.

އާ ބާވަތެއްގެ ކޮރޯނާވައިރަހެއް މުޅި ދުނިޔެއަށް ހަމަލާ ދިނުން

ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ބިރަށް ދުނިޔެ ބޮނދައިގެން އޮއްވާ އިވެން ފެށީ ޕޭޝަންޓް ޒީރޯއަކާއި ޕޭޝަންޓް 31 ގެ ވާހަކަ އެވެ.

ފެބްރުއަރީ މަހާ ހިސާބަށް އާދެވުނު އިރު ކަނޑައެޅިގެން ވަކި ނަމެއް ދީފައި ނުވާ ކޮރޯނާވައިރަހުގެ އާ ރޯގާ އޮތީ ޗައިނާ ތެރޭގައި ކޮންޓްރޯލް ވެފައި ކަމަށް މުޅި ދުނިޔެ ދިޔައީ ގަބޫލު ކުރަމުންނެވެ. ގައުމުތަކުން ބުނަމުން ދިޔައީ "ވަރަށް ގާތުން ބަލަމުން" ދާ ކަމަށެވެ. ނަމަވެސް، ދެން އިވެން ފެށީ، ގައުމުތަކުގެ ބޯޑަރު ހުރަސް ކޮށް، އެކި ހިސާބުތަކަށް އެ ވައިރަސް ފެތުރުނު އަޑެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް (ވ)، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ބައްދަލުކުރައްވަނީ/ފައިލް ފޮޓޯ: އޭޕީ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނަމުން ނަން ދިން ވައިރަހަށް 31 ވަނަ ކޭސް ޕޮޒިޓިވް ވީ ދެކުނު ކޮރެއާއިންނެވެ. 1160 މީހަކަށް ބަލި ޖެހުމުގެ އަސްލަކަށް ވީ ވެސް ޕޭޝަންޓް 31 އެވެ. މިއާއެކު މި ވައިރަހުގެ ނުރައްކާތެރިކަން މުޅި ދުނިޔެ އަށް ވިސްނެން ފެށި އެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް

ހޭލަމޭލައަށް 24 ގަޑިއިރު، ހަފުތާއަކު ހަތް ދުވަހު އަލިތަކާއި އަޑުފަށްގަނޑުން ގުގުމުން ދިޔަ ދުނިޔެ ހިމޭން ކޮށްލި އެވެ. ހަތް ބިލިއަނެއްހާ މީހުން ގޭބަންދުވި އެވެ. ޒަރޫރީ ބޭނުމަކަށް ވެސް ނުނިކުމެވޭ ސަހަރުތަކެއް ހުއްޓެވެ. އާއިލާގެ ހުރިހާ އެންމެން އެއްތަނެއްގައި ޖަމާވެގެން ތިބުމަށް ލާޒިމު ވި އެވެ. ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރަން ޖެހުނެވެ. އަތްދޮވުމަކީ ތާއަބަދުގެ އާދަ އަކަށް ހަދަން ޖެހުނެވެ. މާސްކަކީ ހަށިގަނޑުގެ ބައެއް ފަދަ އެވެ.

ފަރަންސޭސިވިލާތުގެ ލޫވާ މިއުޒިއަމް ސަރަހައްދު ކޮވިޑް-19އާ އެކު ފަޅުވެފަ/ފޮޓޯ: އޭއެފްޕީ

ސިނާއީ ކާރުހާނާތަކުން ބޭރު ކުރި ވިހަ ގޭސްތައް އޮބި، ދުނިޔޭގެ ޖައްވު ސާފުވެ، ފަޒާގެ ތެރެއިން ތާޒާ ފިނި ރޯޅިތައް ޖެހެމުން ދިޔަ އެވެ. ކޯރުތަކާ ކަނޑުތަކުގެ ދިރުން ތަކަށް އީދު އައި ފަދަ އެވެ. ވެހިކަލް ތަކުން އިވުނު އަޑުތައް، ސޫފާސޫފީގެ ހިތްގައިމު ރާގުތަކަށް ބަދަލުވި އެވެ.

ލޮކްޑައުން އަކީ 100 ޕަސެންޓް ހެޔޮ ހަބަރަކަށް ވެސް ނުވި އެވެ. ގެވެށި އަނިޔާ އިތުރުވި އެވެ. ވަޒީފާތައް ގެއްލުނެވެ. އާއިލާތައް ބައި ބައި ވެ، ރޫޅުނެވެ. ލޮކްޑައުން އަށް ވުރެ ވައިރަހުގެ ބާރު ގަދަވެ، ގޭގައި ގަބުރު ބާއްވައިގެން ތިބެން ޖެހެނު ބަޔަކުވެސް އުޅުނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ބިޒްނަސް އިންސައިޑާ

އޮފީސް މަސައްކަތް ގެއަށް ބަދަލުވެ، 24 ގަޑިއިރު ޑިއުޓީ އަދާ ކުރަން ޖެހުނު ފަދަ އެވެ. ފަންނީ ގޮތުންނާއި މާލީ ގޮތުން އެކަމަށް ތައްޔާރުވެފައި ތިބި މީހުން ނިސްބަތުން މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، ތަކުލީފު އުފުލަމުން މަސައްކަތް ކުރި މީހުން މަދެއް ނޫނެވެ. އާ އާންމު ހާލަތަށް އަދިވެސް މުޅި ދުނިޔެ އަހުލުވެރި ނުވާ ފަދަ އެވެ.

ތެލުގެ އަގު ސުން ރޭޓަށް ވުރެ ދަށް

ކޮވިޑް-19 އާ އެކު ދުނިޔޭގެ އިގުތިސޯދީ ހިނގުން ހުއްޓުމަކަށް އައެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ފޯރީ، ބައިނަލްއަގުވާމީ ތެލުގެ ސިނާއަތަށް ކަން، 2020 ވަނަ އަހަރަށް ނަޒަރު ހިންގާ އިރު ފާހަގަ ނުކޮށް ދޫކޮށްލެވޭކަށް ނެތެވެ. ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެމެރިކާގެ ބާޒާރުގައި ތެލުގެ އަގުތައް ސުން ރޭޓަށް ވުރެ ދަށަށް ދިޔަ އެވެ.

ސައުދީގެ ތެޔޮ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ބްލޫމްބާގް

މީގެ މާނައަކީ، ތެޔޮ އުފައްދާ ފަރާތްތަކުން، ތެޔޮ ގަންނަ ފަރާތްތަކަށް ފައިސާ ކޮޅެއް ދިނުމަށް ފަހު ތެލުގެ ޝިޕްމަންޓްތައް ދޫކޮށްލަން ޖެހުމެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް އިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މައިނަސް 37.63 ޑޮލަރަށް ވެއްޓުނެވެ. ތެލުގެ ސިނާއަތަށް އައި ހީނަރު ކަމާ އެކު، ތެލުގެ ސަޕްލައި މަޑުޖައްސާލާނެ މިންވަރަކާ މެދު ތެލުގެ ވިޔަފާރީގެ ލީޑަރުންގެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް ވެސް އުފެދުނެވެ.

ނަސްލީ އަދުލު އިންސާފުގެ އަޑު ގަދަވުން

"އަހަންނަކަށް ނޭވާއެއް ނުލެވޭ" މިއީ ފުލުހުންގެ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށް ވި ޖޯޖް ފްލޮއިޑްގެ އަނގައިން އެންމެ ފަހުން ބޭރުވި ވޭން ހުރި ލަފުޒުތަކެވެ.

މިއަދު އެ ނަމަކީ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެ އެވެ. އެމެރިކާގެ ކަޅުނަސްލަށް ނިސްބަތްވާ ފްލޮއިޑް، ފުލުހުންގެ ތެރެއިން ބަޔަކު ހިންގި ލަދުކުޑަ އަމަލުގެ ޝިކާރައަކަށް ވެ، މި ދުނިޔެއަށް ފަހު ނޭވާ ދޫކުރި ހާދިސާ ވެގެން ދިޔައީ، ނަސްލީ ފަރަގު އިންތިހާއަށް އޮތް، ނަމުގައި އެންމެ ޑިމޮކްރަޓިކް ގައުމު ގުޑުވާލި ވަރުގަދަ ހާދިސާ އަކަށެވެ.

ޖޯޖް ފްލޮއިޑްގެ، 6 އަހަރުގެ ދަރިފުޅު ޖިއާނާ، އޭނާގެ ބޮޑު ބޭބެ އަދި ކުރީގެ އެންބީއޭ ތަރި ސްޓީފްން ޖެކްސަން ކޮނޑުމަތީގައި /ފޮޓޯ: އިންސްޓަގްރާމް

މެއި މަހުގެ 25 ވަނަ ދުވަހުގެ ހާދިސާ އަށް ފަހު، މުޅި އެމެރިކާ ހަލަބޮލި ވި އެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ވައިރަހެއް ފަދައިން މިކަން ފެތުރެނެވެ. ހާދިސާ ހިނގި ހިސާބުން ފެށިގެން އޯގަސްޓް 22 ވަނަ ދުވަހުގެ ނިޔަލަށް 7750 މުޒާހަރާ ކުރި އެވެ. 93 ޕަސެންޓް މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާ ތަކަކަށް ވީ ނަމަވެސް، މުދަލާ ތަކެއްޗަށް ގެއްލުން ދިން މަންޒަރުތައް މީޑިއާ އިން ތަސްވީރު ކޮށްދިނެވެ. ލިބުނު ގެއްލުމުގެ ސީދާ އަގު އަދިވެސް ނޭނގެ އެވެ.

ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އެމެރިކާގައި ކުރަން ފެށި މުޒާހަރާތައް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނެވެ. މިކަންވީ އެމެރިކާގެ އަދުއްވުންގެ ގޮތުގައި އޮތް ޗައިނާއާއި އީރާނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އިންސާނީ ހައްގުތަކުގެ ވާހަކާގައި އެމެރިކާ އަކީ ބަހާއި އަމަލު ދިމާ ނުވާ ގައުމެއް ކަމަށް ބުނެ ފާޑުކިއުންތަކުގެ އަޑު ހަރުކުރީ ވެސް 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

މޫސުމީ ކާރިސާތަކުގެ ވެސް އަހަރެއް

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނަޒަރިއްޔާއިން ބަލާނަމަ ވެސް 2020 އަކީ "ނިއު-ނޯމަލް" އަހަރެކޭ ނުބުނާން ވީ ސަބަބެއް ނެތެވެ. އޮސްޓްރޭލިއާގައި ރޯވި ވަރުގަދަ އަލިފާންގަނޑާ ހިސާބުން ނިމުނީއެއް ނޫނެވެ. އެމެރިކާގައިވެސް މިފަދަ ވަރުގަދަ ހުޅުގަނޑެއް ފެތުރުނެވެ. އަލިފާންގަނޑު ފެތުރުނު ބާރު މިނުގައި ވަރުގަދަ ތޫފާންތަކާ ވެސް ކުރިމަތި ވި އެވެ. ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ވެސް ތޫފާނަކު ފުލު ތޫފާނެއް އެރި ފަދަ އެވެ.

ނިމިދިޔަ 2020 ވަނަ އަހަރަކީ ގިނަ ތުފާންތަކަކާ ކުރިމަތިލާންޖެހުނު އަހަރެއް / ފޮޓޯ: ބެންގަލޯ މިރާ

ލޯ ކުރިމަތީގައި އެތައް މަންޒަރެއް ނިއުޅިގެން ދިއުމުގެ ނަތީޖާއަކަށް ވީ ދުނިޔޭގެ އިސްވެރިން، ޕެރިސް ކްލައިމެޓް އެގްރީމަންޓަށް އިތުރު އެއްބާރުލުން ދިނުމަށް ފުރުސަތު ދެވުމެވެ. ނަމަވެސް ހުރިހާ ގައުމަކުން ނޫނެވެ. ޗައިނާއިން އަދިވެސް ދަނީ ތިމާވެއްޓަށް ގެއްލުން ދެނިވި އުސޫލުތަކުން އެއްކިބާވުމަށް އިންކާރު ކުރަމުންނެވެ.

ދުނިޔެ ފަތަހަ ކުރުމުގެ ހުވަފެން ޗައިނާއިން ދޫކޮށް ނުލުން

މުޅި ދުނިޔޭގައިވެސް އޮތް އެންމެ ނުފޫޒުގަދަ ގައުމަށް ވުމަށް ކެތްމަދު ވެފައި އޮތް ޗައިނާ އިން އާ ބަލިމަޑުކަމެއް ފެތުރި، މުޅި ދުނިޔެ ހިމޭން ކޮށްލި އިރު ވެސް، ޗައިނާގެ ރޫހަކަށް ބަދަލެއް ނާދެ އެވެ. ވެވުނު ހާ ގޮތަކުން މުޅި ދުނިޔެއަށް އަތްގަދަ ކުރުމަށް ޗައިނާ ދިޔައީ ކުރިއަށެވެ. ޗައިނާ އާ ހަސަދަވެދާނެ ކަމަށް ނުވަތަ ޗައިނާ އާ ވާދަ ކޮށްފާނެ ގައުމަކަށް "އިސްތިރާޖީ" ހަމަލާތައް ދެމުންނެވެ. ވަކިވަކި ފަރުދުންނަށް ވެސް މެއެވެ.

ޓިބެޓް ކޮންޓްރޯލް ކުރަމުން އަންނަނީ ޗައިނާގެ އިސްތިގުލާލީ ގައުމެއްގެ ގޮތުގައި / ފޮޓޯ: ސީޓީއޭ

އަމިއްލަ ގައުމުގެ ތެރޭގައި، ފާޅުގައި، ވީގޫރު މުސްލިމުންނަށް ދެމުން ދިޔަ އަނިޔާތައް ފޮރުވުމަށް އެތައް ހުއްޖަތެއް ދައްކަން މަސައްކަތް ކުރި އެވެ. އަވަށްޓެރިންގެ މިލްކިއްޔާތު އަމިއްލަ ކުރުމަށް އެތައް އުކުޅެއްގެ ބޭނުން ހިފި އެވެ. ކުރެވެން އޮތް ގޮތަކަށް ހޮންގްކޮންގް އަށް ޖެއްސުން ކުރި އެވެ. ޓައިވާން އާއި އެމެރިކާއަށް ވެސް ދުލެއް ނުދިނެވެ.

ކޮވިޑް-19ގެ ތަހުގީގު ތަކަށް ގޮވާލުމުން އޮސްޓްރޭލިއާ އާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމަ ފެށި އެވެ. ޒަމާންވީ އަދުއްވު، އިންޑިއާ އާ ހިއްސާ ކުރާ ބޯޑަރުގައި ކުރިމަތިލުން ހިންގާ، އިންޑިއާ އަސްކަރިއްޔާގެ 20 މީހަކު މަރާލި އެވެ.

އިންޑިއާ

2020 ވަނަ އަހަރަށް އަވަސް ކަޅިއެއް އެއްލާ އިރު، އަވަށްޓެރި އިންޑިއާގެ ވާހަކަ ނުދައްކާ ނިންމާލުމަކީ އިންސާފަކަށް ނުވާނެ އެވެ. އަހަރުގެ ފެށުމާ އެކުހެން އިންޑިއާގައި ދިގުލާފައި ވާ ދީނީ ތަފާތު ކުރުންތައް ނުރައްކާތެރި ކުރުމަތިލުމަކަށް ބަދަލު ވި އެވެ. މުސްލިމުންނާއި ހިންދޫންގެ ކުރިމަތިލުންތަކުގައި 50 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ގިނައީ މުސްލިމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އާޝޯކް ނަގަރު ސަރަހައްދު/ފޮޓޯ: ޑެއިލީ ސަބާހް

ދެން އައި އިސްތިރާޖީ ކޯޅުންތަކެވެ. ޒަމާންވީ ހަތުރު، ޗައިނާ އާ އެކު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ކުރަމުން ދިޔަ މިލްކުވެރިކަމުގެ ދައުވާ، އަސްކަރީ ކުރިމަތިލުމަކަށް ބަދަލު ވި އެވެ. 150 އެއްހާ ސިފައިންގެ ކުރިމަތިލުމެއްގައި އިންޑިއާއިން ބައެއްގެ ފުރާނަ ގެއްލި ދިޔަ އެވެ.

ހަރުކަށި ލޮކްޑައުންގެ އަމުރުތަކާ އެކު ގައުމު ހުއްޓުމަކަށް ގެނައި ދަނޑިވަޅާ ދިމާކޮށް ދަނޑުވެރިކަމުގެ ސިނާއަތަށް، އިސްލާހުގެ ނަމުގައި ގެނައި ގާނޫނީ ބަދަލުތަކާ އެކު އިންޑިއާގެ ދަނޑުވެރިން އެރީ ރަތަށެވެ. އެ މުޒާހަރާތައް ވެސް އަދި އޮތީ ކޮޅެއްގައި ނުޖެހި، ހޫނުކަންމަތީގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް 2020 އަކީ އިންޑިއާ އަށް ހިތި އަހަރެކެވެ. އިންޑިއާ އަކީ ބަލީގެ ނުރައްކާ 2 ވަނައަށް އެންމެ ބޮޑު ގައުމަށް ވި އެވެ. އަދިވެސް އެކަން އޮތީ އެހެންނެވެ. އެމެރިކާގެ ފަހަތުންނެވެ.

އެމެރިކާ

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމު ކަމަށް ވަކާލާތު ކުރަމުން އަންނަ އެމެރިކާ އަށް ވެސް 2020 އަކީ ބަނަ އަހަރެކެވެ. ހުރިހާ ގޮތަކުން ވެސް ފިއްތުންތަކެވެ. ހާސް ކަމާ ނުތަނަވަސް ކަމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަކީ މާ ސީރިއަސް ކަމެއް ކަމުގައި ދެކެވަޑައިނުގެންނެވި ލީޑަރެއްގެ ސަބަބުން މިއަދު އެ ބަލީގެ އެންމެ ނުރައްކާ މަންޒިލަކީ އެމެރިކާ އެވެ.

ބައިނަލްއަގުވާމީ ސިޔާސަތާ ފާޑުކިއުންތައް ހަޖަމް ކުރައްވަން ކެރިވަޑައި ނުގެންނެވި ލީޑަރެއްގެ ސަބަބުން، މި ހައްސާސީ ދަނޑިވަޅުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެމްބަރުކަން ދޫކޮށްލި އެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓްހައުސް ބެލްކަންޏަށް އަރާވަޑައިގެން މާސްކު ނަންގަވަނީ / ފޮޓޯ: ދަ ކްރޮނިކަލް

ރައީސް ޑޮނާލްޑް ޓްރަމްޕަށް ވެސް ކޮވިޑް-19ގެ ތަކުލީފު އުފައްލަވަން ޖެހިވަޑައިގަތެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން އޮތް އިންތިހާބުގެ ވޯޓުލުން ބޯމަތިވެފައި ވަނިކޮށެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ވީ ޓްރަމްޕްގެ ބަދު ނަސީބަށް ކަމުގައި ވެސް ދެންނެވިދާނެ އެވެ. އެމެރިކާގެ ތާރީހު ދުށް އެންމެ ސަޕޯޓް ބޮޑު ލީޑަރުގެ ގޮތުގައި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އިންތިހާބު ކާމިޔާބު ކުރައްވާ، ކުރިއަށް އޮތް ހަތަރު އަހަރަށް އެމެރިކާގެ ރައީސް ކަމުގެ ސީޓު ކަށަވަރު ކުރެއްވި އެވެ.

އަދި ފުރަތަމަ ފަހަރަށް، ކަޅު ނަސްލުގެ، އިންޑިއާ ދަރިކޮޅުގެ އަންހެން ނައިބު ރައީސަކު އެމެރިކާގެ ސިޔާސީ ޕޯޓްފޯލިއޯއިން ޖާގަ ހޯއްދެވި އެވެ.