ވާނުވާ ބަންދޭ ބުނެލުމުން ފުރަތަމަ ވެސް ހިތަށް އަރާނީ، މިއުޅެނީ ހުކުމެއް ނުކޮށް ޖަލުގައި ބަންދު ކޮށްފައި ތިބޭ ބަންދު މީހުންނާ ބެހޭގޮތުން ކޮންމެވެސް ވާހަކައެއް ދައްކަން ކަމަށެވެ. ނަމަވެސް މިފަހަރު މިއުޅެނީކީ އެކަހަލަ ވާހަކައެއް ދައްކާކަށް ނޫނެވެ. މިއުޅެނީ ވާނުވާގައި ބަންދު ވި އެހެން ބައެއްގެ ވާހަކަ ދައްކާށެވެ. މިފަހަރު ވާނުވާގައި ބަންދު ވީ ކުށެއްގެ ސަބަބުންނެއް ނޫނެވެ. ބައްޔެއްގެ ސަބަބުންނެވެ.

މިއީ ކޮވިޑްގެ ސަބަބުން ކުރަން ޖެހުނު "ވާނުވާ ބަންދު" ތަޖުރިބާގެ ވާހަކަ އެވެ. ކުރިން ތަހައްމަލު ކުރަން ނުޖެހޭ ތަފާތު ބަންދެއްގެ ވާހަކަ އެވެ. ފަހުގެ ތާރީހެއްގައި ދިވެހިން ތަޖުރިބާ ކުރަން ޖެހުނު އެންމެ ދަތި، އުނދަގޫ ދުވަސްވަރުގެ ވާހަކަ އެވެ.

ވާނުވާގައި ގޭ ބަންދުވެފައި!

ކޮވިޑް-19ގެ ބިޔަ ރާޅު ބޯމަތިން ބިންދާލަން އުޅޭ ކަމުގެ ރަތް ސިގުނަލް ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުއްސުރެއެވެ. މި ބަލީގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖަހާ، އާދަކާދަތައް ބަދަލު ކޮށްލާނެ އޭ މީހަކު ބުނެފިނަމަ އެކަން ވާނީ ޖޯކަކަށެވެ. އަމިއްލަ ގެއިން ބޭރަށް ދިއުން މަނާވެ، އެކަމަށް ހުއްދަތަކެއް ހޯދަން ޖެހިދާނެ އޭ ބުނެފި ނަމަވެސް އޭރު އެކަން ޖޯކަކަށް ނަގާނެ މީހުން އިންތިހާ އެވެ. އެކަން ބަދަލު ކޮށްލީ ކޮވިޑްގެ ރާޅުތައް ދުނިޔޭގެ އެކި ހިސާބުތަކަށް ބިންދާލުމާ އެކު، ބޭރުގެ މީޑިއަތަކުން ގެނެސްދިން ހަބަރުތަކެވެ. އޭރު ފެންނަމުން ދިޔައީ ފަރުވާ ދޭނެ ތަނެއް ނެތި، މީހުންތައް މަރުވަމުން ދިޔަ ބިރުވެރި މަންޒަރެވެ. އެއާއެކު މީހުންގެ ހިތްތަކަށް ވެރިވި ބިރުވެރިކަމުން މި ބަލިމަޑުކަން ނިމެން ދެން ލޮކްޑައުންގައި ތިބުން ރަނގަޅު ކަމަށް ހީވެ، ލޮކްޑައުނަކަށް ދިއުމަށް ސަރުކާރަށް ޕްރެޝަރު ކުރަން ފެށި އެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ ލޮކްޑައުން ވެސް ކުރަން ޖެހުނީ އެވެ. އާންމުން ސަރުކާރަށް ކުރި ޕްރެޝަރަކުން ނޫނެވެ. ތޮށް ޖެހިފައި ވާ މާލޭގެ ގެއަކުން ފެނުނު ކޮވިޑް-19ގެ ކޭހެއްގެ ސަބަބުންނެވެ. އެދުވަހުން އެ ދުވަހަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ލޮކްޑައުންގެ އަމުރު ނެރުއްވި އެވެ. ތާރީހަކީ 15 އޭޕްރީލެވެ. މިއީ ވާނުވާ ބަންދުގެ ފުރަތަމަ ދުވަހެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ފުލުހުން ފޯރިމަރަނީ / ފޮޓޯ: ޕޮލިސް

ލޮކްޑައުންގެ ފުރަތަމަ އަމުރު ނެރުނީ 14 ދުވަހުގެ މުއްދަތަކަށެވެ. ލޮކްޑައުން ކުރުމަށް ގޮވާލައި އަޑުއުފުލި މީހުންނަށް ލޮކްޑައުންގެ ހިތި ތަޖުރިބާ ކުރެވެން ފެށީ އެހިސާބުންނެވެ. ފުރަތަމަ ހީކުރެވުނީ މިކަން 14 ދުވަހުން ނިންމާލައި، އަލުން އަނބުރާ ކުރިން އުޅުނު ދިރިއުޅުމަށް ވާސިލުވެވިދާނެ ކަމަށެވެ. ގެއިން ބޭރުގައި އުޅުމަށް އާދަވެފައި ތިބި ދިވެހިންގެ ހިތުގެ އެދުމަކީ އެއީ އެވެ. 14 ދުވަސް ހަމަވުމުން ގެއިން ނިކުމެ ދުއްވާލަން ގޮސް، އޮފީހަށް ގޮސް، ރައްޓެހިންނާ ބައްދަލު ކޮށްލެވޭނެ ކަމަށެވެ. ނަމަވެސް އެ އުއްމީދުތައް ފުރިހަމަ ކުރެވޭ ގޮތެއް ނުވި އެވެ. އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރު ކުރީ އެވެ. އިތުރު 14 ދުވަހަށެވެ. އެއަށް ފަހު ވެސް އިތުރު ކުރާނެ ކަމުގެ އެތައް އިޝާރާތަކާ އެކުއެވެ. މި ތިބެވެނީ ވާނުވާ ބަންދެއްގައި ކަން އިހުސާސް ކުރެވުނީ އެހިސާބުންނެވެ.

ޓެރަހުގައި ގަސް ހައްދާފައިވާ މާ ގަސްތަކެއް / ފޮޓޯ: އައިޝާ ރީމާ| ދަ ޕްރެސް

ދެން ބެލީ ގޭގައި ތިބެ ކުރާނެ އާ ކަންތައް ހޯދުމަށެވެ. ގަސް ހެއްދުމާއި މަސް ގެންގުޅުން ފަދަ ކަންކަމެވެ. ފިހާރަތަކުން އޮންލައިންކޮށް ގަސް ގަނެގެން ގޭގައި ގެންގުޅެން ފެށީ އެހެނަކުން ނޫނެވެ. ގަހަށް އޮތް ޑިމާންޑު ކުއްލިއަކަށް ބޮޑު ވެގެން ދިޔައީ ގަހުގެ އަގު ވެސް ހިއްލާލަމުންނެވެ. ނަމަވެސް އޭރު ގަސް ހެއްދުމަށް ދިވެހިންގެ ތެރޭގައި އުފެދިފައި އޮތް ޝައުގުވެރި ކަމެއްގެ ސަބަބުން އަގަކަށް ބެލުމެއް ނެތި، އެކަކަށް ވުރެ ރީޗި ބަގީޗާ އެއް އަނެކަކު ހެއްދޭތޯ މަސައްކަތް ކުރިއެވެ. މަސް ޓޭންކު ތަކަށް ވެސް ވީ އެހެންނެވެ. އެކަކަށް ވުރެ ޗާލު މަސް ޓޭންކެއް އަނެކަކު ގެންގުޅެވޭތޯ އެވެ.

ވާނުވާ ބަންދަކުން އުފެދިގެން އައި ކުދި ވިޔަފާރިތައް

ލޮކްޑައުން ތެރޭގައި ވައިގަ ހިފާލީ ގަސް ހެއްދުމާއި މަސް ގެންގުޅުން އެކަންޏެއް ނޫނެވެ. އޮންލައިން ވިޔަފާރިތަކާއި، އަމިއްލައަށް ގޭގައި ތަފާތު އެއްޗެހި ތައްޔާރު ކުރުން ވެސް މެ އެވެ. ކޭކު އެޅުމައި ފެހުމެވެ. އަމިއްލައަށް ގޭގައި ތައްޔާރު ކުރެވޭ ތަފާތު ކާނާއާއި އެހެނިހެން ތަކެއްޗެވެ. ކުދިކުދި ވިޔަފާރިތައް އުފެދިގެން އައީ އެވެ.

ލޮކްޑައުން ތެރޭގައި ކޭކު އެޅުމުގެ ވިޔަފާރިއެއް ފެށި އެކަކީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އުމުރުން 33 އަހަރުގެ ނޫރާ އަހްމަދު ނަޒީރެވެ. އާންމު ނަމުން ނަމަ ނޫރާ އެވެ. ނޫރާ އަކީ ރިސޯޓުގައި ވަޒީފާ އަދާ ކުރަމުން އައި ޒުވާނެކެވެ. ކުރިން ކޭކު އެޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ނޫރާ މުޅިން އާ ވިޔަފާރިއެއް ފަށައިގަތުމުގެ އަސްލަކަށް ވެސް ވީ ކޮވިޑާ ހެދި ވަޒީފާ އަދާ ކުރަމުން އައި ރިސޯޓް ބަންދުކޮށް ރަށަށް ދާން ޖެހި، މުސާރައިގެ ގޮތުގައި ކުޑަ އެއްޗެއް ލިބުމުގެ ސަބަބުން އަތްމަތި ދަތިވުމެވެ.

https://www.instagram.com/p/CHP36EOJWX3/?igshid=xlxnwou8vald

އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު ކުރިން ބޭކިން ކޯހެއް ހަދާފައި ނުވާ ނޫރާގެ ކޭކުތަކަކީ މިހާރު އައްޑޫގައި ނަން މަޝްހޫރު ކޭކުތަކެކެވެ. ކޭކު އަޅައިގެން ލިބުނު އާމްދަނީން ކޭކު ޑެކަރޭޓިން ކޯހެއް ވެސް އޭނާ ވަނީ ހަދާފަ އެވެ. ނޫރާގެ ކޭކުތަކަށް މީހުންގެ ފަރާތުން ލިބުނު އެއްބާރު ލުމާ ހެދި ދާއިމީ ގޮތެއްގައި މިކަން ކުރަން ބޭނުންވާ ކަމަށް އޭނާ ބުނެ އެވެ. ކޮވިޑުގެ ހާލަތު ރަނގަޅުވެ، ރިސޯޓު އަލުން ހުޅުވުމުން، ކޭކު އެޅުމާ ދުރަށް ޖެހިލާ، އަނބުރާ ވަޒީފާއަށް ދާން ޖެހުން ނޫރާ ސިފަ ކުރީ ހިތްދަތި ކަމެއްގެ ގޮތުގަ އެވެ. އޮފީހެއްގެ މޭޒު ކައިރީ އިނުމަށް ވުރެ އަމިއްލަ އުފެއްދުންތެރިކަމުގެ ބޭނުން ހިފުމަކީ މާ ހިތްހަމަ ޖެހޭ އަދި އެހެން މީހުން ވެސް ހިތްހަމަ ޖައްސައިދެވޭ ކަމެއް ކަމަށް އޭނާ ބުނެ އެވެ.

ނޫރާ ބުނީ ކުރިއަށް އޮތްތާ އޭނާގެ ކޭކުތައް ފެނިގެން ދާނެ ކަމަށާއި، ކޭކު އެޅުމައިގެން ކުރިއަށް ދާން ވިސްނާ ކަމަށެވެ. ނޫރާ ފަދަ އެތައް ޒުވާނުންނެއް މިއަދު އެބަ ތިއްބެވެ. ލޮކްޑައުން ތެރޭގައި ކުރަން ފެށި ކަންތައް ވިޔަފާރި އަށް ބަދަލުވެ ގޮސްފައި ވެއެވެ. ވާނުވާ ބަންދު މި ވެގެން ދިޔައީ އުފެއްދުންތެރި ކުދި ވިޔަފާރިތަކެއްގެ ފެށުމަށެވެ. ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވާލި ކަމަކަށެވެ. ނޫރާ ފަދައިން މިފަދަ ވިޔަފާރިތައް ފެށި އެތައް ބަޔަކު އެމީހުންގެ ވަޒީފާތަކަށް އަނބުރާ ގޮސްފިއެވެ. ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް މި ވިޔަފާރިތަކާގެން ކުރިއަށް އެބަ ދެއެވެ.

ވާނުވާގައި ރަށު ބަންދުވެފައި!

ވާނުވާގައި ބަންދުވީ މާލޭގައި އުޅޭ މީހުން އެކަންޏެއް ނޫނެވެ. ރަށްރަށުގައި ތިބި މީހުން ވެސް މެ އެވެ. މާލޭގައި ތިބި މީހުންނަށް ޗުއްޓީއަށާއި އާއިލީ މީހުންނަށް ޒިޔާރަތް ނުކުރެވޭ ފަދައިން ރަށްރަށުގައި ތިބި މީހުންނަށް ވެސް ދަތުރު ފަތުރު އެއްކޮށް ހުއްޓުނީ އެވެ. ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފްތާއަކު މާލެއަށް ޒިޔާރަތް ކުރާ މީހުން ވެސް ތިއްބެވެ. ގިނައީ ބޭސް ފަރުވާ އަށް މާލެ އަންނަން ޖެހޭ މީހުންނެވެ.

މާލެ ކައިރީ ރަށްތަކުގައި ދިރިއުޅޭ މީހުންނަކީ ކޮންމެ ހަފްތާއަކުހެން މާލެއަށް އައިސް ގޮސް އުޅޭ މީހުންނެވެ. ކުރަން ޖެހެނީ 30 މިނިޓާއި 1 ގަޑިއިރާ ދެމެދުގެ ލޯންޗު ދަތުރެއް ކަމުން، މާލޭގައި ދިރުއުޅުމަށް ވުރެ ރަށަށް ގޮސް އައުން އެ މީހުންނަށް ފަސޭހައީ އެވެ. ރަށުން ފަސޭހައިން ނުލިބޭ އެއްޗެހި ގަތުމަށާއި އެކި އެކި ބޭނުމުގަ އެވެ. އެ ދަތުރުތައް ވެސް މެދުކެނޑި، މާލޭގައި ތިބި ބަޔަކު މާލޭގައި، ރަށުގައި ތިބި ބަޔަކު ރަށުގައި ތާށިވީ އެވެ. އެހިސާބުން ޖެހުނީ ރަށުން ލިބުނު އެއްޗަކުން ފުއްދާލައިގެން ތިބޭށެވެ. ދެން ތިބީ ބޭސްފަރުވާއަށް ދަތުރު ކުރާ މީހުންނެވެ.

އެމްޓީސީސީގެ ފެރީއެއް ދުއްވާފައި ދަނިކޮށް / ފޮޓޯ: ދަ ޕްރެސް

ވާނުވާގައި ރަށު ބަންދުވުމުގެ އެންމެ ހިތި ތަޖުރިބާއެއް ކުރަން ޖެހުނު ބަޔަކީ ބޭސްފަރުވާއަށް މާލެ އައިސް ގޮސް އުޅޭ މީހުންނެވެ. މަހަކު އެއް ފަހަރު ނުވަތަ ތިން މަހުން އެއް މަހުން ހައްދަން ޖެހޭ ފޮލޯއަޕްތައް ހައްދަން މާލެ ދަތުރު ނުކުރެވުމެވެ. ޑޮކްޓަރަށް ދެއްކޭނެ މަގު ފަހިވެފައި ނެތުމުން ބޮޑެތި ބަލިތައް ދެނެގަނެވޭ ގޮތް ނުވެ ހާލަތު ގޯސްވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ. މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ނުލިބި ދަރިފުޅު ބަނޑަށް ނިޔާވުން ފަދަ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަ ހުއްޓެވެ.

ރަށު ބަންދު ވެގެން މިދިޔައީ ލާމަރުކަޒީ ސިފައެއްގައި ސިއްހީ ހިދުމަތްތައް ތަނަވަސް ވެފައި ނެތުމުގެ ހިތިކަން ރައްޔިތުންނަށް ތަހައްމަލު ކުރަން މަޖުބޫރުވި ބަންދަކަށެވެ. ރަށުންނާއި، ކައިރި ރަށްރަށުން ލިބެން ހުރި ހިދުމަތްތައް މެނުވީ ލިބޭނެ މަގު ފަހިވެފައެއް ނެތެވެ. ބަލި ބޮޑު ވެ މާލެ ދަތުރު ކުރުން ދަތި ވި އިރު، މާލެ ދަތުރު ކުރުމަށް ފަހު ގޮސް ކަރަންޓީން ވާން ޖެހޭތީ އެކަން ވެސް ބޮޑު ބުރައަކަށް ވެފައި އޮތުމުންނެވެ. ރަށުންނާއި ކައިރި ރަށްތަކުން ލިބުނު ހިދުމަތަކުން ފުއްދާލައިގެން ތިބެން ޖެހުނީ އެވެ.

ކަރަންޓީނު ވީ ތޯތޯ ވާހަކަ އަކަށް

ފަހަރުގައި ރަށު ބަންދުވުމޭ ބުނުމުން ބައެއް ފަރާތްތަކަށް ހީ ކުރެވޭނީ މި ދައްކަނީ ހަމައެކަނި އަތޮޅު ތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ވާހަކަ ކަމަށެވެ. ނަމަވެސް އެހެނެއް ނޫނެވެ. މާލޭގައި އުޅޭ އާންމު ރައްޔިތުން ވެސް ތިބީ ރަށު ބަންދުގައެވެ. އާންމު ރައްޔިތުން އެކަންޏެވެ. އިސްވެރިންނެއް ނޫނެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ވެރިންނާއި ސަރުކާރު މުވައްޒަފުންނަށް ކަރަންޓީނަކާ ނުލާ ދަތުރު އެބަ ކުރެވެއެވެ. އެކި އެކި މަޝްރޫއުގެ ނަމުގައި އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް ޗުއްޓީ ހަދާލާ މީހުން މަދެއް ނޫނެވެ.

ދެން ތިބީ ފަތުރުވެރިންނެވެ. އާންމު ރައްޔިތުން ބަންދުގައި ތިބެން މިޖެހެނީ ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން އައިސް ރަސުތެރެގައި ބުރު ޖަހާތަން ބަލާށެވެ. އެ ރރައްޔިތުން ތަނަކަށް ދަތުރު ކުރާނަމަ މިޖެހެނީ އުފަން ރަށަށް ގޮސް ބޮޑު ކަރަންޓީނެއް ފުރިހަމަ ކުރާށެވެ. ނަމަވެސް ރަށަށް ދިޔަ ލޯންޗުގައި ނުވަތަ ފްލައިޓުގައި ދަތުރު ކުރި ސަރުކާރު މުވައްޒަފުންނާއި، ފަތުރުވެރިންނަށް އޮތީ އެހެން ގޮތެކެވެ. މިއީ މިއަދު ރައްޔިތުން އުފުލަމުންދާ ޝަކުވާއެވެ. އަޑުއަހާނެ މީހަކު ނެތި އުފުލަމުންދާ ޝަކުވާއެވެ.

ބޯޑަރު ހުޅުވާލުމަށް ފަހު ގެސްޓުހައުސްތައް ހުޅުވާލުމާއެކު ރާއްޖެ އަންނަމުން ދާ ފަތުރު ވެރިންގެ ތެރެއިން ކ. ހުރައަށް އައި ބައެއް ފަތުރުވެރިން

މާލޭގައި ދިރިއުޅޭ މީހުން ވާނުވާގައި ގޭގައި ތިބެން ޖެހުނީ 2 މަސް ދުވަހަށެވެ. ރަށު ބަންދުގައި ތިބެން ޖެހުނީ ވަކި ބައެކެވެ. ނަމަވެސް ރަށްރަށުގައި އުޅޭ މީހުން ރަށު ބަންދުގައި ތިބޭތާ 8 މަސް ހުސްކޮށް މި ގުނަމުން ދަނީ 9 ވަނަ މަހެވެ. ކޮންމެ އަކަސް މިއީ ފަހުގެ ތާރީހެއްގައި ތަޖުރިބާ ކުރަން ޖެހުނު ފަދަ ކަމެއް ނޫނެވެ. ތަފާތު ތަޖުރިބާ އެކެވެ.