މީގެ އަހަރުތަކެއް ކުރިން، ރާއްޖެ އަށް މަސްތުވާތަކެއް އެތެރެކޮށްފި ނަމަ، އެކަން ވަނީ ވަރަށް ބޮޑު ކަމަކަށެވެ! ކިއްލި ބަންދުކޮށްފައި ހުންނަ ވަރުގެ ސުޕާރީ ޕެކެޓެއްގައި ނުވަތަ އެންމެ ގްރާމެއްގެ މަސްތުވާތަކެތި ފެނުނަސް އެކަން އާންމުން ބަލައިގަންނަނީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިހާރު އެކަން އޮތީ އެހެނެއް ނޫނެވެ. މިހާރު އަތުލައިގަންނަނީ ކިލޯކިލޯ އިންނެވެ. ޑްރަގްސްގެ ވިޔަފާރީގައި މިހާރު އެންމެ ގްރާމެއްގެ ވިޔަފާރި އަކީ އެއްވެސް އެއްޗެއް ނޫނެވެ. އެކަން ފުޅާވެ، މިހާރު ވިއްކަނީ ކިލޯ ކިރައިގެން ކަމަށް ވެ އެވެ. އެތެރެކުރަނީ ގޯނިގޯނީގައި، ނުވަތަ ބޮޑެތި ބަސްތާތަކުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި / ފޮޓޯ: ފުލުހުން

އާންމު ވާހަކައަކަށް ބަދަލުވެ، އާންމު ކަމަކަށް އެކަން ބަދަލުވެގެން ދިއުމުގެ ނަތީޖާ އަކީ މުޅި ރާއްޖޭގައި ވެސް އެކަން އާންމުވުމެވެ. ވިއްކުމާއި ބޭނުން ކުރާ ގޮތްތަކަށް ވެސް ބަދަލުތަކެއް އައުމެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް

މިއީ ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަ ވުމުން ނިކުންނަ ނަތީޖާ އެކެވެ. އެކަމަކު ހަމަ އެއާ އެކު މި ކަމުން، ރާއްޖެ އަށް އެތެރެ ކުރާ މަސްތުވާތަކެތީގެ އަދަދު އިތުރު ވަމުން އަންނަ މަންޒަރު ވެސް ސިފަވެއެވެ.

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންތަކެއް

ޑްރަގް އޮޕަރޭޝަން: 98 ކިލޯގެ މަސްތުވާތަކެތި

މިދިޔަ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

ކަނޑުމަތީގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން

ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް، ދިހަ ދައުވާއެއް ކުރުމަށް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. މި ޑްރަގް ނެޓުވޯކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމްއެވެ. ކުށުގެ ރެކޯޑު އޮންނަ މި މީހާ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި މިދިޔަ އަހަރު ވެސް ހައްޔަރުކޮށްފައެވެ.

ޑްރަގް އޮޕަރޭޝަން: 72 ކިލޯގެ މަސްތުވާތަކެތި

މިމަހު 8 ވަނަ ދުވަހު ފަރީދީ މަގުގައި ކާރެއްގެ ތެރެއިން ގާތްގަނޑަކަށް 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މިތަކެތި ހުރީ 2 ގޯންޏެއްގައާއި 2 ލަގެޖެއްގައެވެ. މިމައްސަލައާއި ގުޅިގެން މިހާތަމަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޑްރަގް އޮޕަރޭޝަނުގައި ފުލުހުން ކާރެއް ބަލާ ފާސްކުރުމުގެ ތެރެއިން / ފޮޓޯ: ފުލުހުން

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:

  • ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28އ)
  • ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)
    ޑްރަގް އޮޕަރޭޝަންގައި ހައްޔަރު މީހުން

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރި ވަމުން ދަނި ކޮށް "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. ރާއްޖެ އެތެރެ ކުރި 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މި އޮޕަރޭޝަނުގައި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ވެސް ވަނީ ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކޮށްފައެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައި ވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ދޯނީގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންނާއި ލޯންޗުގައި މާލެ އަށް މަސްތުވާތަކެތި އެތެރެ ކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުން ކަމަށް ފުލުހުން ބުނެއެވެ.

ޑްރަގް އޮޕަރޭޝަން: 130 ކިލޯގެ މަސްތުވާތަކެތި:

އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖެއަށް މިމަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކުރަނީ ލައިޓްހައުސް، ގއ. ވިލިނގިލި، ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ، ހއ. ހޯރަފުށި، އަހުމަދު މުސާގެ މައްޗަށެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެމީހުން /ފޮޓޯ: ޕޮލިސް

އެ އެޕްރޭޝަން ހިންގި ގޮތް ހާމަ ކުރަމުން ފުލުހުން ބުނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައި ވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައި ވާކަމަށްވެސް ބުނެއެވެ.

މި އޮޕަރޭޝަނުގައި ހޯދުނު މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުުހުން ބުނެއެވެ.

އެތައް ބަޔަކު "އައްޑާ"ތަކުގައި އުންމީދު ނެތިފައި

މާލޭގައި ފާޅުގައި މަސްތުވާތަކެތި ބޭނުންކުރަން ހާއްސަ މިފަދަ އެތައް ތަނެއް މިހާރު އެބަ ހުއްޓެވެ. މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހި އެއިން ސަލާމަތްނުވެވި ދިރިއުޅެމުން އަންނަ އެތައް ސަތޭކަ ބަޔަކު އެއްވެ ކޮންމެ ދުވަހަކު ވެސް މަސްތުވެގަންނަ ހާލިތަކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ފުލުހުންގެ ތެރޭގައި އާންމު ނަމުން ނަމަ "އައްޑާ" ތަކެވެ.

އެއިން ކޮންމެ ތަނަކުން ވެސް ފެންނަނީ އުއްމީދެއް ނެތް އެތައް ދިވެހިންގެ ދިރިއުޅުން ވެއްޓިފައި އޮތް އަނދިރި ވަޅުގަނޑެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެފަދަ 20 އަކަށް ގެ މާލޭގައި އެބަ ހުއްޓެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެތަންތަނުން 50-100 ގެ އަދަދުން މީހުން ހިދުމަތް ހޯދާއިރު އެތަންތަން އޮޕަރޭޓް ކުރާ މީހުން ދުވާލެއްގެ މައްޗަށް 5،000 - 10،000 ރުފިޔާގެ އަދަދުން ފައިދާ ހޯދައެވެ.

މިތަންތަން ބަންދުކުރުމަށް އަންނަނީ ދޭތެރޭ ދޭތެރެއިން ރެއިޑް ޖަހަމުންނެވެ. ނަމަވެސް ފުލުހުން ރެއިޑު ޖަހާތާ އަނެއް ދުވަހު އާ ދަގަނޑު ދޮރުތައް ޖަހައި އަލުން ބަލުން ހިދުމަތް ދޭން ފަށާ މަންޒަރު ފެނެއެވެ.

މީގެ ކުރިން ފުލުުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ އަހުމަދު ޝާކިރު ވިދާޅުވިގޮތުގައި އެތަންތަން ބަންދުކުރުމަށް ފުލުހުން މީގެ ކުރިން އެތައް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް އަދިވެސް އަލި މަގެއް ނުފެންނަކަން ފާހަގަކުރައްވާ ޝާކިރު ވަނީ ބައެއް ގޭގެ ވެރިންނަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އަދި އެތަންތަނުގެ ވެރިން އަމިއްލައަށް ބަންދު ކުރި ނަމަވެސް ގިނަ ގެތަކުގައި އަދިވެސް މި ކަންކަން ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޝާކިރު ވިދާޅުވީ އެތަންތަން ބަންދުކުރުމަށް ގާނޫނީ ގޮތުން އޮތް ހައްލަކީ ކޮބާތޯ ބަލަން ޕީޖީ އޮފީހުން ދިރާސާތަކެއް ކުރެއްވި ކަމަށެވެ. އެ ބޭފުޅުންގެ ދިރާސާގައި މިވަގުތަށް އަދި ގާނޫނީ ހައްލެއް ނެތް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ޝާކިރު ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މިމަހުގެ 26 އިން 29 އަށް ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި ނޫސްވެރިން ވެސް ވަނީ ބައިވެރިކޮށްފައެވެ. އެ އޮޕަރޭޝަނުގައި ބައިވެރިވި ބައެއް ނޫސްވެރިންގެ ތަޖުރިބާތައް ހިއްސާކޮށްފައިވާއިރު އެތަންތަން އެމީހުން ސިފަކޮށްފައިވަނީ މާޔޫސް ކަމެވެ. އެތަންތަކުގައި އެއްވެސް ތަރުތީބެއް ނެތް ކަމަށާއި ސާފުތާހިރުކަމެއް ވެސް ނެތް ކަމަށް އެމީހުން ބުނެއެވެ. އަދި އެތަންތަނަށް ވަންނަ އިރު ވެސް ގިނަ މީހުން ތިބެނީ މަސްތގެ ހާލުގައި ކަމަށް އެމީހުން ބުނެއެވެ.

އެ އޮޕަރޭޝަނުގައި 11 ގެއެއް ބަލާ ފާސްކޮށްފައި ވާއިރު އޭގެ ތެރޭގައި މއ. ސައްމާމުގެ އާއި މއ. އަބާގެ އާއި މ. ބްރައިޓް ފްލާވާ އާއި މއ. ހުދުއަކިރި އާއި ގ. ފްރެޝް ލައިޓްގެ އިތުރުން ގ. މެރިން ނައިޓްގެ އާއި މއ. ޓްވައިލައިޓް އާއި ހ. ކަނޑުފީނިގެ އާއި މ. ދެރަހާ އާއި މ. ފެޝަން މީޑްގެ އަދި ހ. އަޒިލިއްޔާ ގެ ވަނީ ބަލާ ފާސްކޮށްފައެވެ.

މި ގެތަކުގެ ތެރެއިން ގިނަ ގެތަކަކީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާ ތަންތަނެވެ.

މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 683 މައްސަލައެއް:

ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރު މަސްތުވާތަކެތީގެ 2375 މައްސަލަ އެއް ފުލުހުންނަށް ހުށަހެޅި އެވެ. 2017 ވަނަ އަހަރު ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ 2036 މައްސަލަ އެވެ. 2016 ވަނަ އަހަރަށް ވުރެ މަސްތުވާތަކެތީގެ މައްސަލަ 2017 ވަނަ އަހަރު ދަށްވި ނަމަވެސް 2018 ވަނަ އަހަރު އެ އަދަދު އަނެއްކާވެސް ވަނީ އަރާފަ އެވެ. އެގޮތުން 2018 ވަނަ އަހަރު މަސްތުވާތަކެތީގެ 2230 މައްސަލައެއް ހުށަހެޅި އެވެ.

2018 ވަނަ އަހަރު ރެކޯޑް ކުރެވިފައި ވާ މިބާވަތުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ރެކޯޑް ކުރެވިފައިވަނީ ނާކޮޓިކް ޑްރަގްސް ގެ މައްސަލަތަކެވެ. އެއަހަރު މިބާވަތުގެ 2046 މައްސަލަ ރެކޯޑް ކުރެވިފައި ވެއެވެ. މިއީ އެއަހަރު ރެކޯޑް ކުރެވުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ 92 ޕަސެންޓް އެވެ. މިއީ 2017 ވަނަ އަހަރު ރެކޯޑް ކުރެވުނު މިބާވަތުގެ 1856 މައްސަލައާ އަޅާ ބަލާއިރު 10 ޕަސެންޓް އިތުރު އަދަދެކެވެ. ރަލުގެ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު ވަނީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 2018 ވަނަ އަހަރު 06 ޕަސެންޓް އިތުރު ވެފައެވެ.

2019 ވަނަ އަހަރަށް ބަލާއިރު މަސްތުވާތަކެތީގެ 2187 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ކުޑަ އަދަދެއްގެ ފަރަގެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީ – މާޗް) ގައި މަސްތުވާތަކެތީގެ 218 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ދެ ވަނަ ކުއާޓަރު (އެޕްރީލް – ޖޫން) ގައި މަސްތުވާތަކެތީގެ 214 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ދެ ކުއާޓަރުގެ ކޭސްތަކުގެ މާބޮޑު ފަރަގެއް ނެތެވެ. ނަމަވެސް ތިން ވަނަ ކުއާޓަރު (ޖުލައި – ސެޕްޓެމްބަރު) ގައި މިއަދަދު ވަނީ މައްޗަށް އަރާފަ އެވެ. އެގޮތުން ތިން ވަނަ ކުއާޓަރުގައި މަސްތުވާތަކެތީގެ 251 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މި ތިން ކުއާޓަރުގައި ވެސް މަސްތުވާތަކެތި ބޭނުން ކުރި އުމުރަށް ބަލާއިރު އެންމެ ގިނައިން މަސްތުވާތަކެތި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 25 އަހަރާއި 29 އަހަރުގެ މީހުންނެވެ.

މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 683 މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.

ކަރެކްޝަންސް އިން އާންމުކުރި މިިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖަލަށް ލެވުނު މީހުންގެ ތެރެއިން 34.4 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާއި ހުރެ ޖަލަށް ލެވުނު މީހުންނެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެތަން އުފެއްދި ފަހުން މިހާތަނަށް 8،520 މީހުންނަށް ވަނީ ފަރުވާދީފައެވެ. އަދި މި ވަގުތު ފަރުވާ ނުފެށި ކިއުގައި 617 މީހުން އެބަ ތިބި ކަމަށް އެންޑީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ޑްރަގް ކޯޓުން 333 މީހަކަށް ފަރުވާއަށް ދާން ހުކުމްކޮށްފައިވާއިރު މިމަހުގެ ވިއްސާ ހަމައަށް އަލަށް ފަރުވާ ފަށާފައި ވަނީ 108 މީހަކަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް:

މައްސަލައަކަށް ދިމާވެފައި ވަނީ ފަރުވާއަށް ފަހު އަނެއްކާވެސް މަސްތުވާތަކެތި ބޭނުން ކުރަން ފެށުމެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެކަން އެގޮތަށް ދިމާވަނީ އެންމެ އެކަށޭނަ ފަރުވާ ނުދެވޭތީ އެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެ، އާއިލާތަކާ އެކު ދިރިއުޅުމުގެ ފުރުސަތު ނެތި މަގުމަތިވެފައި ވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަކީ މިއަދު ކުރަން ޖެހިފައިވާ މުހިންމު ކަމެއް ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ހައްލު ނުކުރެވިފައިވާ އެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހާއްސަ ޕްލޭނެއް އަންނަ އަހަރަށް އެކުލަވާލާފައި ވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ:ރައީސް އޮފީސް
މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އާއިލާތަކުގައި ދިރިއުޅުމުގެ ފުރުސަތުނެތި މަގުމަތިވެފައިވާ ޒުވާނުން، އަނބުރާ މުޖުތަމައުއަށް ގެނައުމަކީ މިއަދު ކުރަން ޖެހިފައިވާ މުހިންމު ކަމެއް، މިއީ އެތައް އަހަރެއް ވެގެން ދިޔައިރުވެސް އަޅާނުލެވި ހައްލު ނުކުރެވި އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ މައްސަލައެއް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން، ސަރުކާރުން މި އަންނަނީ، މިފަދަ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ބިނާކުރެނިވި މަސައްކަތެއްގެ ގޮތުގައި ވަރަށް މިހުންމު މަސައްކަތްތަކެއް ކުރަމުން،
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޖަލުގައި މަސްތުވާ ތަކެތީގެ ނެޓްވޯކްތައް އޮޕްރޭޓް ކުރުން ހުއްޓުވުމަށް ކުޑަކުދިންނަށް ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ގުޅީފަޅުގައި ވަގުތީ ގޮތުން ގާއިމްކުރާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމިގެން ދިއުމުން ރިމާންޑުގެ އިތުރުން ހިމެނޭ ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓާ ކެއާގެ ފަރުވާދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރާ ފަރާތްތައް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެ ކަމަށް ވެސް ނައިބު ވަނީ ވިދާޅުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެފަދަ ފަރާތްތައް އަނބުރާ މުޖުތަމައާ ގުޅިގެން ދާނީ ޒިންމާދާރު އަދި ހަރުދަނާ ފަރުދުންތަކެއްގެ ގޮތުގައި ކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން އެ ނިޒާމު ފަރުމާކޮށްފައިވަނީ މަސްތުވާތަކެތީގެ ފަރުވާއަށް ފަހު އެފަރާތްތައް އަނބުރާ މުޖުތަމައަށް ނިކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ތެރެއިން ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ވެސް ފަހިކޮށްދީ އެފަރާތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެން ކަމަށެވެ.

ބޭރުގެ ޑުރަގު ނެޓްވޯކުތަކާ އެކު ދިވެހީންގެ ޑުރަގް ނެޓްވޯކްތައް ވެސް ހަރަކާތްތެރިވަނީ އެންމެ މަތީ ލެވަލްގައެވެ. މި ނެޓްވޯކުތަކުގެ އެތެރެއަށް ވަދެ އެ މީހުންގެ ހާލިތައް ހަލާކުކޮށް ނުލެވޭ ނަމަ މި ވިޔަފާރީގެ ނުރައްކާ ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ސީދާ ރާއްޖެއަށް ނުރައްކާ ކުރަމުންނެވެ.