އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުގެ އުނގުން ދިވެހިރާއްޖެއަށް ތެދުވެވުމާއެކު، މިނިވަން ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުން، މި ގައުމު ބަލައިގަތް ފުރަތަމަ ބައިވެރިންގެ ތެރޭގައި، އަވަށްޓެރި އިންޑިއާ ހިމެނެއެވެ. ދިވެހި ކާބަފައިން ޒަމާނުއްސުރެ ކިއާ އުޅޭ ފަދައިން، ތެއްޔެއްގެ ފޫ ކަހާލާ އަޑު އިވިއްޖެނަމާ، ގޭގައި ހުރި ކާއެތިކޮޅެއް އަވަށްޓެރިއާއަށް ދިއްކޮލުމުގެ ސަގާފަތް، އަދާ ޖެހުނުއިރުވެސް ދިވެހިންނާ އެކު ދަމަހައްޓަމުން ބައިވެރިއަކީވެސް އިންޑިއާއޭ ދެންނެވިދާނެއެވެ.

ހިންދުކަރައާއި ދިވެހިރާއްޖޭގެ ގުޅުން ރަސްމީ ސިފައެއްގައި ބަދަހިކުރެވިގެންދިޔައީ، ކުރިންވެސް ދެންނެވި ފަދައިން މުޅި ދުނިޔެ، އެބައެއްގެ އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުލައިގެން އުޅުނު އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނު ހިސާބުންނެވެ. އެއީ މީލާދީން އޮނަވިހި ސަތޭކަ ފަސްދޮޅަށް ފަސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ގައުމުގެ ހުޅުން ބަދަހި ވަމުން ދިޔައީ ފަތު އަޑު ކިއާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ހުސައިން މަހްތޫމް | ދަ ޕެރެސް

ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ހާރިޖީ ފޭރާމަކުން ޖަރީވަމުން އަންނަ ދިވެހިރާއްޖެއާ އިންޑިއާގެ ބަދަހި ގުޅުމަކީ ގާތް، އަޚުވަންތަ ގުޅުމަކަށްވާއިރު، މި ގުޅުމަކީ އިސްތިރާޖީ، އިގުތިސޯދީ އަދި އަސްކަރީ ތަނބުތަކުން ވަރުގަދަ ކުރެވިފައިވާ ގުޅުމެކެވެ. މި ގުޅުމުގައި އެކުލެވެނިވި އަހުވަންތަކަމުގެ ވިންދުގެ ނަތީޖާއަކަށްވެފައިވަނީ އިސްވެދެންނެވުނު ގިންތީގެ ބޭރުންވެސް އެތައް މޭރުމަކުން ދެގައުމުގެ ގުޅުން އިތުރަށް ފައްކާވަމުން އަންނަކަމެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހި ގައުމުގެ ސަލާމަތާ ގުޅުންހުރި ކަންކަން ދެމެހެއްޓުމާ، ސަރަހައްދީ ބާރެއްގެ ގޮތުގައި ގައުމު ދެމިއޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުމަށްވެސް އެންމެ ގާތުން އެއްބާރުލުން ދެމުންދާ ގައުމަކީ އިންޑިއާއެވެ. މި ގުޅުންތައް އިތުރަށް ފުރިހަމަވެގެންދާ އެންމެ ހާއްސަ ސަބަބަކީ، އިންޑިއާއާ ދިވެހިރާއްޖޭގެ ގުޅުމަކީ، ދިވެހި ފަސްގަނޑުގެ އަހުލުވެރިން ކަމުގައިވި ދިވެހިންނާ އެންމެ ގާތުން އެ ގައުމަކުން އެންމެ ގިނަ ހިދުމަތްތަކުގައި ސީދާ ގޮތުންނާ، ނުސީދާ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ޝަރަފު، އިންޑިއާގެ އަތުގައި އޮންނަކަމެވެ.

1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއާ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ، 2014 ވަނަ އަހަރު ވެރިރަށް މާލެ ފެނަށް ޖެހުނު ހާދިސާގެ އިތުރުން، އަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ކާރިސާގައިވެސް ދިވެހިންނާ އެންމެ ގާތުން އެހީ ދީފައި ވާ އަދި މިހާރުވެސް ދެމުންދާ ގައުމަކީ އިންޑިއާއެވެ.

އިންޑިއާއިން ހަދިޔާ ކުރި ބޭސްތައް

އަވަށްޓެރިޔާގެ ފަރާތުން މި ދިއްކޮށްލާ އެހީ، "ޙަޖަމް" ކުރުމަކީ މިއަދު މި ފަސްގަނޑުގައި ތިބި ބައެއް ދަރިންނަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. އިންޑިއާގެ އެހީއަކީ ރާއްޖެއަށް އަތްގަދަ ކުރުމުގެ "ދަންތުރަ" އެއް ކަމަށް ދޭހަ ކޮށްދޭންވެސް ބަޔަކު މަސައްކަތް ކުރެއެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދީރު "ދަ ޕްރެސް" އަށް އިންޓަވިއު ދެއްވަނީ

މި ހައްސާސީ މައުލޫއަށް، ދަ ޕްރެސްގެ ޓީމުން ވަނީ އިންޑިއާއާ ސުވާލު ކޮށްފައެވެ. ދަ ޕްރެސްއަށް ދެއްވި އެކްސްލޫސިވް އިންޓަވިއުއެއްގައި ދަ ޕްރެސްގެ ޓީމުން ވަނީ، އިންޑިއާގެ އެހީއަކީ އެދުމެއް ނެތި ކުރާ ވެދުމެއް ނޫން ކަމަށް ބުނާ ބުނުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު، ސަންޖޭ ސުދީރަށް ދަންނަވާފައެވެ. އިންޑިއާގައި ރާއްޖެއާއި މެދު އެހާ ބޮޑު ޝައުގެއް އޮތީ ކީއްވެތޯވެސް ސުވާލު ކުރެވުނެވެ. ދިވެހިންގެ ކިބައިން އިންޑިއާ ހާސިލު ކުރަން ބޭނުންވަނީ ކޮން ފައިދާއެއްތޯވެސް ސުވާލު ކުރެވުނެވެ. މި ސުވާލުތަކަށް ސުދީރު ދެއްވީ ކުރު، އެހެން ނަމަވެސް މާނަ ފުން ޖަވާބެކެވެ.

"ތި ސުވާލާ މެދު ހައިރާންވޭ. ތި ސުވާލަށް ހަގީގަތުގައި ޖަވާބެއް ނެތް. މިސާލަކަށް، 2004 ވަނަ އަހަރުގެ ސުނާމީގައި އިންޑިއާއިން ރާއްޖެއާއި ސްރީލަންކާއަށް އެހީވީ، ރާއްޖެ ކިބައިން ކޮން ކަމެއް ބޭނުން ވާތީ ތޯ މީހަކު ސުވާލު ކޮށްފާނެ. އެ ސުވާލަށް ދޭނެ ހަމަ އެއްވެސް ޖަވާބެއް ނެތް. މާލެ ސިޓީ ފެނަށް ޖެހުނުއިރު އެ ހާލަތުގައި އިންޑިއާއިން އެހީ ދިނީ ބަދަލުގައި ކޯއްޗެއް ބޭނުން ވެގެންތޯ؟ އެ ސުވާލުގެ ޖަވާބެއްވެސް ނޭނގޭ. އެއީ ކީއްވެ؟ އެއީ، މި ސުވާލުތަކަށް ވަކި ޖަވާބެއް ނެތީމަ"
ސުދީރު

ދަ ޕްރެސްގެ ޓީމާ ވާހަކަދައްކަވަމުން އިންޑިއާގެ ހައި ކޮމިޝަނަރު ވިދާޅުވީ މިފަދަ ސުވާލުތަކަކީ ކޮންމެ ޑިމޮކްރަސީއެއްގައިވެސް ކުރިމަތިވެގެން އަންނާނެ ސުވާލުތަކެއް ކަމަށެވެ. އަދި މިފަދަ ސުވާލުތަކަކީ، ސައްހަ މައުލޫމާތުން މަހްރޫމުވެފައިވާ މީހުން ނުވަތަ މައުލޫމާތު ހުރެމެ، އެހެން މަސްލަހަތެއް އޮތް މީހުން ކުރިމަތި ކުރާ ސުވާލުތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ސުދީރު ވިދާޅުވިއެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޑިއާއަކީ ބަދަލުގައި އެއްޗެއް ބޭނުން ވެގެން ރާއްޖެއަށް އެހީވާ ގައުމެއް ކަމަށް ބުނާ ފިކުރަކީ، މިހާރު ސިޔާސީ ގޮތުން އޮތް އިދިކޮޅު ފަރާތްތަކުގެ ފިކުރު ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ސުދީރު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކާއި އިންޑިއާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކުގައިވެސް މިފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ހައި ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) އަރިހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ވ) / ފައިލް ފޮޓޯ: ދަ ޕްރެސް

ހުލާސާކޮށް ދަންނަވަނީނަމަ އިންޑިއާއަކީ، ތަރައްގީގެ ރޭހުގައި ކުރިއެރުން ހޯދުމަށް ދިވެހިރާއްޖެއާއި އެންމެ ގާތުން ހުރިހާ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދޭ އަވަށްޓެރިޔާ ކަމާ މެދު ދެ ގައުމުންވެސް އިއްތިފާގުވެއެވެ. އިންޑިއާއިން ކުރާ ވެދުމުގައި ހަމަ ހަގީގަތުވެސް އެދުމެއް ނެތީ ކަމުގައި ވެދާނެއެވެ.

ނަމަވެސް މި ފިކުރާ ގޮން ޖަހާނެ ފިކުރެއްވެސް އެބައޮތެވެ. އެ ފިކުރަށް، ސުދީރުގެ ވާހަކަތަކުންވެސް ހިތްވަރު ލިބިދެއެވެ. އިންޑިއާއާއި ދިވެހިރާއްޖެ، ޖިއޮގްރަފީ ގޮތުން އުފެދިފައި އޮތް އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދަކީ، އަދުގެ ދުނިޔޭގައި، ސިޔާސީ، އިގުތިސޯދީ އަދި އަސްކަރީ ބާރުގެ ނަޒަރިއްޔާއިން ބަލާއިރު އެންމެ މުހިންމު ރޫޓެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން މި ރޫޓުގެ މިލްކުވެރިކަމާ ކޮންޓްރޯލަށް ކަޅި އަޅަމުން އަންނައިރު، އިރުމައްޗާއި ހުޅަނގުގެ ބާރުތަކުގެ މުށު ތެރެއަށް މި ސަރަހައްދު ނުގޮސް ވޭތޯ ބެލުމުގެ ޒިންމާ ދިވެހިރާއްޖެއާއި އިންޑިއާއަށްވެސް އެބަ އޮތް ކަން، އިންޑިއާގެ ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ. ފަހަރުގައި، އިންޑިއާއިން ރާއްޖެއަށް ކުރާ ވެދުމުގައި އޮތް އެދުމަކީ، އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދު، އެހެން ބައެއްގެ އަތް ދަށަށް ދިޔަ ނުދީ ކޮންޓްރޯލް ކުރުން ކަމުގައިވެސް ވެދާނެ ނޫންތޯއެވެ. ހައްތަހާވެސް ސުވާލެވެ!