ދެހާސް ވިހި ވަނަ އަހަރު ވެގެން ދިޔައީ ވަރަށް ވެސް ތަފާތު އަހަރަކަށެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސް ވުޒާރާތައް "ވޯކް ފްރޮމް ހޯމް"ގެ "ސެޓްއަޕް" އަކަށް ހޭނެން މަޖުބޫރު ވިއެވެ. މިގޮތަށް މަސައްކަތުގެ މާހައުލު ބަދަލު ކޮށްލަން ޖެހުމުން އެންމެ ބޮޑު ހުރަސްތަކެއް ދިމާވެފައި ވަނީ ވަޒީފާއަށް ނުކުމެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށެވެ. ހާއްސަކޮށް މާލޭގެ ކުދި ތަންތަންކޮޅުގައި އުޅޭ މީހުންނެވެ.
ކޮވިޑް ބަލި ފެތުރެމުން ދިޔަ މިންވަރު އިތުރުވެ މާލެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ ތަންތަން ބަންދުކޮށް ގޭގައި މަސައްކަތް ކުރަން ޖެހޭ ގޮތަށް ހާލަތު ބަދަލުވެގެން ދިއުމުން ފުރަތަމަ އެންމެން ވެސް އެކަމާ އުފާ ކުރިއެވެ. ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުން އައި ދަނޑިވަޅުގައި މަސައްކަތަށް ނުކުތުމަކީ ގޭގައި ދެން ތިބޭ މީހުންނަށް މަސައްކަތަށް ނުކުންނަ މީހާގެ ފަރާތުން ބަލި ފެތުރެން މަގުފަހިވާނެ ކަމަކަށް ވާނެތީ އެ ބިރުވެރިކަން އެއްފަރާތް ކޮށްލީ ގޭގައި މަސައްކަތް ކުރަން ޖެހުމުންނެވެ.
ރާއްޖޭގައި ކޮވިޑް ހާލަތު އޮތް ގޮތަށް ބަލައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅިގެން ހެދި ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތްތެރިންގެ އާބާދީގެ ތެރެއިން 37 ޕަސެންޓް މީހުންނަކީ ލޮކްޑައުންގެ މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރި މީހުންނެވެ.
މަސައްކަތްތެރިންގެ ސާވޭގެ ނަތީޖާ:
- މަސައްކަަތަށް ނުގޮސް ތިބީ: 44 ޕަސެންޓް މީހުން
- ގޭގައި ތިބެ މަސައްކަތް ކުރީ: 37 ޕަސެންޓް މީހުން
- ހަފްތާއަކު 2 ނުވަތަ 3 ދުވަހު އޮފީހަށް ނުކުތީ: 8 ޕަސެންޓް މީހުން
- ގަވާއިދުން އޮފީހަށް ނުކުތީ: 11 ޕަސެންޓް މީހުން
ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނު އެންމެން ކަހަލަ ގޮތަކަށް ބުނަނީ ގޭގައި ތިބެން ޖެހުމަކީ އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. ސްކޫލްތައް ބަންދުވެ ކުދިން ވެސް ގޭގައި ތިބެން ޖެހުމުން އާންމު ކޮށް "ހުކުރު ދުވަސް"ތަކުގައި އާއިލާ އެކުގައި ހޭދަ ކުރާ ކަހަލަ އުފާވެރި ދުވަސްތަކެއް އައިސްފި ކަމުގެ އިހްސާސް ކުރެވުނު ކަމަށް އެންމެން ގަބޫލު ކުރިއެވެ.
ނަމަވެސް މަންޒަރު ބަދަލުވެގެން ދިޔައީ މި ދުވަސްތައް ހީކުރި ވަރަށް ވުރެ ދިގު ދެމިގެން ދިއުމުންނެވެ. މާލޭ ސަރަހައްދުގައި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރަން ނެގި މުއްދަތު ދިގުވުމާ އެކު ގޭގައި ތިބެން ޖެހުނު ދުވަސްތައް ގިނަވުމުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
އާއިލާއާ އެކުގައި ގޭގައި ތިބެ މަސައްކަތަށް ނުކުންނަން ޖެހުމުން ދިމާވި އުނދަގޫ ދުވަސްތައް ހިއްސާ ކުރަމުން ތިން ކުދިންގެ މަންމައަކު ބުނީ، ގޭގައި ހުރެ މަސައްކަތް ކުރަން ޖެހޭ ކަން އިއުލާން ކުރުމުން އޭނާ ވެސް ފުރަތަމަ ވަރަށް އުފާވި ކަމަށެވެ. ކުދިންނާ އެކު ހޭދަކުރާ ވަގުތު މަދުވެފައި އޮއްވާ އެ ލިބުނު ފުރުސަތަކީ ގިނަ ވަގުތު އާއިލާއާ އެކު ހޭދަކޮށްލަން ލިބުނު ފުރުސަތެއް ކަމުގައި ދެކި ވަރަށް އުފާވި ކަމަށެވެ. ނަމަވެސް އުއްމީދު ކުރި ގޮތްތަކަށް ބަދަލުތަކެއް އައީ ކުރިމަތިލާން ޖެހުނު ގިނަ އުނދަގޫތަކަށް ހައްލު ހޯދަން މަސައްކަތް ކޮށް އަމިއްލަ ސިކުނޑި އެކަމަށް ތަން ނުދިން ހިސާބުންނެވެ. އޭރު ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައި ކަމަށް އޭނާ ބުނެ އެވެ.
ތިން ދަރިންގެ ކިޔެވުން ވެސް އޮންލައިން ކޮށް ކުރިއަށް ގެންދަން ޖެހުމުން ޓީޗަރެއްގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހުނީ އޭނާ އަށެވެ. ގޭގައި ހުންނަން ޖެހުމުން ގޭތެރޭގައި ކުރަން ޖެހޭ ކަންކަމާއި ކުދިންގެ ފިލާވަޅު ތަކަށް ސަމާލުކަން ދެމުން އަދި ވަޒީފާ އަދާ ކުރަން ޖެހުމުން އެއްވެސް ކަމެއް ރަނގަޅަށް އަދާނުކުރެވޭނެ ކަން އެނގުނު ކަމަށް އޭނާ ބުނެ އެވެ. މާ ބޮޑަށް އޮފީސް މަސައްކަތް ބުރަވެއްޖެ ދުވަހެއްގައި ކުދިންގެ ފިލާވަޅުތައް ނުނިންމޭ ކަމަށާއި ޓީޗަރުންގެ ޝަކުވާތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުނެ އެވެ. އަދި ގޭތެރެގެ ކަންކަމަށާއި ކުދިންގެ ފިލާވަޅު ތަކަށް މާ ބޮޑަށް ސަމާލުކަން ދީފި ދުވަހެއްގައި ވަޒީފާއަށް ފަރުވާ ކުޑަ ވެވޭ ހިސާބަށް ކަންތައް ދާ ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް މި ވަގުތު އޮތީ، ކޮވިޑްގެ ހާލަތާ އެކުގައި އުޅެން ޖެހިފައި ކަމަށާއި ނިއުނޯމަލް އަށް ދިއުމަށް ދިރިއުޅުމުގެ ކަންކަން ބަދަލުކޮށް އެކަމަށް ހޭނެން ޖެހޭނެ ކަމަށް ގަބޫލުކޮށް އަނެއްކާ ވެސް ހިތްވަރުލައި ހުރިހާ ކަމެއް ހަމައަކަށް އަޅުވަން މަސައްކަތް ކުރާ ކަމަށް އޭނާ ބުނެއެވެ. އެންމެ ފަހުން ނަފްސާނީ ގޮތުން އޭނާއަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރި ކަމަށާއި އޭނާއަށް ހުރިހާ ކަމެއް އެއްފަހަރާ ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވި މަސައްކަތަށް ފޫހިވެ ވަޒީފާއިން ވަކިވާން ވެސް ހިތަށް އެރިކަމަށް އޭނާ ބުނެއެވެ. އަދި އޭނާ އަކީ ރަނގަޅު މަންމަ އެއް ނޫން ކަމަށް ހިތަށް އެރި ފަހަރުތައްވެސް އޭނާ ފާހަގަ ކުރި އެވެ. ކިތަންމެ އުނދަގޫ ވިޔަސް ވަޒީފާވެސް ދޫކޮށްލެވެން ނެތް ކަމަށާއި ކުލި ދައްކައިގެން މާލޭގައި އުޅެންޏާ ވަޒީފާ ނެތި ނޫޅެވޭނެތީ އެ ހުރިހާ ކަންބޮޑުވުންތަކަކާ އެކުގައި ވެސް ކުރިއަށް ދާން އެނާއަށް މަޖުބޫރުވި ކަމަށް ބުނެ އެވެ.
މީގެ އިތުރުން ދެކުދިންގެ މަންމައެއް ބުނީ، އޭނާއަށް ވެސް "ވޯކް ފްރޮމް ހޯމް" އިން ލިބުނީ ހިތި ތަޖުރިބާއެއް ކަމަށެވެ. ކުރިން ވަޒީފާއަށް ގޮސް އުޅޭ އިރު ކުދިން ސްކޫލަށް ގެންދަން ޖެހުމާއި ގޭގައި ކުދިން ބަލަން ހުންނަ މީހާ ކަން ކުރާނެ ގޮތެއް ނޭނގޭތީ އިރުއިރު ކޮޅާ އެކަންކަން ބެލުން އެއީ ބުރައަކަށް ވެފައި އޮތުމަށް ލުޔެއް ލިބުނު ކަމަށް ގަބޫލު ކުރެވުނު ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް ގޭގައި ހުރެ މަސައްކަތް ކުރަން ފެށުމުން މުޅި މީހާގެ ވިސްނުން ބަދަލުވެގެން ދިޔަ އެވެ.
މަސައްކަތް ކުރާ ވަގުތު ކުދިންގެ ކަންކަން ބަލަމުން ކުދިން ސަކަރާތް ޖަހާ އަޑާއި، ހޭ އަޑާއި، ރޯ އަޑު އިވި މަސައްކަތަށް ދޭން ޖެހޭ ސަމާލުކަން ނުދެވި "މިސްޓޭކް" ހެދޭ ފަހަރު އިތުރުވި ކަމަށް އޭނާ ބުނެ އެވެ. ގޭގެ މާހާއުލާއި މަސައްކަތުގެ މާހައުލަކީ ތަފާތު ދެ މާހައުލެއް ކަަމަށާއި ގޭގައި ހުރެ މަސައްކަތް ކުރުމުގައި ތަކުލީފު ތަކެއް ދިމާވި ކަމަށް އޭނާ ބުނެ އެވެ. މިހާރު ވަޒީފާއަށް ނުކުންނަނީ އޮފީހަށް ކަމަށާއި 2020 ގައި އޭނާ ތަޖުރިބާ ކުރި ކަންތައްތަކަކީ މާމަ ދަރިންނަށް ކިޔައިދޭން ވެސް ރައްކާ ކުރާނެ ވަރުގެ މޮޅު ވާހަކަތަކެއް ކަމަށް އޭނާ ބުނެ އެވެ.
ގޭގައި މަސައްކަތް ކުރުމުގެ ތަޖުރިބާއިން ނަފްސާނީ ގޮތުން އަސަރުކޮށް ދާދި ފަހުން މަސައްކަތުގެ މާހައުލުން ދުރަށް ޖެހިލުމަށް ޗުއްޓީއެއް ނެގި އަންހެނަކު ބުނީ، މިއިން ކަމެއް މީހަކާ ހިއްސާ ކޮށްލަން އުޅުނަސް މަސައްކަތުގެ މާހައުލުގައި ނޫޅޭ މީހުންނަށް އެ އިހްސާސްތައް އަންދާޒާ ކޮށްލަން ވެސް ނޭނގޭނެ ކަަމަށެވެ. އަދި ރަހްމަތްތެރިންގެ ތެރެއިން ވެސް ފިރިހެން ރައްޓެހިންނަށް ގޭގައި މަސައްކަތް ކުރަން ޖެހުމުން އެވާ ތަކުލީފު ދެނެގަންނަން ނޭނގޭ ކަމަށާއި އެމީހުން ބުނާނީ މީ ސަޅި ކަމެއް ކަމަށް އޭނާ ބުނެ އެވެ.
މިކަމާ ގުޅިގެން ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު ބުނީ، ކޮވިޑްގެ ހާަތުގައި ނަފްސާނީ ގޮތުން އަސަރުތަކެއް ކުރީ ހަމަ އެކަނި ކަރަންޓީނަށް ގޮސް ބަންދުގައި ތިބެން ޖެހުނު މީހުންނަށް އެކަނި ނޫން ކަމަށެވެ. ފްރަންޓް ލައިންގައި މަސައްކަތް ކުރި މީހުންގެ އިތުރުން ގޭގައި ތިބެން ޖެހުމުންވެސް ނަފްސާނީ ގޮތުން އާއިލާ ތަކުގައި ތިބި ކުދި ބޮޑު އެންމެންނަށް ވެސް މިކަމުން ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. އެގޮތުން ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން، މީހުންގެ ހިތުގައި އަށަގަންނަމުން ދިޔަ ބިރުވެރިކަމާއި ދިރިއުޅުމުގައި ދިމާވަމުން ދިޔަ އެކި ކަހަލަ ދަތިތަކުން އަރައިގަތުމަަށް ފިޔަވަޅު އަޅަން ނޭނގި، ގޮތް ހުސްވާ ހިސާބަށް ދިޔަ ކަން އޭނާ ފާހަގަ ކުރި އެވެ.
މަސައްކަތުގެ މާހައުލު ގެއަށް ބަދަލުކުރަން ޖެހުމުން ވެސް އެތައް ބަޔަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެއީ ސައިކޮލޮޖިކަލީ ކުއްލިއަކަށް މީހެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުމުން ނަފްސާނީ ގޮތުން މީހާ ބަލިކަށިވެގެން ދާނެ ކަމަށް އޭނާ ބުނެއެވެ. ހާލަތަށް މަޑުމަޑުން ހޭނުމަށްޓަކައި ޕޮޒިޓިވްކޮށް ވިސްނުމަކީ ކުރެވޭނެ ކަމެއް ކަމަށާއި ގޭގައި ހުންނަން ޖެހުމުން ދިމާވާ އެފަދަ ނަފްސާނީ ކަންކަމުން ދުރަށް ޖެހެން ތަފާތު ކަންކަން ކުރެވިދާނެ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ކަސްރަތު ކުރުމާއި ހަށިގަނޑަށް ފައިދާ ހުންނަ ކާނާ ކެއުމާއި ދިރިއުޅުމުގައި ކަންކަން ކުރާނެ ގޮތް ރާވާލައި ޕްލޭން ކުރުމަށް އިސްކަން ދެވިދާނެ ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން މިފަދަ ކަންކަމަކީ ދިމާވާ ޗެލެންޖެއްގެ ގޮތުގައި ބަލައިގެން މަޑުމަޑުން އެކަމުން އަރައިގަންނަން މަސައްކަތް ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ބުނެއެވެ. އަދި ލިބޭ ބައެއް ހުސްވަގުތު ތަކުގައި ފޯނުން ރައްޓެހިން އަދި ދުރުގައި ތިބޭ އާއިލާގެ މީހުންނާ ގުޅައިގެން ވާހަކަ ދައްކާލުމަކީ ވެސް ނަފްސާނީ ގޮތުން މީހާއަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ބުނެއެވެ.
ކޮވިޑާ ގުޅިގެން އދ އިން ވަނީ މި މުޖުތަމައުއަށް ކުރި އަސަރު ދެނެގަތުމަށް ސާވޭއެއް ހދާފައެވެ. މި ސާވޭގައި 4754 މީހުން ބައިވެފައި ވެއެވެ. އެ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތުގައި ފުރަބަންދު ވުމުގެ ސަބަބުން ރާއްޖޭގައި ނަފްސާނީ ގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައި ތިބި ބަޔަކީ އަންހެނުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ 68 ފަސެންޓް އަންހެނުން ކަމަށް ސާވޭއިން ދައްކައެވެ. އަދި ފިރިހެނުންގެ ތެރެއިން އާބާދީގެ 56 ޕަސެންޓް ފިރިހެނުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ދައްކައެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް ހާލަތު ރަނގަޅުވަމުން އަންނާތީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިދީ، މާލެ ސަރަހައްދުގައި އިއުލާން ކޮށްފައި ވާ ކާފިއުވެސް ވަނީ އުވާލާފައެވެ. މަސައްކަތް ކުރާ ތަންތަނަށް މުވައްޒަފުން ނުކުމެ މަސައްކަތް ކުރަން ފަށާފައި ވީ ނަމަވެސް އަދިވެސް މަދު އޮފީސްތަކެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގޭގައި ތިބެގެންނެވެ. މިކަމާ ގުޅޭ ގޮތުން އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭ ގޮތުން އެމީހުންގެ ޝުއޫރުތައް ވެސް ފާޅުކޮށްފައެވެ.
އިގްތިސޯދީ މަންފާ އާއި ސަރަހައްދީ އަދި ބައިނަލް އަގްވާމީ ގުޅުން ހަރުދަނާކޮށް ބަދަހި ކުރަން މަސައްކަތް ކުރާ މިނިވަން ޖަމިއްޔާއެއް ކަމަށް ވާ ދަ އިންސްޓިޓިއުޝަން ފޯ ޕޮލިސީ އެޑްވޮކަސީ އެންޑް ގަވަނަންސް (އައިޕީއޭޖީ) އިން ބުނީ މި ފުރަބަންދުގެ ދުވަސްތަކުގައި ވޯކް ފްރޮމް ހޯމް އާ ގުޅިގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ދުނިޔޭގެ 50 ޕަސެންޓް މަސައްކަތްތެރިން ބޭނުން ވަނީ މަސައްކަތް ކުރަން ފަސޭހަ މާހައުލެއް ކަމަށެވެ. ނަމަވެސް ބައިބޯވެފައިވާ މާލޭގައި ގޭގައި މަސައްކަތް ކުރަން ޖެހުމުން މަސައްކަތް ކުރަން ފަސޭހަ މާހައުލެއް ހޯދަން އުނދަގޫވެ އެވެ. ވަކިން މަސައްކަތް ކުރަން ސްޓޭޝަން އެއް ހެދުމުގެ ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހެއެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ތަކުލީފުތަކަށް ދެން ލުއިކަމެއް ފޯރުކޮށްދެވެން އޮތީ ގޭގައި ތިބޭ މީހުންގެ ފަރާތުންނެވެ. އެގޮތުން އެހީތެރިކަމެއްގެ އަތެއް ފޯރުކޮށް ދިނުމަކީ ކޮންމެ އާއިލާ މެންބަރެއްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކުމަކީ ރަނގަޅު ހައްލެކެވެ. ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ލާމަސީލް ނަމޫމާ އަކަށް ވީ ހިނދު މި ފަދަ ހާލަތެއްގައި އާއިލާގައި މަސައްކަތް ކުރާ މީހާއަށް އެހީވުމަކީ މުޅި އާއިލާއަށް ވެވޭ އެހީއެއް ނޫން ހެއްޔެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ގަރަގު ވެގެން ދިއުމަށް ވުރެ އެހީގެ އަތެއް ފޯރުކޮށް ދިނުމަކީ ކުރެވިދާނެ ކަމެކެވެ.
އޮފީސްތަކުގެ ވެރިން ފަތިހު 4:30 ގައި މެއިލްކުރާނެ މަސައްކަތް އެދުވަހަށް ނިންމަން. އިރުއިރުކޮޅާ ގުޅާ، އަހަރެމެންވެސް ކޮންމެހެން ގޭގަ މަސައްކަތްކުރާހިތަކުން ނޫޅެމޭ. ޢެކަމަކު މިފާޑަށް އަޅުދަށުކޮށްގެން މަސައްކަތްކުރެވޭތަ؟ ކޮބާތަ ގޭގެ އިންޓަރނެޓަށް ދައްކަންޖެހޭ ލާރި. އެއެއް ދިންތަ؟ މާރަގަޅުވާނެ މިކަންކަމަށް ސަރުކާރުގެ ބަސް ހޯދާފަ ހަބަރު ލިޔަން