ހިމަބިއްސަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ 9 މީހަކު ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހިމަ ބިއްސަށް އިތުރު މީހަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ ނުވަޔަކަށް އަރައިފައިކަމަށެވެ.

އަދި ބަލިޖެހިފައިވާ ފަރާތެއް ފެނުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސަރަހައްދެއްގައި މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ވުމާއެކު، ވެކްސިން ނުޖަހާ ތިިބި ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ. އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް 4449 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 129 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި 497 ސިއްހީ ހިދުމަތްތެރިން ވެސް އެ މިނިސްޓްރީން ވަނީ ތަމްރީނުކޮށްފައެވެ.